ޝޯއަކަށް ދެ މިނިޓު ލަހުން ދެވުމުން ބޮލީވުޑުގެ މެގަސްޓަރ އަމީތާބު ބައްޗަން މަޢާފަށް އެދި އެހެން އެކްޓަރުންނަށް ރީތި ނަމޫނާއެއް ދައްކައިފިއެވެ.

ގަޑިއަށް ފަރުވާތެރިވުމަކީ ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރި ނަމަވެސް މީހާގެ އަހުލާގު ދައްކުވައިދޭ ކަމެކެވެ. ނަމަވެސް މިއީ ވަރަށް ގިނަ ބަޔަކު ކުރުމަށް ފެއިލްވެފައިވާ ކަމެކެވެ.

ފިލުމު އިންޑަސްޓްރީގައި މަޝްހޫރު ބައެއް އެކްޓަރުން ވަގުތަށް ފަރުވާތެރިނުވާ ކަމުގެ ވާހަކަތައް ވަރަށް ގިނައިން ދެކެވެއެވެ.

ނަމަވެސް ބޮލީވުޑުގެ އެންމެ އުހުގައި ފިޔަޖަހަމުންދާ އެކްޓަރ އަމީތާބު ބައްޗަން ދައްކުވައިދިނީ ތަފާތު މަންޒަރެކެވެ.

އަމީތާބުގެ މި ވާހަކަ ހިއްސާކޮށްފައިވަނީ ''ކޯން ބަނޭގާ ކްރޯރް ޕަތީ 13'' އަށް މެހެމާނެއްގެ ގޮތުގައި ބައިވެރިވި ކޮމެޑީ އެކްޓަރ ކަޕިލް ޝާރުމާއެވެ.

''ޝޯގެ ޕްރޮމޯޝަން ޝޫޓް ކުރުން އޮތީ 9 ޖަހާއިރު. އެހެންވެ އަމީތާބު ސަރ އަންނަންވާއިރަށް އަހަރެން 6 ޖަހާއިރު ސެޓަށް ދިޔައިން. ނަމަވެސް އަމީތާބުއަށް ސެޓަށް އާދެވުނީ 09:02 ގަ. ދެ މިނިޓު ލަސްވުމުން އަމީތާބު އައިސް އަހަރެންގެ ކިބައިން މަޢާފަށް އެދުނު. އަހަރެން ބުނިން ދެ މިނިޓް އެއީ ކޮންއެއްޗެއްހޭ؟ ނަމަވެސް އެ މިނިޓު ލަސްވުމުން މަޢާފަށް އެދުން ވެގެން ދިޔައީ މިއަދު ވެސް އަހަރެންގެ ހިތުން ނުފިލާ ކަމަކަށް'' ކަޕިލް ބުނެފައިވެއެވެ.

އަމީތާބުގެ މި ސިފަ އެ ޝޯގައި ބައިވެރިވި އެންމެންނަށް ވެސް ވަރަށް ކަމުދިޔައެވެ.

މީގެއިތުރުން އަމީތާބަކީ އެހެން މީހުންނަށް އިހުތިރާމު ކުރާ، ދީލަތި، އަދަބުވެރިވެރި ކަމާއި އެކު ވާހަކަ ދެއްކުމުގައި ފާހަގަ ކުރެވޭ ފަންނާނެކެވެ. އެހެން އެކްޓަރުންނަށް ރިވެތި ނަމޫނާއެކެވެ.