ދެކުނު އިންޑިއާގެ އެންމެ މަޤްބޫލު އަދި ތަޖްރިބާކާރު ފިލްމީ ތަރި ރަޖްނީކާންތްއާއި ހިންދީ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލު އަމީތާބް ބައްޗަން 32 އަހަރަށްފަހު އެއް ފިލްމެއްގައި މަސައްކަތްކުރަން ހަމަޖެހިއްޖެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި "ޖޭ ބީމް" ފިލްމުގެ ޑައިރެކްޓަރ ޓީޖޭ ނާވަނެލްގެ ފިލްމުގައި އަބީތާބްއަށް ޚާއްސަ މުހިންމު ރޯލްއެއް އުފައްދާފައިވެއެވެ. މިއީ ރަޖްނީކާންތްގެ ފިލްމީ ކެރިއަރުގެ 170 ވަނަ ފިލްމެވެ. މިހާރު ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތް ފެށިއްޖެއެވެ.

އަމީތާބްއާއި ފިލްމުގެ މަޝްވަރާތައް ކުރިއަށް ދިޔަޔަސް، އަދި ރަސްމީކޮށް ފިލްމުގައި މަސައްކަތްކުރާނެކަމުގެ އެއްބަސްވުމަކަށް އާދެވުމުން، އެ ޚަބަރު އިއުލާންކުރެވިގެންދާނެ ކަމުގައި ރަޖްނީކާންތްއާއި ގާތް މީހަކު މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

އިންޑިއާގެ މީޑިއާއަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިލްމަކީ ޙަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ރަޖްނީކާންތް ފެނިގެންދާނީ މުސްލިމް ފުލުސް އޮފިސަރެއްގެ ރޯލްއިންނެވެ.

އެންމެ ފަހަކަށް ރަޖްނީކާންތްއާއި އަމީތާބް އެއް ފިލްމެއްގައި މަސައްކަތްކޮށްފައިވަނީ 1991 ވަނަ އަހަރުގައި ނެރުނު ހިންދީ ފިލްމު "ހަމް"ގައިއެވެ. ރަޖްނީކާންތް ކުޅެފައިވާ 11 ވަރަކަށް ދެކުނު އިންޑިއާ ފިލްމު އުފެއްދުންތަކަކީ އަމީތާބްގެ ފިލްމުތަކުގެ ރީމޭކްއެކެވެ. އޭގެ ތެރޭގައި އަމީތާބްގެ "ކޫން ޕަސީނާ" ހިމެނެއެވެ. ރަޖްނީކާންތް ވަނީ އެ ފިލްމުގެ ރިމޭކްއެއްގެ ގޮތުގައި "ސިވާ" ރިލީޒްކޮށްފައިއެވެ.

ޝާހް ރުކް ޚާންއާއި ޖެކީ ޗެން ހިމެނޭ އޭޝިއާގެ އެންމެ ނުފޫޒުގަދަ ތަރިންގެ ލިސްޓުގައި ރަޖްނީކާންތްގެ ނަންވެސް ގުނާލެވެއެވެ. އޭނާއަށް ހޮލީވުޑްގެ ފިލްމުތައް ކުޅުމުގެ ފުރުޞަތުވެސް ލިބިގެންދިޔައެވެ. އެހެން ނަމަވެސް، ރަޖްނީކާންތް ބޭނުންވަނީ ހަމައެކަނި ދެކުނު އިންޑިއާގެ ފިލްމުތަކުގައި ހަރަކާތްތެރިވާށެވެ.