ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި އަކްޝޭ ކުމާރްގެ މަންމަ، އަރޫނާ ބާތިޔާގެ ހާލު ދެރަވެ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އަރޫނާ ބާތިޔާގެ ސިއްހީ ހާލު ދެރަވެ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކުރީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ މަރުވީ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަކްޝޭ ކުރި މީސްމީޑިއާ ޕޯސްޓެއްގައި ބުނީ މަންމަ މަރުވުމުން ވަރަށް ބޮޑު ހިތާމައެއް ލިބިއްޖެ ކަމަށާއި މި ހާލަތުގައި އެންމެންގެ ހެޔޮ ދުއާތައް މަންމައަށް ކޮށްދިނުމަށް އެދޭ ކަމަށެވެ.

އަރޫނާ ބާތިޔާ އަކީ ބޮލީވުޑްގެ ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އެގޮތުން އޭނާ އަކީ މޮޅު ފިލްމު ޕްރޮޑިއުސާ އަކަށްވާއިރު މިހާތަނަށް އޭނާ ވަނީ ގިނަ ފިލްމުތައް ޕްރޮޑިއުސް ކޮށްފައިކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ނާމް ޝަބާނާ، ރަސްތަމް އަދި ހޮލިޑެއި ހިމެނެއެވެ. އަދި އޭނާ އަށް ވަނީ ބިގް ސްޓަރ މޮސްޓް އެންޓަޓައިނިން އެކްޝަން ފިލްމް އެވޯޑްވެސް ލިބިފައެވެ.

އަކްޝޭގެ މަންމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރިކަމުގެ ހަބަރު ލިބުނު އިރު އޭނާ ހުރީ ފިލްމް "ސިންދްރެއްލާ" ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގައި އެވެ. ނަމަވެސް މަންމަ ހޮސްޕިޓަލަށް ގެނައުމާއެކު އަކްޝޭ ވަނީ ވަގުތުން އިންޑިއާއަށް ގޮސްފައެވެ.

އަކްޝޭގެ މަންމަގެ މަރުވެފައިވާއިރު އޭނާ ބައްޕަ ވަނީ 2014 ވަނަ އަހަރު މަރުވެފައެވެ.

ކުޅަދާނަ އެތަކެއް ފިލްމެއް ކުޅެފައިވާ އަކްޝޭ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ފިލްމް ބެލްބަޓަން އިންނެވެ. ބޮޑު ކާމިޔާބީއެއް އެ ފިލްމަށް ލިބެމުންދާއިރު އޭނާގެ އަންނަން ހުރި ފިލްމުތަކުގެ ތެރޭގައި ރަކްޝާ ބަންދަން، ސޫރްޔާވަންޝީ، ރާމް ސޭތޫ، ބައްޗަން ޕާންޑޭ އަދި އަތްރަންގީ ރޭ ހިމެނެއެވެ.