ބައިވެރިޔާއާއި ދެބަސްވެ އަރާރުންވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ނަމަވެސް ބައެއް ހާލަތްތަކުގައި އެކަން ވެސް ކުރަން ޖެހެއެވެ. އެކަމަކީ އެއްކޮށް ހުއްޓާލެވޭނެ ކަމެއް ވެސް ނޫނެވެ. ނަމަވެސް ދެބަސްވާ އިރު މައްސަލަ އިތުރަށް ގޯސްނުވާނެހެން ކަންތައް ކުރެވިދާނެއެވެ.

ދެބަސްވެ އަރާރުންވެވޭ ހިނދު ހެދޭ ބައެއް ގޯސްތަކަކީ:

ބައިވެރިޔާގެ ވިސްނުން ހުންނަން ޖެހޭނީ ތިބާއާއި އެއްގޮތަކަށް ކަމަށް ހީކުރެވުން

ކޮންމެ މީހަކީ ވެސް ތަފާތު މީހެއްކަން ދެނެގަންނަން ވާނެއެވެ. އަދި ކޮންމެ މީހެއްގެ ވެސް ވިސްނުން ތަފާތުވާނެ ކަމާއި އަނެކާގެ ދެކޭގޮތަކަށް އިހުތިރާމު ކުރަންޖެހޭނެއެވެ. ނޫންނަމަ މައްސަލަ އިތުރަށް ގޯސްވާނެއެވެ.

ތިބާގެ ކުށެއް ނެތް ކަމަށް ގަބޫލުކުރުން

ތިބާގެ ކުށެއް ނެތް ކަމަށް ގަބޫލުކޮށް، ކުށްވެރިއަކީ ބައިވެރިޔާ ކަމަށް ދެކިގެން ދެބަސްވުން ފެށުމުން މައްސަލަ އިތުރަށް ގޯސްވާނެއެވެ.

އަޑުގަދަކޮށްގެން ކުރިހޯދޭނެކަމަށް ހީކުރެވުން

ދެބަސްވުމުން ކުރި ހޯދަން ބޭނުން ނަމަ ގަބޫލު ކުރެވޭ ހެކިތަކާއި ކަންތައްތައް ހިއްސާކުރުން ރަނގަޅުވާނެއެވެ. އަޑުގަދަ ކޮށްގެން އެއްވެސް ކަމެއް ހާސިލެއް ނުވާނެއެވެ.

އެންމެ ވިސްނުންތޫނު މީހާއަށް ކުރި ލިބޭނެކަމަށް ހީކުރެވުން

މިއީ ވިސްނުންތޫނު މީހާއަށް ކުރި ހޯދޭނެ ކަމެއް ކަމަށް ނުދެކޭށެވެ. އޭގެ ބަދަލުގައި ދެމީހުން ވެސް ވާހަކަދައްކާ، ދެފަރާތުގެ ވާހަކަ އަޑުއަހާ އަދި ހައްލެއް ހޯދުމަށް މަސައްކަތް ކުރާށެވެ.

ކުރި ހޯދުމަށް ދެބަސްވުން

ކުރި ހޯދުމަށް ދެބަސްވާނަމަ އެކަން އިތުރަށް ގޯސްވެ ހައްލު ނުވާ ހިސާބަށް މައްސަލަ ދާނެއެވެ.

މީގެ އިތުރުން ވެސްބުނާ އެއްޗެއް ތަކުރާރުކޮށް ބުނުމާއި، ކޮންމެ ކަމަކަށް ވެސް ހައްލެއް އޮންނަން ޖެހޭނެ ކަމަށް ހީކުރެވުމާޢި، އެންމެ ރަނގަޅު ގުޅުމެއްގައި ދެބަސްވާން ނުޖެހޭނެ ކަމަށް ހީކުރެވުމަކީ ވެސް ދެބަސްވެވޭ ހިނދު ހެދޭ ގޯސްތަކެވެ.