އިންޑިޔާގެ ކޭރަލާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަންހެނަކު އޭނާގެ ޓިކްޓޮކްގެ އެންމެ ގާތް ރަހުމަތްތެރިޔާއާއި ބައްދަލު ކުރުމަށް ދިޔުމުން ރަހުމަތްތެރިޔާއާއި އިތުރު ތިން މީހަކުވެގެން އަންހެން ކުއްޖާ ރޭޕްކޮށްލައިފިއެވެ.

ޓިކްޓޮކްއިން ދިމާވެ، ދެ އަހަރު ވަންދެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށްފަހު އަންހެން މީހާ ރަހުމަތެރިޔާއާއި ބައްދަލު ކުރުމަށް 300 ކިލޯ މީޓަރަށް ދަތުރުކުރިއެވެ.

އަޖުނަސް ނަމަކަށް ކިޔާ މި ރަހުމަތްތެރިޔާއާއި އޭނާގެ ރަހުމަތްތެރިޔާ ފަހަދު އަންހެން ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ޗެވަރޫރްއަށެވެ. އެތަނުގައި އޭނާއަށް ގަދަކަމުން މަސްތުވާތަކެތި ދީ މަސްތު ކުރުވިއެވެ. އެއަށްފަހު އަންހެން ކުއްޖާ އެތަނުގައި ރޭޕް ކުރިއެވެ.

އެތަނާއި ޖެހިގެން ހުރި ކޮޓަރީގައި ތިބި އިތުރު ދެ ފިރިހެނަކު ވެސް އެތަނަށް އައިސް އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވިއެވެ. މީގެއިތުރުން މި މީހުން އަންހެން ކުއްޖާ ރޭޕް ކުރާ މަންޒަރު ވީޑިއޯ ވެސް ކުރިއެވެ.

ރޭޕް ކުރުމުގެ ތެރޭގައި އަންހެން ކުއްޖާއަށް އަނިޔާވެ، ހޭނެތުމުގެ ސަބަބުން އަޖުނަސްއާއި ފަހަދު އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ.

އަންހެން ކުއްޖާ ހޭއެރުމުން ހޮސްޕިޓަލުގެ މުވައްޒަފުންނަށް އޭނާ ރޭޕްކުރި ވާހަކަ ކިޔައިދިނުމުން ހޮސްޕިޓަލުން އެކަން ވަނީ ފުލުހުންނަށް އަންގާފައެވެ.

އެހެން ނަމަވެސް ފަހަދުއާއި އަޖުނަސް ވަނީ ހޮސްޕިޓަލުން ފިލައިފައެވެ. ނަމަވެސް ޗެވަރޫރްގައި ކޮޓަރި ބުކް ކުރުމަށް އެމީހުން ބޭނުން ކޮށްފައިވާ ލިޔެކިޔުންތަކުގެ އެހީގައި އަޖުނަސްއާއި ފަހަދު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. އެދެމީހުން ހައްޔަރު ކުރުމަށްފަހު، މި މައްސަލައިގައި ދެން ތުހުމަތު ކުރެވޭ އަނެއް ދެމީހުން ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަންހެން ކުއްޖާގެ ހާލު އަދި ވެސް ވަރަށް ސީރިއަސްއެވެ. އަދި މިކަން ދަނީ ތަހުގީގު ކުރަމުންނެވެ.