އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް ބޮޑު ލޮޅުމެއް ގެނެސްދިން ސުޝާންތް ސިންގ ރާޖްޕުތްގެ މަރާއި ގުޅިގެން އާ މައުލޫމާތެއް މީޑިއާ ތަކަށް ހާމަވެއްޖެއެވެ.

ސުޝާންތްގެ މަރަށް ތިން އަހަރަށްވުރެ ގިނަ ދުވަސް ވައްޖެއެވެ. އޭނާ މަރުވީ ދަންޖެހިގެން ކަމަށް އެތައް ބަޔަކު ވާހަކަދައްކަމުންދާއިރު، އެ މަރުގެ ހަގީގަތް ދެނެގަތުމަށާއި، އަދި އެ މަރަށް އިންސާފު ލިބޭތޯ އާއިލާއާ ރަހުމަތްތެރިން ތިބީ އިންތިޒާރިގައެވެ.

މިހާރު މި މައްސަލައިގެ އާ މައުލޫމާތު ހިއްސާ ކުރަމުން މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ދޭވެންދުރަ ފަޑްނާވިސް ނިއުސް ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފުރަތަމަ ލިބެން ހުރި މައުލޫމާތަކީ އަޑުއިވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ލިބިފައިވާ މައުލޫމާތެއް ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެ މައްސަލައާ ގުޅޭ ގޮތުން އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ. އަދި އެ މައްސަލައިގެ ހެކި ފުލުހުންނަށް ހުށަހަޅަން އެދުނު ކަމަށްވެސް ބުނެފައި ވެއެވެ.

"އެ ހުރިހާ ހެއްކެއްގެ އިންތިޒާރުގައި ކަމާބެހޭ ފަރާތްތަކުން ތިބިކަންވެސް އެނާ ފާހަގަކުރިއެވެ.

"މިހާރު އަޅުގަނޑުމެން މިދަނީ ހުށަހަޅާފައިވާ ހެކިތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުން. ތަހުގީގު އަދިވެސް ކުރިއަށް އެބަދޭ، މި މަރުހަލާގައި މައްސަލައިގެ އެންމެ ފަހުގެ ނަތީޖާއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުމަކީ އަޅުގަނޑަށް އަވަސް ކަމެއް."

ސުޝާންތް މަރުވެފައި އޮއްވާ ފެނިފައި ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެއިރު ކޮވިޑް-19ގެ ހާލަތު ނުރައްކާ މިންވަރެއްގައި އެ ގައުމުގައި އޮތްއިރު، ގައުމު އޮތީ ފުރަބަންދު ކޮށްފައެވެ.

އޭނާގެ މަރާއެކު އެތައް ބަޔަކަށް ލިބިގެން ދިޔައީ ޝޮކެކެވެ. އެތައް ބަޔަކު އެ މަރާއި ގުޅިގެން ހިތާމަ ކުރިއެވެ.

އޭނާގެ ހަށިގަނޑު ފެނުނީ އޭނާގެ ބަންދްރާ ގޭގައި ދަންޖެހިފައި ހުއްޓާއެވެ. އޭނާ މަރާލާފައިވާ ކަމަށް އޭނާގެ އާއިލާ އާއި ފޭނުން ދަނީ ބުނަމުންނެވެ. އެ މައްސަލަ ތަހުގީގު ކުރާ ތިން އިދާރާއަކުން ތަހުގީގު ކުރި ނަމަވެސް އަދި މައްސަލައިގެ ތަހުގީގު ނިންމާ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.