އިންޑިއާގެ ބިކާނާ ސިޓީގައި ބްލޫޓޫތް ޑިވައިސްއެއް ހަރުކޮށްފައިވާ ފައިވާނެއްގެ އެހީގައި ޓެސްޓުގައި މަކަރުހަދަން މަސައްކަތްކުރި ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ ސަރަހައްދުތަކުގައި ކުރިޔަށްދާ އިމްތިހާނުތަކުގައި މަކަރުހެދުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅައެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ރަޖަސްތާނުގައި ކުރިޔަށްދިޔަ ޓީޗަރުކަމަށް ހޮވުމުގެ އިމްތިހާނުގައި ވެސް މަކަރުހެދުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ފޯނާއި، އިންޓަނެޓް ބޭނުންކުރުން ވަނީ މަނާ ކޮށްފައެވެ.

16.51 ލައްކައަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މި އިމްތިހާނު ކުރިޔަށް ގެންގޮސްފައިވަނީ 33 ޑިސްޓްރިކްޓެއްގައި، ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

މި އިމްތިހާނުގައި އިންޓަނެޓް ބޭނުންނުކުރެވޭތީ ދަރިވަރުންތަކެއް ރާވައިގެން މަސައްކަތް ކުރީ ބްލޫޓޫތުގެ އެހީގައި މަކަރު ހެދުމަށެވެ. ފައިވާނުގައި ފޮރުވާފައިވާ ބްލޫޓޫތް ޑިވައިސްތަކުން ފޯނު ކޯލު ނެގުމަށް ފަހު، އަޑު އަހަން ބޭނުން ކުރާނީ ކަންފަތުގައި ފޮރުވާފައި ހުރި ކުދި ރިސީވަރުތަކެވެ.

މި މައްސަލައިގައި އިންޑިއާގެ އެކި ސަރަހައްދުތަކުން ޖުމްލަ 24 މީހުން ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި މަކަރުހެދުމަށް އެހީވުުމުގެ ގޮތުން ފައިވާން ގަނެދިން މީހުންނާއި، ކަންފަތުގައި ފޮރުވިފައިވާ ރިސީވަރުތައް ހަރުކޮށްގެން ތިބި މީހުން ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މި މީހުންގެ އުކުޅު ވަނީ އިމްތިހާނު ފެށުމުގެ ކުރިން ފަޅާ އަރާފައެވެ. މިކަން ފަޅާ އަރާފައިވަނީ އިމްތިހާނު ހޯލަށް ދަރިވަރުން ވެއްދުމުގެ ކުރިން، ދަރިވަރުން ބަލާ ފާސްކުރުމުގެ ތެރޭގައި ބްލޫޓޫތް ޑިވައިސް ފައިވާނުން ފެނިގެން ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ހުޅަނގު ބިކަނެރް ސިޓީގެ ފުލުހުންގެ އޮފިޝަލް ޕްރިތީ ޗަންދްރަ ވިދާޅުވީ އިމްތިހާނު މަރުކަޒުގެ ބޭރުގައި ތިބި މީހުން ގުޅައިގެން ރަނގަޅު ޖަވާބު ކިޔައިދޭ ގޮތަށް ރޭވި ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި ބްލޫޓޫތް ޑިވައިސް ފޮރުވާފައިވާ ފައިވާން 25 ކުއްޖަކު ގަނެފައި ވެއެވެ. ގޭންގަކުން އެ ފައިވާންތައް ވިއްކަނީ 8،100 ޑޮލަރަށެވެ.

ކިޔުންތެރިންގެ ހިޔާލު