ބޮލީވުޑްގެ މެގާ ސްޓަރ އަމީތާބް ފިލްމްގެ ސެޓްގައި މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ މޭކަށިގަނޑަށް ގެއްލުން ވެގެން ހޮސްޕިޓަލްގައި ފަރުވާ ދީފިއެވެ.

އޭނާ އަށް އަނިޔާވެފައި ވަނީ ހައިދަރުއާބާދުގައި "ޕްރޮޖެކްޓް ކޭ" ޝޫޓް ކުރަމުން ދަނިކޮށެވެ.

އުމުރުން 80 އަހަރުގެ ތަރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ އެކްޝަން ޝޮޓެއް ޝޫޓް ކުރަމުން ދަނިކޮށް ސެޓުގައި އޭނާގެ މޭކަށިގަނޑަށް ގެއްލުންެފައިވާ ކަމަށެވެ. އޭނާ ބުނެފައިވާގޮތުގައި، ހައިދަރުއާބާދުން ބޭސްފަރުވާ ހޯދުމަށް، މިހާރު އޭނާގެ ހާލު ދަނީ ރަނގަޅު ވަމުންނެވެ. އަދި މިހާރު ހުރީ މުމްބާގައި ހުންނަ އޭނާގެ ގޭގައި ކަމަށް ބުނެފައި ވެއެވެ.

މިކަމާއި ހެދި ޝޫޓިންގ ވަނީ ކެންސަލް ކޮށްފައެވެ.

އޭނާ ބުނީ، ހައިދަރުއާބާދުގެ އޭއައިޖީ ހޮސްޕިޓަލުގައި ސީޓީއިން ޑޮކްޓަރުގެ ލަފަޔާއި ސްކޭން ހެދުމަށްފަހު އޭނާ މިހާރު ހުރީ ގޭގައި ކަމަށެވެ. އޭނާ ވަނީ ވަރަށް ތަދުވި ކަމަށްވެސް ބުނެފައެވެ.

"އެހެންވީމަ ކުރަން އޮތް ހުރިހާ މަސައްކަތެއް މެދުކަނޑާލައި، ރަނގަޅުވަންދެން މިވަގުތަށް ހުރިހާ ކަމެއް ވަނީ ފަސްކޮށްފައި".

އޭނާ ވަނީ މިކަމާއި ހެދި ފޭނުންނާއިވެސް ބައްދަލު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

"ޕްރޮޖެކްޓް ކޭ" އިތުރު ތަރިންގެ ތެރޭގައި ޕްރަބާސް، ދީޕިކާ ޕަދުކޯން އަދި ދިޝާ ޕަޓާނީ ހިމެނެއެވެ. އެ ފިލްމް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގައެވެ.