ދުނިޔޭގެ އެންމެ ހުދު ކުލަ އުފައްދެމުގެ ޝަރަފު އެމެރިކާގެ ޕާޑޫ ޔުނިވަރސިޓީން ހޯދައިފި އެވެ.

އެންމެ ހުދު ކުލައިގެ ހުދުކަމުން މި ކުލަ ދުނިޔޭގެ ރިކޯޑު ފޮތުންވެސް މިހާރު ވަނީ ޖާގަ ހޯދާފައި އެވެ. ސައިންސުވެރިން ބުނާގޮތުގައި މި ކުލަ ލުމުން އެސީ ލުމުގެ ބޭނުމެއް ނޯންނާނެއެވެ. އެއީ ކުލައިގެ ހުދުކަމުން އެތަނެއްގައި ފިނި ހިފާފައިހުންނަ މިންވަރު އިތުރުވާނެތީ ކަމަށް އެފަރާތުން ބުނެއެވެ.

ޕާޑޫ ޔުނިވަރސިޓީން މި ކުލަ އުފެއްދުމުގައި އުޅުނު ފަރާތެއް ކަމަށްވާ ޕްރޮފެސަރ ޒިއުލިން ރުއާން ބުނީ މި ކުލަ އުފެއްދީ އެއްވެސް ގޮތަކަށް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަހޯދުމުގެ ބޭނުމުގައެއް ނޫނެވެ. މިއީ ދުނިޔެ ހޫނުވުން ކޮންޓްރޯލް ކުރުމަށް އިސްނަގައިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރި ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޕްރޮފެސަރ ޒިއުލިން ރުއާން ބުނީ މި ކުލަ އުދެއްދުމަށް ހަތް އަހަރު ހޭދަވެފައިވާ ކަމަށެވެ. ހުދު ކުލަ އަކީ އިރުގެ އަލި ނަގައި ނުގަނެ ފޮނުވާލުމަށް އެންމެ ކުޅަދާނަ އެއް ކުލައަށްވާއިރު އަލަށް އުފެއްދި މި ހުދު ކުލައިގެ ސަބަބުން އިމާރާތްތަކުގައި ހޫނުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލުލިބި ފިނިކުރުމަށް އޭސީ އާއި ފަންކާ ޖެއްސުން މަދުވާނެ ކަމަށް ކުލަ އުފެއްދި ޓީމުން ބުނެއެވެ.

އެންމެ ހުދު ކުލަ އުފެއްދި ޓީމުން ބުނީ މި ކުލައިން 98.1 އިންސައްތަ ހޫނު ދަމައިނުގަނެ އަނބުރާ ފޮނުވާލާ ކަމަށެވެ. މިހާރު ދުނިޔޭގައި އުފައްދާފައިވާ ހުދު ކުލަތަކަކީ 80 ނުވަތަ 90 އިންސައްތަ އިރުގެ އަލި ދަމައިނުގަނެ އަނބުރާ ފޮނުވާލާ ދަރަޖައަށް އުފައްދާފައިވާ ކުލައެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި މި ކުލައަށް އޮންނަ ޑިމާންޑު އިތުރުވާނެކަމަށް ބެލެވެއެވެ. މި ކުލަ އުފެއްދި ފަރާތުން ވަނީ ކުލަ އުފައްދާ ކުންފުނިތަކާއި އެކު ކުލަ ބާޒާރަށް ނެރުމަށް މަަޝްވަރާތައް ފަށާފައެވެ.