ޑިއުކް އޮފް ޔޯކް ޕްރިންސް އެންޑްރޫ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އަންހެނަކު ކޮށްފިއެވެ.

ވާޖީނިއާ ޖޮފްރޭ ނަމަކަށްކިޔާ އަންހެނަކު ޕްރިންސް އެންޑްރޫގެ މައްސަލަ ހޯމަ ދުވަހު ހުށަހަޅާފައިވާއިރު، އެމައްސަލައިގައި ބުނެފައިވަނީ ޖޮފްރޭއަށް 17 އަހަރުގައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. މީގެ ވިއްސަކަށް އަހަރުކުރިން އެންޑްރޫ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނާ ޖޮފްރޭގެ ބަޔާނުގައި ބުނެފައިވަނީ 18 އަހަރުން ދަށުގެ ކުދިން ރޭޕްކޮށް، ޝާހީ އާއިލާތަކުގެ މީހުންނަށް ފައިސާއަށް ޖިންސީ ގުޅުން ހިންގުމަށް ޒުވާން އަންހެންކުދިން ހޯދައިދޭ ކަމަށް ވަރަށް ކުރިން ސުރެ ތުހުމަތު ކޮށްފައިވާ ޖެފްރީ އެޕްސްޓެއިން ނަމަކަށްކިޔާ އެމެރިކާގެ ވިޔަފާރިވެރިއަކު މި އަމަލުގައި ބައިވެރިވެފައިވާ ކަމަށެވެ.

ޖެފްރީ އެޕްސްޓެއިން ވަނީ ސެކްސް ޓްރެފިކިންގްގެ ތުހުމަތުގައި ނިއުޔޯކްގެ މެންހާޓަންގެ ޖަލެއްގައި ބަންދުކޮށްފައި ވަނިކޮށް 2019 ވަނައަހަރުގެ އޮގަސްޓް މަހުގެ 10 ދުވަހު އަމިއްލައަށް މަރުވެފައެވެ. ޖެފްރީ އަމިއްލައަށް މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވީ ކަމުގައި ވިޔަސް އެތަށް ބައެއްގެ ޖިންސީ މުޑުދާރު އަމަލުތަކުގެ ހަގީގަތްތައް ޖެފްރީގެ ފަރާތުން ބޭޒާރުވެދާނެތީ ބަޔަކު ގަސްދުގައި އޭނާ މަރާލައި، އަމިއްލައަށް މަރުވީކަމަށް ރިޕޯޓު ކޮށްފައިވަނީ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

ވާޖީނިއާ ޖޮފްރޭ ނަމަކަށް ކިޔާ އަންހެންމީހާ އެންމެ ފުރަތަމަ އެންޑްރޭގެ މައްޗަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފައިވަނީ 2019ވަނަ އަހަރުއެވެ. މި ތުހުމަތުތައް އެންޑްރޫ ވަނީ ދޮގުކޮށްފައެެވެ. އަދި އެދުވަސްވަރު ޕްރިންސް އެންޑްރޫގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ހިންގި ތަހްގީގަށް އެންޑްރޫގެ އެއްބާރުލުން ލިބިފައިނުވާކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެއެވެ.