އަވަށްޓެރި އިންޑިޔާގެ ސްކޫލެއްގައި ހުރިހާ ދަރިވަރުން، ސާނަވީ ސްކޫލު ނިންމާ އިމްތިޙާނުން ފެއިލްވެއްޖެއެވެ.

ކުޑަ އަވަށެއްގައި ހުންނަ އަންހެން ކުދިންގެ ސްކޫލެއްގެ ހުރިހާ ދަރިވަރުން، އިމްތިހާނުން ފެއިލްވެފައިވަނީ އެސްކޫލުގައި ކިޔަވައިދޭނެ ޓީޗަރެއް ނެތުމުންނެވެ.

ސްކޫލެއްގެ ހުރިހާ ދަރިވަރުން ފެއިލްވި ޚަބަރު އާއްމުވުމުން، އެތައް ބަޔަކުވަނީ ހައިރާންވެފައެވެ. އަދި، ބައެއް ފަރާތްތަކުންވަނީ އެޤައުމުގެ ތައުލީމީ ނިޒާމު އޮތްގޮތަށްވެސް ފާޑު ކިޔާފައެވެ.

އެޤައުމުގެ ނެރެމުން އަންނަ މަޝްހޫރު އޮންލައިން ނޫހެއްކަމަށްވާ "އިންޑިޔާ ޓައިމްސް" އިން ބުނެފައިވާ ގޮތުގައި ގުރޭޑް 10 އެއްގެ ދަރިވަރުންނަށް ކިޔަވައިދޭނެ ޓީޗަރުން ނެތީ ބައެއް މާއްދާތަކަށެވެ. އެމާއްދާތަކަކީ އެންމެ މުޙިއްމު މާއްދާތައްކަމަށްވާއިރު، އޭގެތެރޭގައި ހިމެނެނީ ސާންސްކްރިތު، ހިންދީ، ހިސާބު އަދި ސައިންސެވެ.

މިކަމާ ގުޅިގެން ހަރިޔާނާ ސްޓޭޓުގެ، އިމްތިޙާނުތަކާ ބެހޭ އިދާރާއިން ބުނެފައިވަނީ ދަރިވަރުންނަށް އެމާއްދާތައް ކިޔަވައިދީފައި ނުވިޔަސް، ސްކޫލުން އެކުދިން، އިމްތިޙާނުގައި ބައިވެރިކޮށްފައިވާކަމަށެވެ. އަދި، އެ އަވަށުގެ ސްކޫލުން އިމްތިޙާނު ހަދާފައިވަނީ 24 ކުދިންކަމަށްވެސް ބުނެފައިވެއެވެ. އަދި، މިއީ މިހާ ދަށް ނަތީޖާއެއް ނެރުނު ފުރަތަމަ ސްކޫލުކަމުގައި، އެފަރާތުން ބުނެފައިވެއެވެ.

އެސްކޫލުގައި މަސައްކަތްކުރާ ޓީޗަރަކު، ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބައެއް ޓީޗަރުން ނެތުމުގެ އިތުރުން، އެސްކޫލުގެ ކަންކަން ބަލަހައްޓާނެ އިސް ވެރިޔަކުވެސް ނެތްކަމަށެވެ. އެގޮތުން، ޕްރިންސިޕަލްގެ މަޤާމު ހުސްވެފައި އޮންނަތާ ހަތަރު މަސް ދުވަސް ވެފައިވާކަމަށް އެމީހާ ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެ އަވަށުގެ ރައްޔިތުން ބުނެފައިވަނީ، މިކަމުގައި ކުށްވެރިވަނީ ސްޓޭޓުގެ ސަރުކާރާއި، އެސަރުކާރުގެ ތައުލީމީ އިދާރާކަމުގައެވެ. އަދި، ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި އެމީހުން ޢަމަލު ކުރަމުންދާ ގޮތް ދިމާ ނުވާކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން، އެ އަވަށުގެ އެންމެ އިސްވެރިޔާ ބުނެފައިވަނީ ސްކޫލުގައި އެކަށީގެންވާ އަދަދަށް ޓީޗަރުން ނެތުމުން، އެމައްސަލަ ކަމާބެހޭ ފަރާތްތަކާ ހަމައަށް ގެންދިޔަކަމަށާއި އެހެންނަމަވެސް، އެފަރާތްތަކުން މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ދީފައި ނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑުކެކުރި

    މިވެސް މިރާއްޖޭގައި ހިނގިކަމެއްނަމަ އިންޑިއާއިން ބޭނިގަތީސް.