މިއީ ސައުދީއަށް ނިސްބަތްވާ ލޯފަން ކުއްޖަކެވެ. ނަމަވެސް މުޅި ދުނިޔެ އޭނާ ދަނެއެވެ. އޭނާއަކީ ކޮމްޕިޔުޓަރުގެ ދާއިރާއިން މޮޅު މީހެކެވެ. މޮޅު ސޮފްޓްވެއަރ އިންޖިނިއަރެކެވެ.

މަޒެން އަލްހަރްބީ ނަމަކަށް ކިޔާ އެ ކުއްޖާގެ އުމުރަކީ 12 އަހަރެވެ. އޭނާ ވަނީ އެތައް ވައްތަރެއްގެ ޕްރޮގްރާމްތައް އުފައްދާފައެވެ. އަދި އޭނާ މިހާރު ބޭނުންވަނީ ކޮމްޕިިޔުޓަރުގެ ދާއިރާއިން ނުވަތަ އިނގިރޭސި ކިޔެވުމުގެ ދާއިރާއިން މަތީ ފާހެއް ހޯދުމަށެވެ.

މާޒެންގެ ބައްޕަ ބުނިގޮތުގައި، އޭނާގެ ދަރިފުޅަކީ އިނގިރޭސިއަށް މޮޅު ކުއްޖެއްކަމުން ފަސޭހައިން ކަންކަން ނަގައިގަންނަ ކަމަށެވެ. އެެހެންކަމުން އޭނާ ކޮމްޕިޔުޓަރުގެ ކަންކަން ވަރަށް ފަސޭހައިން ނަގައިގަތް ކަމަށާއި، ސްމާޓް އެއްޗެހީގެ އެކި މަސައްކަތް ކުރުމަކީ އޭނާ ވަރަށް ކުރާހިތްވާކަމެއް ކަމަށް ބައްޕަ ބުންޏެވެ. އަދި އާއިލާ މެންބަރުންނާއި އޭނާގެ ރަހުމަތްތެރިންގެ ކޮމްޕިޔުޓަރު އެއްޗެހި ހަލާކުވުމުން އެ އެއްޗެހި ހަދައި ދެނީ މަޒެންއެވެ.

އަދި މާޒެންއަކީ އޭނާ އަމިއްލައަށް އުޅޭ ކުއްޖެއް ކަމަށާއި، މީހެއްގެ އެހީތެރިކަން ހޯދަނީ އޭނާ ގެންގުޅޭ ސްމާޓްފޯން މެދުވެރިކޮށް ކަމަށް އޭނާގެ ބައްޕަ ބުންޏެވެ. އަދި ލޯފަން ކުދިންނަށް ހާއްސަކޮށް ކޯސްތައް ހިންގައިދޭ ސެންޓަރުގެ އެހީގައި އޭނާއަށް ކޮމްޕިިޔުޓަރުގެ ކަންކަން އޭނާއަށް ދަސްވިއިރު، އޭނާއަކީ ލޯފަން ކުއްޖެއް ނަމަވެސް އޭނާ ކުރިއަށްދާން ބޭނުންވާ ދާއިރާއިން ކުރިއަށްދިޔުމަށް މާބޮޑު ހުރަހެއް ނެތްކަމަށް އޭނާ ގަބޫލުކުރެއެވެ.

މިހާރު އޭނާ ބޭނުންވަނީ އޭނާގެ އެ ހުރި ހުނަރުން އިތުރު ކަންތައްދަސްކޮށް އިތުރު ޕްރޮގްރާމްތައްވެސް ދަސް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު