ކުރީގެ ލޯބިވެރިޔާ ގާތަށް އެނބުރި ދިޔުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ދިމާވާ އެތައް ކަމެއްގެ ސަބަބުން ކުރީގެ ލޯބިވެރިޔާ އަނބުރާ ހަޔާތަށް ގެނެވެއެވެ.

ކުރީގެ ލޯބިވެރިޔާ ނުވަތަ ގެއްލުނު ލޯބި އަނބުރާ ހޯދުމަށް ވެސް މީހުން ވަރަށް މަސައްކަތް ކުރެއެވެ. އެއީ ކީއްވެ ހެއްޔެވެ؟

މި ސުވާލަށް ޖަވާބު ދެމުން ޑޮކްޓަރު އެންޑްރޭ ޓެން ބުނެފައިވަނީ ކޮންމެވެސް ގޮތަކުން ހަގީގީ ލޯބި ލިބޭނެ ކަމަށް އުއްމީދު ކުރެވޭނެ ކަމަށާއި އެ ލޯބި ކާމިޔާބު ވާނެ ކަމަށް ބުނާ ބުނުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ދެ މީހަކު ދިމާވެ ލޯބިވެގެން އުޅުމަށް ފަހު ދިމާވާ ކަންތައްތަކެއްގެ ސަބަބުން ވަކިވުމަށް އެ ހުރަސްތައް ކަނޑައްތުކޮށް އަލުން އެނބުރި ހަޔާތަށް އަންނަ ފަދަ ވާހަކަތަކާއި ފިލުމުތަކުގެ ސަބަބުން ކުރީގެ ލޯބިވެރިޔާ ލިބޭނެ ކަމުގެ އުއްމީދު ގިނަ ބަޔަކަށް ކުރެވޭ ކަމަށް ވެސް ޑރ. އެންޑްރޭ ބުނެފައިވެއެވެ.

ޑރ. އެންޑްރޭ ފާހަގަ ކޮށްފައިވާ ގޮތުގައި އެކަނިވެރިވުމާއި، ހާސްވުމާއި ފިކުރު ބޮޑުވުމާއި އަދި ފޫހިވުމުގެ ސަބަބުން ކުރީގެ ލޯބިވެރިޔާ މަތިން ހަނދާންވެ، އޭނާ ހަޔާތަށް އަނބުރާ ގެނައުމަށް އެންމެ އިސް ރޯލެއް އަދާކުރަނީ އުއްމީދެވެ.

ކުރީގެ ލޯބިވެރިޔާގެ ފަރާތުން ލިބުނު އަނިޔާތަކާއި ވަކިވުމަށް މެދުވެރި ސަބަބު ހަނދާންނެތި، ނުވަތަ އެ ހިތްދަތިކަމަށް ވުރެ ބޮޑަށް އެ ލޯބީގެ ހަނދާންތަކާއި އޭނާގެ އަޅާލުމާއި އޯގާތެރިކަމާއި ލޯތްބަށް ބޭނުންވުމަކީ ވެސް ކުރީގެ ލޯބިވެރިޔާ ހަޔާތަށް އަނބުރާ ގެނައުމަށް ބާރުއަޅާ ކަމެކެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ދެކޭގޮތުގައި ކުރީގެ ލޯބިވެރިޔާ އަނބުރާ ހަޔާތަށް ގެނައުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ކުރިން ވެސް ތިބާގެ ހިތް ހަލާކު ކޮށްލާ ތިބާއަށް އަނިޔާ ދިން މީހަކު ދެން ވެސް އެ އަނިޔާ ދޭނެއެވެ. އެކަންތައްތައް ތަކުރާރުވެދާނެއެވެ.

އެހެނަސް ލޯތްބަކީ އިހުސާސެއް ކަމުން އެއީ ވަކި މީހަކަށް ބާރުފޯރުވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި އެމީހަކު ހިތްއެދޭ ގޮތަށް ކަންތައް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޑރ. އެންޑްރޭ ބުނެފައިވެއެވެ.