މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސުއިފްޓް ޓިކްޓޮކް ބޭނުންކުރަން ފަށައިފި އެވެ.

ޓެއިލާ ޓިކްޓޮކް ބޭނުންކުރަން ފެށިއިރު އެންމެ ފުރަތަމަ ލާފައިވަނީ އޭނާގެ ކުރިޔަށް އޮތް ލަވަ އަލްބަމް ނެރޭ ތާރީހެއް އިއުލާން ކުރުމާއި ގުޅޭގޮތުން ހަދާފައި ޓިކްޓޮކެކެވެ. އޭނާގެ އެންމެ ފަހުގެ ލަވަ އަލްބަމަށް ކިޔާފައިވާ ނަމަކީ ’ރެޑް‘ އެވެ.

31 އަހަރުގެ ލަވަކިޔުންތެރިޔާ ފުރަތަމަ ފަހަރަށް ޓިކްޓޮކެއް ހަދާފައިވާއިރު އޭނާ ބުނީ މިދުވަސްކޮޅު ގިނަ ކަންކަން އޭނާގެ ހަޔާތުގައި ހިނގަމުންދާ ކަމަށެވެ. އަދި ކޮވިޑް-19 އެންމެ ގަދައަށް ފެތުރުނު ދުވަސްތަކުގައި އޭނާ ކިޔާފައިވާ ލަވަތައްވެސް ރެޑް ގައި ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.

ޓެއިލާ ޓިކްޓޮކް އަށް ލާފައިވާ ވީޑިއޯގައި އޭނާ ކިޔަމުން ދިޔައީ އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޑޭވްގެ ސްކްރިއު ފޭސް ކެޕިޓަލް ލަވައެވެ. ޓެއިލާ ދިޔައީ މި ލަވަ ކިޔާގޮތަށް ތުންފަތް ތަޅުވަމުންނެވެ. އަސްލު ލަވަ ޓިކްޓޮކުން އަޑުއިވެއެވެ.

ޓިކްޓޮކް ނިމޭތަންކޮޅުގައި ޓެއިލާ ހުއްޓިލައިގެން ހުރީ އަލިގަދަ ވަށްކޮށް ހަދާފައިވާ ބޮއްކެއް ކުރިމަތީގައި އެވެ. އޭރު އޭނާ ވަނީ ރެޑް ރިލީޒް ކުރާނެ ތާރީހުވެސް ހާމަކޮށްފަ އެވެ. ޓެއިލާ ބުނީ އޭނާ އެންމެ ފަހުގެ ލަވަ އަލްބަމް ރެޑް ރިލީޒް ކުރާނީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައި ކަމަށެވެ.

ލޯބީގެ ގިނަ ލަވަތަކެއް ކިޔާދީފައިވާ ޓެއިލާގެ ރެޑް އަލްބަމް ގައި 30 ލަވަ ހިމެނޭއިރު މިދިޔަ އޭޕްރީލް މަހުގައިވެސް އޭނާގެ ލަވަ އަލްބަމެއް ނެރެފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެފަހަރު އޭނާ ނެރުނު ލަވައަލްބަމް އަކީ ފިޔާލެސް ނަމަކަށް ކިޔާ ލަވަ އަލްބަމެކެވެ.