އޮޅިގެން މަތިންދާ ބޯޓު "ހައިޖެކް" ކޮށްފައިވާކަަމަށް ބުނެވިގެން މަތިންދާ ބޯޓުގައި ތިބި އެންމެން އަތް މައްޗަށް ނަގައިގެން ތިބެއްޖެއެވެ.

ރޭގެ ވަގުތެއްގައި ޖެޓް ބްލޫ މަތިންދާ ބޯޓުން ދަތުރު ކުރި ގިނަ ފަސެންޖަރުންތަކެއް އަތް މައްޗަށް ނަގައިގެން ތިބޭ މަންޒަރު ފެންނަ ވީޑިޔޯއެއް މިހާރު މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އެ މަތިންދާ ބޯޓަކީ ނިއުޔޯކް އިން ލޮސް އެންޖަލަސްއަށް ދިޔުމަށް ފުރި ފްލެއިޓެކެވެ.

ޕައިލެޓަށް އޮޅިގެން އެ މަތިންދާ ބޯޓު ހައިޖެކް ކޮށްފައިވާކަމަށް ބުނުމުން ފުލުހުންނާއި ފަޔާގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަރަކާތްތެރިވެފައެވެ.

އެ ޕައިލެޓް އަސްލު އުޅުނީ އެ އެއާޕޯޓްގެ ޓަވަރަށް އެ މަތިންދާ ބޯޓުގެ ރޭޑިޔޯ ސިގްނަލް މަސައްކަތް ނުކުރާކަން އެންގުމަށެވެ. އެހެން ނަމަވެސް އޭނާއަށް އޮޅިގެން ފިއްތުނީ ހައިޖެކް ފިތަށެވެ.

އަދި މުޅި އެއާޕޯޓް އެލާޓަށް ގެނައެވެ. އަދި އެ ފްލައިޓް އަނބުރާ އެ އެއާޕޯޓަށް ޖެއްސިއިރު، ފުލުހުންނާއި، ސެކިޔުރިޓީ އަދި ފަޔާ އާއި އިތުރު ބައެއް މީހުން ތިބީ ދިމާވެދާނެ ނުރައްކަލަށް ތައްޔާރުވެގެންނެވެ.

އެ ހާދިސާއާއި ގުޅިގެން އެވަގުތު އެ އާޕޯޓްގައި ފުރަން އޮތް އެތައް ފްލައިޓެއް ހުއްޓުމަކަށް އައިއިރު، ޖައްސަން ހުރި ފްލައިޓްތައްވެސް ވަނީ ލަސްވެފައެވެ.

އެވަގުތު އެ މަތިންދާބޯޓުގައި 158 ފަސެންޖަރުން ތިއްބެވެ. އެ މަތިންދާ ބޯޓަކީ ރޭ 7:30 ގައި ފުރަން އޮތް ފްލައިޓެކެވެ. އެހެން ނަމަވެސް އެ ހާދިސާ ހިނގުމުން އެ މަތިންދާ ބޯޓު ފުރާފައި ވަޏީ އެރޭ 11:30 ހާއިރުއެވެ.

ޖެޓްބްލޫގެ ސްޕޯކްސް ޕާސަން އެ ހާދިސާ ހިނގި ގޮތް ތަފްސީލުކޮށް ނުދެއެވެ. އޭނާ ބުނީ، އެ މަތިންދާ ބޯޓަށް އެޅިގެން އެއާޕޯޓްގެ ޓަވަރަށް ނުބައި ސިގްނަލެއް ފޮނުވާލެވުނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު