އިންޑިއާގެ ދިއްލީގެ އުތުރުން އޮންނަ ބުރާރީ ސަރަހައްދުގައި މަރުވި އެއް އާއިލާގެ 11 މީހުންގެ މަރުގެ ފަހަތުގައި ބަޔަކުވާ ކަމަށް ބުނެ އެ އާއިލާ މެންބަރަކު ފުލުހަށް ސިޓީ ފޮނުވައިފިއެވެ.
އެ އާއިލާގެ މެންބަރަކު ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ މައްސަލަ މިހާރަށްވުރެ ރަނގަޅަށް އަލުން ބަލައިދިނުމަށެވެ. އަދި އެ އާއިލާގެ މަރުގެ ފަހަތުގައި ބައެއްގެ އަތެއްވާކަމަށް އެ އާއިލާއިން ގަބޫލުކުރެއެވެ.
އެ އާއިލާ މީހަކު ތުހުމަތު ކުރިގޮތުގައި، އެކަކު މަރާލާފައި ވަނީ ކަރުގައި ބެލްޓް އަޅުވައިގެންނެވެ. އަދި އެކަކު ދަންޖައްސާފައި ކަރުގައި ނިޝާންތަކެއް ހުރިކަމަށް އާއިލާ މިހުން ބުންޏެވެ. އަދި އެކަކުގެ އަތް ބަނދެފައި ވަނީ ވަރަށް ދޫކޮށް ކަމަށް ބުނެފައެވެ. އެ އާއިލާއިން ބުނީ، އެ މީހުން ފުލުހުންނާއި ބައްދަލުކުރާނީ އެ މީހުންގެ ޖަނާޒާގެ ކަންތައް ނިންމާލުމަށްފަހު ކަމަށެވެ.
އަދި މީގެ އިތުރުން، އެ އާއިލާ މީހާ ބުނިގޮތުގައި، އެ މީހުން ދަންޖައްސާފައި ހުރިއިރު، ބޭނުންކޮށްފައި ހުރި ގޮޑިއަކީ އެހާ އުސް ގޮޑިއެއްކަމަށް ނުވާއިރު، އެ މީހުން އެހާ މައްޗަށް ފޯރާނީ ކޮންމެވެސް ބައެއްގެ އެހީތެރިކަމާއިއެކުގައެވެ. އެހެންކަމުން އެކަމުންވެސް އިނގެނީ ބައެއްގެ އަތް މިކަމުގެ ތެރޭގައިވާކަން ކަމަށް އެ މީހާ ބުންޏެވެ.
އެ މީހާ ވަނީ ފުލުހުން ގާތުގައި އެ މީހުން ދަންޖެހެން ބޭނުންކޮށްފައި ހުރި ތަކެތީގެ ފިންގާ ޕްރިންޓްތައް ބެލުމަށް އަންގާފައެވެ.
އަދި އޭގެ އިތުރުން، އެ ގޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތައް ދެ ދުވަސް ކުރިން މަސައްކަތް ނުކުރާ ގޮތް ހެދުމާއި، އެގޭގައި އޮންނަ ކުއްތާ ބަނދެފައި ބޭއްވުމަކީވެސް ބައެއްގެ އަތް މިކަމުގައި ވާކަމަށް ގަބޫލުކުރެވޭކަމަށް އޭނާ ބުނެފައި ވެއެވެ.
ފުލުހުން ވަނީ އެ މައްސަލަ ވަރަށް ރަނގަޅަށް ބަލަމުން އަންނަކަމަށް ބުނެފައެވެ.
އެގޭ ތެެރެއިން މަރުވެފައި ތިއްބާ ފެނުނު މީހުންގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި، ހަތަރު ފިރިހެނުންނެވެ. މި މީހުންގެ ހަށިގަނޑުތައް ފެނިފައި ވަނީ ދެ ބުރީގެ ގެއަކުންނެވެ.
ފުލުހުން ބުނީ އެ 11 މީހުންވެސް މަރުވެފައި ވަނީ ދަން ޖެހިގެން ކަމަށެވެ. އަދި ބިންމަތިން ފެނުނު އަންހެން މީހާވެސް މަރުވެފައި ވަނީ ދަންޖެހިގެންކަމަށް ފުލުހުން ބުންޏެވެ.
ތީގަސްތުގާ ކުރިކަމެއް ތިކަމުގެފަހަތުގައި ވަރަށް ބޮޑުއަތެއް ވާނެ. އަދިފަޅާއަރާނެ. ިނތިޒާރުކޮށްލާ.