ހެލްމެޓް ނާޅާ ސައިކަލްގައި ދިޔައި މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަނުޝްކާ ޝަރްމާ އާއި އަމީތާބް ބައްޗަންއަށް އިންޑިއާ ފުލުހުން ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަހުގެ ކުރީކޮޅު އަމީތާބް ބައްޗަން ވަނީ އަވަހަށް ތާކަށް ދިއުމަށް ބީރަށްޓެހި މީހެއްގެ ސައިކަލު ފަހަތަށް އަރާފަ އެވެ.

މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ އެ ހާދިސާ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް، ލިފްޓެއް ދިން ސައިކަލު ދުއްވާ މީހާއަށް ޝުކުރު އަދާކޮށްފަ އެވެ.

އަނުޝްކާ ވެސް ވަނީ މަގު ބަންދުވެފައި އޮތުމުން އަވަހަށްތާކަށް ދިއުމަށް އޭނާގެ ބޮޑީގާޑާއެކު ސައިކަލަކަށް އަރާފަ އެވެ.

މި ދެ ތަރިން ވެސް ސައިކަލަށް އަރާފައިވަނީ މުމްބައީގެ ބޮޑު ޓްރެފިކުން ސަލާމަތްވެ އަވަހަށް ބޭނުންވާ މަންޒިލަށް ދިއުމަށެވެ. ނަމަވެސް އެ ދެ ތަރިން ސައިކަލުގެ ފަހަތު ސީޓުގައި ތިބިއިރު ހެލްމެޓް ނާޅަ އެވެ. އިންޑިއާގައި ސައިލް ދުއްވާއިރު އޭގައި ތިބޭ ހުރިހާ ޕަސެންޖަރުން ހެލްމެޓް އަޅަން ޖެހޭނެ އެވެ.

އެ ދެ ތަރިން ހެލްމެޓް ނާޅާ ތިބިކަން ފާހަގަވެގެން ގިނަ ބަޔަކު ވަނީ އެކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ކޮށްފަ އެވެ. މިކަމާއި ގުޅިގެން މުމްބައީ ފުލުހުން ބުނެފައި ވަނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެ ތަރިންނާއި މެދުގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.