ބޮލީވުޑްގެ ފިލްމުތަކުން ކުރިން އެންމެ ފާހަގަ ކޮށްލެވުނު ބޮލީވުޑުގެ ބަތަލާއެއް ކަމުގައިވާ ނޭހާ ދޫޕިއާ ދެވަނަ ފަހަރަށް ބަލިވެ އިނުމުން ޑައިރެކްޓަރުންގެ ނުރުހުންވެ ފިލުމުތަކުން ބޭރު ކޮށްލައިފި ކަމަށް ނޭހާ ބުނެފިއެވެ.

ނޭހާ މިހާރު އިނީ އޭނާގެ ދެވަނަ ދަރިފުޅު ވިހަން ވަރަށް ގާތްވެފައެވެ. ބަނޑުބޮޑުކަން އެނގުނު އިރު ގިނަ ފިލްމުތަކަކަށް ސޮއިކޮށް، އެތައް ފިލުމެއްގައި މަސައްކަތް ކުރަމުން ދިޔަ ކަމަށް ނޭހާ ބުނެފައިވެއެވެ.

ނަމަވެސް ބަނޑުބޮޑުކަން އެނގުނު ހިސާބުން އިތުރު ފުރުސަތެއް ނުދީ، އިތުރު ވާހަކައެއް ދެއްކުމެއް ނެތި ފިލުމުތަކުން ބޭރުކޮށްލި ކަމަށް ވެސް ނޭހާ ބުންޏެވެ.

''އަހަރެންނަށް އިހުސާސް ކުރެވެނީ އިންޑަސްޓްރީގައި ވަރަށް ކަންތައްތައް ބަދަލުވެއްޖެކަން. އެކްޓަރެއްގެ ހައިސިއްޔަތުން އަހަރެމެންނަށް މަސައްކަތް ކުރެވޭނީ، ނަމަވެސް އެ ފުރުސަތު ދޭންޖެހޭ ފަރާތްތަކުން އެ ފުރުސަތު ދޭ ނަމަ. އަހަރެންގެ ޕްރޮޖެކްޓްތަކުގެ އެތައް ޑައިރެކްޓަރުންނެއް އަހަރެންނަށް ގުޅާފަ ބުނި، މާފު ކުރާށޭ، ބަނޑުބޮޑުވުމުގެ ސަބަބުން ފިލުމުން އެއްފަރާތް ކޮށްލަން ޖެހެއޭ. އިތުރު ފުރުސަތެއް ނުދެ. އިތުރަށް ވާހަކަ ދެއްކުމެއް ނެތް. ސީދާ ދިމާއަށް ނޫނެކޭ ބުނީ'' އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ނޭހާ ބުނެފައިވެއެވެ.

ނަމަވެސް ނޭޙާގެ ކުރިއަށް ހުރި ފިލުމުތަކުގެ ތެރެއިން އެއް ފިލުމެއްގެ ޑައިރެކްޓަރެއްގެ ފަރާތުން ވަރަށް ހިތްވަރު ލިބުނެވެ. މި ފިލުމުގައި ނޭހާ އަދާކޮށްފައިވަނީ ބަނޑުބޮޑު އަންހެން ފުލުސް އޮފިސަރެއްގެ ރޯލެވެ.

ނޭޙާގެ ފިލުމުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ފިލުމުތަކަކީ ''ޗުޕްޗުޕް ކޭ''، ''ދޭ ދަނާ ދަން'' ފަދަ ފިލުމުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު