އިނގިރޭސިވިލާތުގެ ނޮތަމްޓަންގެ އުމުރުން 25 އަހަރުގެ އަންހެނެއް ކަމުގައިވާ ލޯނާ ގޫޑިންގްސްއަށް އޭނާ ބަނޑުބޮޑުކަން އެނގުނީ ވިހެއުމުގެ ހަތަރު ގަޑިއިރު ކުރިންނެވެ. ލޯނާގެ ބަނޑަށް އުދަނގޫވެ، އާދަޔާ ޚިލާފު ގޮތްތަކެއް ވާން ފެށުމުން އޭނާ ހީކުރީ ނުވިހާ އޮޕަރޭޝަން ކުރުމުގެ ސަބަބުން ބަނޑަށްވާ ގޮތްތަކެއް ކަމަށެވެ.

ލޯނާ ވަނީ މިދިޔަ ޖުލައި މަހު ޕްރެގްނަންސީ ޓެސްޓެއް ވެސް ހަދާފައެވެ. އެ ޓެސްޓުން ދެއްކިގޮތުގައި އޭނާ ބަނޑުބޮޑެއް ނޫނެވެ. ނަމަވެސް އެއިރު ލޯނާގެ ބަނޑަށް 38 ހަފުތާވާނެއެވެ.

ލޯނާ ބަނޑުބޮޑުކަން އެނގުނީ ބަނޑުގައި ރިއްސައިގެން، ވިހެއުމުގެ ހަތަރު ގަޑިއިރު ކުރިންނެވެ. މިކަމުގެ ސަބަބުން ލޯނާއަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ.

ލޯނާ ވިހާފައިވަނީ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހު ނޮތަމްޓަންގެ ޖެނެރަލް ހޮސްޕިޓަލެއްގައެވެ. އޭނާ ވިހާފައި ވަނީ އަންހެން ކުއްޖެކެވެ.

ބަނޑުބޮޑުކަން އެނގުނުގޮތް ކިޔައިދެމުން ލޯނާ ބުނެފައިވަނީ ބަނޑުގައި ރިއްސަން ފެށީ ރަހުމަތްތެރިންނާއި އެކު ޕާޓީ ކުރަން ހުއްޓާ ކަމަށެވެ. ބަނޑުގައި ރިއްސަން ފެށުމުން ރަހުމަތްތެރިން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ.

ހޮސްޕިޓަލުން ބަލާފައި ބުނީ ބަނޑުބޮޑު ކަމަށާއި ބަނޑުގައި ރިއްސާ ރިއްސުމަކީ ''ލޭބަރ ޕެއިން'' ކަމަށެވެ. ލޯނާއާއި އޭނާގެ ބައިވެރިޔާ ނިކްއަށް މިއީ ހައިރާން ކުރުވަނިވި ވާހަކައަކަށް ވި ނަމަވެސް އޭގެ ހަތަރު ގަޑިއިރު ފަހުން ލޯނާ އަންހެން ކުއްޖަކު ވިހެއީއެވެ.

ހަށިގަނޑު ހުންނަލެއް ފަލަކަމުންނާއި ނުވިހާ އޮޕަރޭޝަން ކޮށްފައިވާތީ ދަރިއަކު ލިބިދާނެ ކަމަށް ހީކުރެވިފައި ނުވާ ކަމަށް ވެސް ލޯނާ ބުނެފައިވެއެވެ.

ބަނޑުބޮޑުވިކަން ނޭނގި ވިހެއި ނަމަވެސް ލޯނާ ވިހެއި ދަރިފުޅާއި އޭނާގެ ހާލު ރަނގަޅެވެ.