ބައިނަލްއަޤްވާމީ އަންހެނުންގެ ފިލްމް ފޯރަމާއި ޗޭމްބާ މީޑިއާ އެންޑް އެންޓަޓެއިންމެންޓް އިންޑަސްޓްރީ ގުޅިގެން ކުރިޔަށް ގެންދިޔަ ފަސް ވަނަ ޑރ. ސަރޮޖިނީ ނައިދު 'ދަ ނައިޓްއިންގޭލް އޮފް އިންޑިއާ އިންޓަނޭޝަނަލް އެވޯޑް ފޯ ވޯކިންގް ވިމެން 2021' އެވޯޑް ކުޅަދާނަ ބަތަލާ އައިޝަތް ރިޝްމީ ރަމީޒަށް ވަނީ މި އަހަރު ލިބިފައެވެ.

މިއީ ދިވެހި މުޅި ފިލްމީ ދާއިރާ އަށް ވެސް ލިބުނު ފަޚުރަކަށް ވުމާއި އެކު އެ ދާއިރާގެ އެތައް ބަޔަކު ދަނީ ރިޝްމީ އަށް މަރުޚަބާ ކިޔަމުންނެވެ. އަދި މިފަދަ އެވޯޑެއް ރިޝްމީ އަށް ލިބުމުން އަންހެނުން ބާރުވެރިކުރުވަން މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވެސް ވަނީ ރިޝްމީ އަށް މަރުޚަބާ ކިޔާފައެވެ. އެކަމަކު ރިޝްމީ އަށް އެންމެ ޚާއްސަ މަރުހަބާއެއް ކީ އޭނާގެ ދަރިފުޅެވެ.

ރިޝްމީ އެކްޓަރ އަޒްމީލް (އަޒޭ) އާއި ކައިވެނިކޮށްގެން ލިބުނު ދަރިފުޅު އިސްމާއިލް އަޒީލް އަޒްމީލް (ޒެއްލު) އޭނާގެ އަތުލިޔުމުން ކަރުދާސްކޮޅެއްގައި ލިޔެފައި ދިން ތަހުނިޔާގެ މެސެޖު ރިޝްމީ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

އިނގިރޭސި ބަހުން ލިޔެފައިވާ އެ ލިޔުމުގައި ވަނީ "ލޯބިވާ މަންމައަށް" މިހެން ޖެހުމަށް ފަހު ޒެލްގެ ހިތުގެ ފުންމިނުން ރިޝްމީ އަށް ޚާއްސަ މެސެޖެއް ބަންޑުންކޮށްލާފައެވެ. ރިޝްމީ އަށް ލިބުނު އެވޯޑާއި ގުޅިގެން ތަހުނިޔާކިޔުމުގެ އިތުރުން، އޭނާ ވަނީ ރިޝްމީ އަކީ އެންމެ ފުރިހަމަ މަންމަ ކަމަށާއި، މަންމަ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައެވެ. އަދި ރިޝްމީ އާއި މެދު ފަހުރުވެރިވާ ކަމަށް ވެސް ޒެއްލުގެ މެސެޖުގައި ވަނީ ބުނެފައެވެ.

އެ ނޯޓުގެ ފޮޓޯ އަކާއި އެކު ރިޝްމީ ވަނީ މިއީ ދަރިފުޅު ދިން ސަރޕްރައިޒެއް ކަމަށް ބުނެފައެވެ. އަދި ދަރިފުޅުގެ އެ ހަދިޔާ ވަރަށް ކަމުދިޔަކަން ފާހަގަކޮށް ރިޝްމީ ވަނީ ޒެއްލު އަކީ އޭނާގެ ހަޔާލުގެ އަލިކަން ކަމަށާއި އޭނާ ދެކެ ވަރަށް ލޯބިވާ ކަން ހާމަކޮށްފައެވެ.

ރިޝްމީއަށް މި އެވާޑް ލިބިފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުން ބައިވެރިވި 7،000 ކެނޑިޑޭޓުންނާއި ވާދަކޮށް، ގަދަ 100 މީހުންގެ ތެރޭގައި ހިމެނިގެން ކަމަށް ވާއިރު މި ކާމިޔާބީގެ ފަހަތުގައި ހުރި ލޯބިވާ ފިރިމީހާ ރަވީކަން ފާހަގަކޮށް ރިޝްމީ ބުނެފައިވަނީ އެހީތެރިކަން ފޯރުކޮށްދީ، މިކަމުގައި އެއްބާރުލުން ރަވީ ދީފައިވާ ކަމަށެވެ.
.
1993 ވަނަ އަހަރު ކުޑަކުއްޖެގެ ރޯލުން ބެލުންތެރިންނަށް ތައާރަފުވެގެން އައި ރިޝްމީ އަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެތައް މަސައްކަތެއްކޮށްފައިވާ އާމިނަތު ރަޝިދާގެ ދޮށީ އަންހެން ދަރިފުޅެވެ. 2006 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ހިސާބުން ފެށިގެން މިހާތަނަށް އެތައް ޕްރޮޖެކްޓެއްގެ މަސައްކަތް އޭނާ ކޮށްފައިވާ އިރު ރިޝްމީ އެންމެ ބޮޑަށް ވިދާލީ ޔާރާ ޕްރޮޑަކްޝަންގެ ލަވަ އަލްބަމްތަކުންނެވެ.

މީގެ އިތުރުން 'ހުކުރު ވިލޭރޭ'، 'ފަނާ'، 'ލަވް ސްޓޯރީ'، 'ވިޝްކާ' އަދި ކާމިޔާބު ވެބް ސީރީޒް 'އެހެނަސް'ގެ ލީޑް ރޯލްތަކުގައި ރިޝްމީ ވަނީ ކުޅަދާނަ ހުނަރެއް ދައްކާލާފައެވެ. އަދި ވިޝްކާ ފިލްމުން ރިޝްމީއަށް ވަނީ ބައިނަލްއަގްވާމީ އެވޯޑެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމާ

    އެއްޗަކަށްވާ ކަހަލަ އެއްޗެއް ހޯދަބަލަ.
    ނަސީބެއް ބާނީ ޔޫސުފު ފުޅު ދުނިޔޭގައި ނެތްކަން. އެހެންނޫންނަމަ ދުވާލު ދެދަޅަޔަށް ކަލޭމެންނަށް އެވޯޑްލިބޭނެ.

    3
    1