ކަރުގައި ރިއްސުމަކީ މީހާ މާޔޫސްކޮށްލާ ކަމެކެވެ. ކަރުގައި ރިއްސާ ނަމަ ކެއުމަށާއި ވާހަކަ ދެއްކުމަށް ވެސް އުނދަގޫވެއެވެ. ރޭގަނޑު މިކަމުގެ ވޭން ބޮޑުވެއެވެ.

ބަލިވުމުން އެކަމުގެ ލަފާ ހޯދުން އެންމެ ބުއްދިވެރިވީ ޑޮކްޓަރަށް ދައްކައިގެންނެވެ. ނަމަވެސް މިފަދަ ކަންކަމަށް ގޭގައި އަމިއްލައަށް ދެވިދާނެ ފަރުވާ ވެސް ހުރެއެވެ.

ކަރުގައި ރިހުން ރަނގަޅު ކުރުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަން:

ކަރުތެރެ ދޮވެލުން

ފެން ތައްޓެއްގެ ތެރެއަށް ލޮނުކޮޅެއް އަޅައިލުމަށް ފަހު އެއިން ކަރުތެރެ ދޮވެލާށެވެ. ކަރުތެރެ ދޮވެލުމަށް އެންމެ ރަނގަޅީ ލޮނު ފެނެވެ. މިނެޓެއް ހާއިރު ވަންދެން ކަރު ތެރޭގައި ފެން ބެހެއްޓުމަށްފަހު އުކާލާށެވެ. ކުޑަކުދިންނަށް މިކަން ކުރުވުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ދިޔާ އެއްޗެހި ބުއިން

ގިނަ ގިނައިން ދިޔާ އެއްޗެހި ބުއިމުން ކަރު ތެރެ ހަމައަކަށް އެޅުމަށް އެހީތެރިވެދެއެވެ.

ސްޓްރެޕްސިލް

ކަރުތެރެ ސަކަރާތްވެ، ކެއްސާ، ނޭފަތް ބެދިފައި ހުންނަ ނަމަ ސްޓްރެޕްސިލް ފަދަ އެއްޗެއް ބޭނުން ކޮށްލުމުން ރަނގަޅު ވާނެއެވެ.

ކެއުމުގައި ސަމާލުކަން ދިނުން

ކަރުގައި ރިއްސާ ނަމަ ކާތަކެއްޗާ މެދު ވަރަށް ފަރުވާތެރިވާން ވާނެއެވެ. އެސިޑިކްވާ ބާވަތްތަކުގެ ކާނާއާ ދުރުވާން ޖެހެއެވެ. މިގޮތުން ކުޅިކޮށް ކެއުމާއި، މާގިނައިން ކެއުމާއި އަދި ޖަންކް ފުޑްސް ބޭނުން ކުރުމުން ދުރުވާން ޖެހެއެވެ.

ކެއުމަށް ފަހު އިށީނދެ އިނުން

މާގިނައިން ނުވަތަ ކުޅިކޮށް ކެވިއްޖެ ނަމަ ކައި ނިންމާފައި ގަޑިއެއްހާއިރު ވަންދެން އިށީނދެ އިންނާށެވެ. ކައި ނިންމާ ގޮތަށް އޮށޯވެއްޖެ ނަމަ ބަނޑުގައި ވައި ހެދި ކަރުތެރެ އިތުރަށް ގޯސްވާނެއެވެ.

މި ކަންތައްތަކުގެ އިތުރުން ހޫނު ފެނުން ފެންވަރުމަކީ ވެސް ކަރުގައި ރިއްސާނަމަ ދެވިދާނެ އަވަސް އަދި ލުއި ފަރުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު