ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ޖަލުން ސަލާމަތްވެގެން ދިޔަ ނަމަވެސް އެކަމުގެ ސަބަބުން ޝާހުއަށް އިތުރު ހާސްކަމެއް ލިބިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން، އާރްޔަންގެ މައްސަލައާއި ގުޅިގެން ޝާހުރުކް ޚާންގެ މެނޭޖަރު ޕޫޖާ ޑަޑްލާނީއާއި މުމްބާއީ ފުލުހުންގެ އިންސްޓިގޭޓިވް ޓީމަކުން ސުވާލު ކުރުމަށް ނިންމާފައިވެއެވެ.

ކުރުޒްއެއް ރެއިޑްކޮށްގެން މަސްތުވާ ތަކެތީގެ މައްސަލައެއްގައި އާރްޔާންގެ އިތުރުން އެތައް ބަޔަކު ހައްޔަރު ކޮށްފައިވާ މައްސަލައިގެ ތަހުގީގުތައް ކުރަމުންދާ ޓީމުން ޝާހުރުކް ޚާންގެ މެނޭޖަރާއި ސުވާލު ކުރުމަށް ނިންމާފައިވަނީ އެ ޓީމަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖެއްގެ ސަބަބުންނެވެ.

މި ސީސީޓީވީ ފުޓޭޖުން ފެންނަނީ މުމްބާއީގެ ލޯވާ ޕަރޭލްގައި ކޭޕީ ގޮޮސަވާއީއާއި ސޭމް ޑިސޫޒާއާއި ޕޫޖާ ޑަޑްލާނީ ބައްދަލު ކުރުމަށް ދާ މަންޒަރެވެ.

އާރްޔަންގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ފަރާތެއް ކަމުގައިވާ ކޭޕީ ގޮސަވާއީއަށް މައްސަލައެއް ރެޖިސްޓަރ ކުރެވި އެ މައްސަލައާއި ގުޅިގެން ޕޫޖާގެ ބަޔާން ނެގުމަށް ފުލުހުންގެ ހާއްސަ ޓީމުން ވަނީ ނިންމާފައެވެ.

މި މައްސަލަައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޕްރަބާކަރް ސެއިލް ބުނެފައިވަނީ ކޭޕީ ގޮސަވާއީ ވަނީ އާރްޔަން ޚާން ދޫކޮށްލުމަށް 25 ކްރޯރް ރުޕީސް ދިނުމަށް ބުލެކްމެއިލް ކޮށްފައެވެ. އަދި އޭގެތެރެއިން 8 ކްރޯރް ރުޕީސް ވަނީ އެންސީބީގެ ޒޯނަލް ޑައިރެކްޓަރ ސަމީރު ވަންކެޑޭއަށް ދިނުމަށް ހަމަޖެހިފައި ކަމަށް ޕްރަބަކާރްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލަ ހިނގާދިޔަ ގޮތް ތަހުގީގު ކުރުމަށް ޕޫޖާ ވަނީ މުމްބާއީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ޖެހިފައެވެ. މިއީ މި މައްސަލައާއި ގުޅިގެން ޝާހުއަށް އިތުރު ހާސްކަމެއް ލިބުނު ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.