ބޮލީވުޑްގެ ފިލްމީ ތަރި ސުޝަންތު ސިންގް ރާޖްޕުޔް ޑިލީޓް ކޮށްފައި ހުރި މެސެޖުތައް ބަލަން ނިންމައިފިއެވެ.

ސުޝަންތް މަރުވިގޮތުގެ ތަހުގީގު ކުރަމުންދާއިރު ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އޭނާ ފޮނުވާފައިވާ މެސެޖުތަކާއި މެއިލްތައް ގޫގުލްގެ އެހީތެރިކަމާއި އެކު ހޯދަން ނިންމާފައި ވަނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(ސީބީއައި) އިންނެވެ.

ޔޫއެސްގެ ކެލިފޯނިޔާގައި ހުންނަ ފޭސްބުކްގެ ހެޑްކުއާޓާސްއިން މިކަމުގެ ހުއްދަ ހޯދަނީ މިއުޗުއަލް ލީގަލް އެސިސްޓެންސް ޓްރީޓީ(އެމްއެލްއޭޓީ) ގެ ދަށުން އެވެ.

ފައިނޭންޝިއަލް އެކްސްޕްރެސްގެ ރިޕޯޓުގައި ބުނާގޮތުގައި ސީބީއައި އިން ބޭނުންވަނީ މި މައްސަލަ އާއި ގުޅިގެން މައްސަލައިގެ ދެވެން އޮތް އެންމެ ފުނަކަށް ފީނައި ތަހުގީގު ކުރާށެވެ. އަދި ސުޝަންތު ބޭނުންކުރި ހުރިހާ އެކައުންޓެއް ހޯދަންވެސް ސީބީއައިން ވަނީ ނިންމާފައެވެ.

ބޮލީވުޑްގެ ކުޅަދާނަ ފިލްމީތަރި ސުޝަންތު މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ ޖޫން 14 ވަނަ ދުވަހުގައި އެވެ. އޭނާގެ މަރާއި އެކު އެތައް ސުވާލުތަކެއް އުފެދި ބޮޑު ތަހުގީގެއް ހިންގުމަށް ފޭނުންނާއި އާއިލާ ވަނީ އެދިފައެވެ.

މުމްބައި ފުލުހުން ކުރަމުންދާ ތަހުގީގުގައި ބުނީ ސުޝަންތު މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށެވެ. ނަމަވެސް މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކާއި ފެންނަން ހުރި ނިޝާންތަކަށް ބަލައި އެއީ އަމިއްލަ މަރުވި ކަމެއްގެ ގޮތުގައި ނުނިންމޭނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން ސީބީއައިން ވަނީ ސުޝަންތުގެ އާއިލާ އާއި އޭނާގެ ލޯބިވެރިޔާ އާއި އޭނާގެ އާއިލާގެ މެމްބަރުންނާއި ސުޝަންތު ގެއަށް ދާ ފަރާތްތަކާއި ވެސް އެކި ފަހަރުމަތިން ސުވާލުކޮށްފަ އެވެ.

ސުޝަންތުގެ މަރުގެ ތަހުގީގުގައި ސީބީއައިގެ އިތުރުން ނާކޮޓިކްސް ކޮންޓްރޯން ބިއުރޯ(އެންސީބީ) އިންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.