ބޮލީވުޑުގެ އެކްޓަރ ސައިފު ޢަލީ ޚާނު އޭނާގެ އަންހެނުން ބަތަލާ ކަރީނާ ކަޕޫރު ޚާން އުފާކޮށްދިނުމަށް ވަކި ގައުމަކަށް ގެންގޮސްދޭ ކަމަށް ސައިފު ބުނެފިއެވެ.

ކަރީނާ ކަޕޫރު ޚާންގެ މޫނު ގޯސްވެ، ހިތްހަމަ ނުޖެހުމުން، ކަރީނާ އުފާކޮށްދިނުމަށް ސައިފު ކޮށްދެނީ ކޮން ކަމެއްތޯ އިންޓަވިއުއެއްގައި ސުވާލު ކުރުމުން އެންމެ ފުރަތަމަ ސައިފު ހުރީ އެކަމާ ވިސްނާލާށެވެ.

އެވަގުތު އެކްޓަރ އަރުޖުން ކަޕޫރު ހީއަކަށް ބަލާފައި އެ ސުވާލުގެ ޖަވާބު ދެމުން ބުނެފައިވަނީ ކަރީނާ ހިތްހަމަ ނުޖެހުމުން އޭނާ އުފާކޮށްދިނުމަށް ލަންޑަނަށް ގެންދަނީ ކަމަށެވެ.

އަރުޖުންގެ މި ޖަވާބަށް ވިސްނާލުމަށް ފަހު ސައިފު ވަނީ އެކަމާއި އެއްބަސްވެފައެވެ. ކަރީނާ ހިތްހަމަ ޖައްސައިދީ އުފާކޮށްދިނުމަށް ދަތުރު ކުރާ ކަމަށާއި ލަންޑަނަށް ދާ ކަމަށް ވެސް ސައިފު ބުންޏެވެ.

މިދިޔަ އަހަރުގެ ފުރަބަންދުގެ ކުރިން ސައިފުއާއި ކަރީނާ އަދި ދޮށީ ދަރިފުޅު ތައިމޫރު ލަންޑަނަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސްފައިވެއެވެ. އޭގެފަހުން އެމީހުން މުމްބާއީއިން ބޭރަށް ގޮސްފައިވަނީ ދިއްލީއަށާއި އަދި ދާދި ފަހުން ވަނީ ސައިފުގެ މި އަހަރުގެ އުފަންދުވަސް ފާހަގަ ކުރުމަށް ދިވެހިރާއްޖެ އަށެވެ.

ސައިފުއާއި ކަރީނާއާއި އަރުޖުން ކަޕޫރާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ އަކީ ވަރަށް ގާތް ރަހުމަތްތެރިންގެ ގުރޫޕެކެވެ. އަރުޖުންގެ ލޯބިވެރިޔާ މަލައިކާއަކީ ކަރީނާގެ އެންމެ ގާތް ރަހުމަތްތެރިންގެ ތެރެއިން އެކަކެވެ. އެހެންކަމުން އަރުޖުންއާއި ސައިފުއަށް ވެސް ކަރީނާއާއި މަލައިކާއާއި ބެހޭގޮތުން ވަރަށް ގިނަ ކަންތައްތައް އެނގެއެވެ.

ފިލުމީ މަސައްކަތަށް ބަލާއިރު ސައިފުއާއި އަރުޖުން އެކީގައި އެންމެ އަވަހަށް ފެނިގެންދާނީ ފިލުމު ''ބޫތު ޕޮލިސް'' އިންނެވެ.