ބޮލީވުޑްގެ ތަރި ސުޝާންތް ސިންގ ރާޖްޕުތްގެ މަރާއި ގުޅޭގޮތުން މީގެ ދުވަސްތަކެއް ކުރިން ވާހަކަތަކެއް ފެތުރުނެވެ. ހާއްސަކޮށް އޭނާގެ އޮޓޮޕްސީ ހެދުމުގައި ބައިވެރިވި ކަމަށް ބުނާ މުމްމާއީ ކޫޕާ ހޮސްޕިޓަލްގެ ރޫޕްކުމާރް ޝާހްގެ ވާހަކަތައް ހިމެނެއެވެ.

އޭނާ ބުނީ ޕޯސްޓްމޯޓަމް ހެދުމުގައި ސުޝާންތުގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުރި ކަމަށާއި އެގޮތުން ލޮލުގައި އެތައް ފަހަރަކު މީހަކު ޖަހާފައި ހުރި ކަމުގެ ނިޝާންތައް ކަމަށެވެ.

އަދި ކަރުގައި ހުރި ނިޝާންތަކަކީ ދަންޖެހިގެން މަރުވި ކަމުގެ ނިޝާންތަކެއް ނޫން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އޭނާ ބުނާގޮތުން ނަމަ، ކަމާއި ގުޅުން ހުރި އިދާރާތަކުގެ އިސް ފަރާތްތަކުން އޮޓޮޕްސީގެ މުވައްޒަފުންނަށް އަންގާފައި ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ވީޑިއޯ އެއް ނުނަގައި ހަމައެކަނި ފޮޓޯ ނެގުމަށެވެ.

ރޫޕްކުމާރު ވަނީ އެކަމުގައި ބަޔާން ދޭން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ. އަދި އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާލެއް ނެތް ކަމަށް އޭނާ ބުނެފައިވާއިރު، ސުޝާންތަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މިހާރު އެންމެ ފަހުގެ ވާހަކައަކީ މި އޮޓޮޕްސީ އެޓެންޑެންޓަށް ސެކިއުރިޓީ ލިބޭނެ ކަމުގެ ވާހަކައެވެ.

ސުޝާންތުގެ ފޭނުން މި ވާހަކަ އަޑުއިވުމުން ވަރަށް އުފާވި ކަަމަށް ބުނެފައިވެއެވެ. އަދި އޭނާ އަށް އިންސާފު ހޯދުމުގެ ގޮތުން މިކަމުގެ ސަބަބުން އިތުރު އުއްމީދެއް ލިބޭ ކަމަށް އެ މީހުން ބުނެފައި ވެއެވެ.