މިސްރަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ފިރިހެނަކު އޭނާ ދިރިއުޅެމުންދާ ހަތަރު ބުރީގެ ގޭގެ ފުރާޅު މަތީގައި ނިދާފައި އޮއްވާ ވެއްޓި މަރުވެއްޖެއެވެ.

މިކަން ހިނގާފައި ވަނީ ޝަރްކިއާގެ 10 އޮފް ރަމަޑާން ސިޓީގައެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އެ މީހާ ވެއްޓުނީ އެ ހަތަރު ބުރީގެ އެޕާޓްމެންޓްގެ ފުރާޅު މަތިންނެވެ. އަދި މިހާރު އެކަން ތަހުގީގު ކުރަމުންދާއިރު، އިތުރު މައުލޫމާތުތަކެއް ޙާމަވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ޒުވާނާ ފުރާޅު މައްޗަސް ނިދަން އަރާފައި ވަނީ ރަހުމަތްތެރިންނާއި އެކުގައެވެ. އަދި އޭނާ އެތަނަށް އެރީ ހޫނު ވެގެން ކަމަށްވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް އެ ފުރާޅަކީ އެއްވެސް ގޮތަކަށް ނުވެއްޓޭ ގޮތަށް ފާރު ކޮޅެއް ރާނާފައި ހުރި ފުރާޅެއް ނޫންކަމުން، އޭނާ ނިދާފައި އޮވެގެން ފުރޮޅުނު ގަޑީގައި ވެއްްޓި ބިންމަތީގައި ޖެހުނީ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މިކަން ހިނގާދިޔަ ގޮތް އިތުރަށް ތަހުގީގު ކުރުމަށްފަހު މައުލޫމާތު ހާމަ ކުރާނެެެ ކަމަށް ރިޕޯޓްތައް ބުނެއެވެ.