ކިމް ކާޑޭޝިއަން ރަސްމީކޮށް ބިލިއަނަރަކަށް ވެއްޖެއެވެ.

ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ ތަރި ކިމް ކާޑޭޝިއަން ބިލިއަނަރަކަށް ވިކަން ހާމަކޮށްފައި ވަނީ އެ ސީރީސްގެ އެޕިސޯޑެއްގައެވެ. އެކި ކަންކަންކޮށްގެން އޭނާ އަށް ފައިސާ ލިބޭއިރު މިހާރު ކިމްގެ މިލްކިއްޔާތުގައި އެއް ބިލިއަން ޑޮލަރު ހުރިކަން ފޯބްސް އިން ހާމަކޮށްފައިވެއެވެ.

މީގެ އެތައް އަހަރުތަކެއް ކުރިންވެސް ކިމް އަކީ އެތައް ގޮތަކުން މަޝްހޫރު ފަރާތެކެވެ. ސީރީސް އިންނާއި މޮޑެލް ކޮށްގެން ވެސް އޭނާ މަޝްހޫރުކަން ހޯދައެވެ. ސީރީސް އިން އެކަނިވެސް ކިމް އަށް ބޮޑު އާމްދަނީއެއް ލިބެއެވެ. ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންއަށް ލިބޭ އާމްދަނީ އެ ސީރީސްގެ ހުރިހާ ތަރިންނަށް ހަމަހަމައަށް ބަހައެވެ.

މުއްސަނދި ވުމަށް ކިމް ވަރަށް ބުރަކޮށް މަސައްކަތް ކުރާއިރު އޭނާ އަށް ހަދިޔާގެ ގޮތުގައިވެސް އެކި މީހުން އަގުބޮޑު ތަކެތި ދޭކަން ފާހަގަ ކުރެވެއެވެ. ކިމްގެ ކުރީގެ ފިރިމީހާ ކާންޏޭ ވެސްޓް، ކިމްގެ އުފަންދުވަހަށް އެކި މަޝްހޫރު ބްރޭންޑްތަކުގެ ސްޓޮކްތައްވެސް ވަނީ ލިބިފައެވެ.

މީސްމީޑިޔާއިން ކިމް އަށް ލިބިފައިވާ ބޮޑު ސަޕޯޓާއި އެކު މީސްމީޑިޔާގައި އޭނާ ހިއްސާކުރާ ފޮޓޯއަކަށްވެސް އެތައް ފައިސާއެއް އޭނާ އަށް ލިބެއެވެ. އަދި އޭނާގެ ހެދުން ވިއްކާ ކުންފުންޏާއި ކޮސްމެޓިކްސް ބްރޭންޑް، ސްކިމްސް އިންވެސް އޭނާ އަށް ބޮޑު އާމްދަނީ އެއް ލިބެއެވެ.

ކާންޏޭ އާއި ކިމް މިހާރު ވަރިކުރަން ނިންމާފައިވާއިރު އޭގެ ފަހުންވެސް އޭނާ އަށް ބޮޑު ފައިސާގަނޑެއް ލިބޭނެ ކަމަށް ބެލެވެއެވެ.