އަނބިމީހާގެ ފަރާތުން ސަލާމަތްވުމަށް ނުވަތަ އަނބިމީހާގެ ފާޑުކިޔުންތަކާއި ޝަކުވާތަކުން ރެކުމަށްޓަކައި ފިރިން ތަފާތު ކަންތައްތައް ކުރެއެވެ. މިކަމާއި ގުޅޭގޮތުން އެތައް މީމްސްއެއްގެ އިތުރުން ޓިކްޓޮކް ފަދަ ޕްލެޓްފޯމް ތަކުގައި އެކަމާއި ގުޅޭ އެތައް ވީޑިއޯއެއް އާއްމުވެފައިވެއެވެ.

އިންޑިޔާގެ ރައްޔިތަކަށް ވެސް ދިމާވީ މިފަދަ ކަމެކެވެ. ނަމަވެސް މިއީ މީމްއެއް ނުވަތަ ޓިކްޓޮކް ވީޑިއޯއެއް ނޫނެވެ. މިއީ އިންޑިޔާގެ ރައްޔިތަކު އޭނާގެ އަނބިމީހާގެ ކިބައިން ސަލާމަތްވުމަށް ކުރި އާދިޔާ ޚިލާފު ކަމެކެވެ.

އިންޑިޔާގެ ގުޖުރާތުގެ ރާޖުކޮޓަށް ނިސްބަތްވާ ދޭވޯ ޗާވްދާ ނަމަކަށް ކިޔާ ފިރިހެނަކު އޭނާގެ އަންހެނުންގެ އުދަނގޫ ބޮޑުވުމުގެ ސަބަބުން އެކަމުން ސަލާމަތް ވުމަށް ޖަލަށް ދާން ބޭނުވެ، އެކަމަށްޓަކައި ޖާމްނަގަރުގެ މަގުގައި ހުންނަ ބަޖުރަންގް ވަޑީ ޕޮލިސް ސްޓޭޝަނެއްގައި ރޯކޮށްލަން އުޅެފިއެވެ.

ޕޮލިސް ސްޓޭޝަނާއި ވަރަށް ކައިރީގައި ރޯކޮށްލުމަށް ފަހު ދޭވޯ އެތަނުގައި މަޑުކޮށްލައިގެން ހުރީ ފުލުހުން އައިސް އޭނާ ހައްޔަރު ކުރޭތޯއެވެ.

''ދޭވޯއާއި އޭނާގެ އަންހެނުން މައްސަލައެއް ޖެހިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ. ފައިސާ މައްސަލަތަކެއް. އެހެންކަމުން އަންހެނުންގެ ފަރާތުން ސަލާމަތްވުމަށް ޕޮލިސް ސްޓޭޝަންގެ ކައިރީގައި އޭނާ އަލިފާން ރޯކޮށްލީ. ފަހުން ދޭވޯ ވަނީ އެކަން ކުރި ކަމަށް އެއްބަސްވެފަ'' ގާންދީގުރާމް ޕޮލިސް ސްޓޭޝަންގެ އިންސްޕެކްޓަރ ކުމާން ސިންގް ވާލާ ނޫސްވެރިންނާއި މަޢުލޫމާތުދެމުން ބުންޏެވެ.

ދޭވޯގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ގަސްދުގައި ސަރުކާރުގެ މުދަލަށް ގެއްލުން ދިނުމެވެ. އެހެންކަމުން މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް ދޭވޯއަށް އަންނާނެ ކަމަށް ވެސް އިންސްޕެކްޓަރ ކުމާން ސިންގް ވާލާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު