ބޭކިން ސޮޑާއަކީ ކާތަކެތި ކެއްކުމުގައި ބޭނުން ކުރެވޭ ބާވަތެއް ނަމަވެސް މިއީ ސިއްހީ ގޮތުން އަދި އެހެނިހެން ވެސް ކަންކަމުގައި ބޭނުން ކުރަން ވަރަށް ރަނގަޅު ބާވަތެކެވެ.

ބޭކިން ސޮޑާ ބޭނުންކޮށްގެން ކުރެވިދާނެ ބައެއް ކަންތައްތައް

އަނގައިން ދުވާ ނުބައި ވަސް ފިލުވާފިލުމަށް

އަނގައިން ދުވާ ނުބައި ވަސް ދަތް އުނގުޅުމުން ވެސް ބައެއް ފަހަރަށް ނުފިލައެވެ. ނަމަވެސް ބޭކިން ސޮޑާއިން އެކަމަށް ހައްލު ހޯދިދާނެއެވެ. ހޫނު ފެންތައްޓެއްގެ ތެރެއަށް ބައި ސަމުސާ ބޭކިން ސޮޑާ އެޅުމަށް ފަހު ގިރާލާށެވެ. އަދި އެއިން އަނގަ ދޮވެލާށެވެ.

ކިހިލިފަތްދޮށުން ދުވާ ނުބައި ވަސް ނައްތާލުމަށް

މިއީ ޑިއޮޑްރެންޓެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ފެންފޮދެއްގެ ތެރެއަށް ކުޑަކުޑަ ބޭކިން ސޮޑާކޮޅެއް އެޅުމަށް ފަހު އެއްކޮށްލާށެވެ. އަދި ކިހިލިފަތްދޮށުގައި އުނގުޅާށެވެ.

ފާހާނާ ސާފުކުރުމަށް

ފާހާނާ ރީތިކޮށް ސާފުކޮށްލާ ޑިސްއިންފެކްޓް ކުރުމަށް ވެސް ބޭކިން ސޮޑާ ވަރެއް ނެތެވެ. ފެން ފޮދެއްގެ ތެރެއަށް ބޭކިން ސޮޑާ އަޅައި އެއްކޮށްލުމަށްފަހު ތުވާއްޔަކުން ނުވަތަ ސްޕޮންޖު ކޮޅަކުން މުށިތަކާއި ފާހާނާ ތަށީގައި އުނގުޅާލާށެވެ.

ދިރޭއެއްޗެހި ހަފާތަންތަން ރަނގަޅު ކޮށްލުމަށް

ކޮންމެ ދުވަހަކު ބޭނުން ކުރުން ރަނގަޅު ނޫން ނަމަވެސް ދިރޭ އެއްޗެއް ހަފައިގެން ހިރުވުމާއި ހަންގަނޑު ރަތްވުން ފަދަ ކަންތައްތައް ދިމާވުމުން އެތަނެއްގައި ބޭކިން ސޮޑާކޮޅެއް ހާކާލުމުން ރަނގަޅު ވާނެއެވެ.

ސިންކުން ފެން ހިންދާލުމަށާއި ނުބައި ވަސް ފިލުވާލުމަށް

ސިންކުން ފެން ނުހިނދޭ ނަމަ އަދި ނުބައި ވަސް ދުވާނަމަ އެއް މިނިޓް ވަންދެން ހޫނުފެން ސިންކަށް އެޅުމަށްފަހު 4/1 ބޭކިން ސޮޑާ އަޅާށެވެ. އިރުކޮޅެއް ވަންދެން ބަހައްޓާލުމަށްފަހު އެއް ޖޯޑު ވެނިގާ އަޅާށެވެ. އެއަށްފަހު 10 މިނިޓް ވަންދެން ބަހައްޓާލުމަށްފަހު ފެނުން ދޮވެލާށެވެ.

މީގެއިތުރުން ދަތްތައް ހުދުކޮށްލުމަށާއި ކަރުގައި ރިހުން ރަނގަޅު ކުރުމަށާއި ދަތްއުނގުޅާ ބުރުސް ޑިސްއިންފެކްޓް ކޮށްލުމަށް ވެސް ބޭކިން ސޮޑާ ބޭނުން ކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު