އެމެރިކާގެ އަންހެނަކު އޭނާގެ ދެދަރިން މަރާލި މައްސަލައިގައި ޝަރީޢަތް އަނެއްކާވެސް ފަށައިފިއެވެ.

ޖެނިފާ ނަމަކަށް ކިޔާ އަންހެން މީހާ އޭނާގެ ދެދަރިން މަރާލީ 2011 ވަނަ އަހަރުއެވެ. އޭނާ އުމުރަށް ޖަލަށް ލުމަށް ކޯޓުން ވަނީ ކުރިން ޙުކުމް ކޮށްފައެވެ. ނަމަވެސް މިހާރު އަލުން ޝަރީޢަތް ފަށާފައި ވަނީ ފުރަތަމަ ޝަރީޢަތް ކުރިއަށް ގެންދިޔައިރު ޖެނިފާ އަށް ދިފާޢީ ހެކި ހުށަހަޅަން ފުރުސަތު ދީފައި ނުވާކަމަށް އޭނާގެ ޤާނޫނީ ވަކީލުން ބުނާތީއެވެ.

އޭގެ އިތުރުން ވަކީލުން ބުނާގޮތުގައި މައްސަލައިގެ ޝަރީޢަތުގައި ބައެއް ޖޫރީން ނިދާފައި ތިބި ކަމަށާއި އެހެންކަމުން އެޖޫރީންނަށް އެކަށީގެންވާ ނިންމުންތަކެއް ނިންމިފައިވާކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ޖެނިފާ ވަނީ އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅާއި 16 އަހަރުގެ އަންހެން ދަރިފުޅު މަރާލާފައެވެ. ޖެނިފާ ބުނެފައިވާ ގޮތުގައި ދެދަރިން މަރާލީ މާގިނައިން ވާހަކަ ދައްކާތީ ބޮލަށް އުނދަގޫ ވެގެންނެވެ. އޭނާ ދެދަރިން މަރާލީ ދަރިންގެ ބޮލަށް ބަޑި ޖަހައިގެންނެވެ.

އަހަރުތަކެއް ކުރިން ވެސް ޑިޕްރެޝަނަށް ޖެނިފާ ވަނީ ބޭސްކޮށްފައެވެ. ނަމަވެސް ދަރިން މަރާލުމަށް ހަމަލާ ދިނުމުގެ ކުރިން ދުވަހަކު ވެސް އޭނާ ދަރިއަކަށް އަނިޔާ ކުރި ކަމުގެ ރިޕޯޓެއް ނެތެވެ. އަވައްޓެރިން ވެސް ބުނެފައިވާ ގޮތުގައި އެމީހުންނަށް ޖެނިފާ ފެނުނީ ދަރިން ދެކެ ވަރަށް ލޯބިވާ ދަރިންނަށް ވަރަށް ބޮޑަށް އަޅާލާ މަންމައެއްގެ ގޮތުގައެވެ.

އެހެންކަމުން ޖެނިފާ މިފަދަ ހަމަލާއެއްދީ ދެދަރިން މަރާލުމުން އަވައްޓެރިންނަށް ވެސް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައިކަމަށް އެމީހުން ބުނެފައި ވެއެވެ.

ޖެނިފާގެ ފިރިމީހާ އަކީ ސިފައިންގެ މީހެކެވެ. ޖެނިފާ ދެދަރިން މަރާލިއިރު ފިރިމީހާ ހުރީ ސިފައިންގެ ވަޒީފާ އަދާކުރަން ގަތަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު