ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާންގެ ލަވަތަކަކީ ވަރަށް މަގުބޫލު ލަވަތަކެކެވެ. ވަކީން ހާއްސަކޮށް ސަލްމާން ނަށާފައިވާ ލަވަތަކަކީ އޭގައިވާ ސިގްނެޗަރ ސްޓެޕް ނުވަތަ ސަލްމާންގެ ސިކްސް ޕެކް އެބްސްގެ ސަބަބުން އެތައް އަހަރުތަކެއް ވަންދެން ވެސް ގިނަ ބަޔަކަށް ކަމުދާ ލަވަތަކެކެވެ.

އެގޮތުން ސަލްމާން ޚާން ކާމިޔާބު އެތައް ލަވަތަކެއްގެ ތެރެއިން 1990 ގެ އަހަރުތަކުން ފާހަގަ ކޮށްލެވޭ ފިލުމު ''ޕިޔާރު ކިޔާތޮ ޑަރުނާ ކިޔާ'' ގެ ލަވަ ''އޮއްއޯ ޖާނެ ޖާނާ'' ގައި ފޮރުވިފައިވާ އެތައް ސިއްރުތަކެއް ސަލްމާން މިވަނީ ހާމަކޮށްފައެވެ.

ފިލުމު ''އަންތިމް: ދި ފައިނަލް ޓްރުތު'' ގެ ޕްރޮމޯޝަންގައި ސާރިގަމަޕަ ޝޯގައި ސަލްމާން ވަނީ މި ލަވައާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

މި ލަވަ ރެކޯޑު ކޮށްގެން ހަ އަހަރު ވަންދެން ސީޑީއެއްގައި ގެންގުޅުނު ކަމަށާއި މިޔުޒިކު ކުންފުނިތަކުން ހަ އަހަރު ވަންދެން މި ލަވަ ރިޖެކްޓް ކޮށްފައިވާ ކަމަށް ވެސް ސަލްމާން ބުނެފައިވެއެވެ.

އެއްވެސް ކުންފުންޏަކުން ގަބޫލުކޮށްފައިނުވާ މި ލަވަ ބޭނުން ކުރުމަށް ނިންމީ ސުހެއިލް ޚާން ޑައިރެކްޓް ކޮށްފައިވާ ފިލުމު، ''ޕިޔާރު ކިޔާތޯ ޑަރުނާ ކިޔާ'' ގައެވެ. މި ލަވަ އެ ފިލުމުގައި ބޭނުން ކުރުމަށް ސުހެއިލް ގާތު އެދެނު ކަމަށް ވެސް ސަލްމާން ބުނެފައިވެއެވެ.

މި ލަވައިގައި ސަލްމާން ގަމީސް ނުލައި ހުރި ހުރުމަކީ ކުރިން ޕްލޭން ކުރެވިގެން ކުރި ކަމެއް ނޫން ކަމަށާއި އެ ލަވައިގައި ސަލްމާން ލާން ތައްޔާރު ކޮށްފައިވާ ގަމީސް ކުރުކަމުން ކަމަށް ސަލްމާން ބުނެފައިވެއެވެ.

ގަމީސް ކުރުކަމުން ހެޔޮވަރުކޮށްގެން ގެނައުމަށް ގިނަ ވަގުތުތަކެއް ނަގާތީ، ޝޫޓިންގެ ތާވަލަށް ބުރޫއަރަން ފެށުމުން ގަމީސް ނުލާ އެ ލަވަ ޝޫޓް ކުރުމަށް ސުހެއިލް އެއްބަސްވީ ކަމަށް ވެސް ސަލްމާން ބުނެފައިވެއެވެ.

މި ލަވަ އާއި މި ލަވައިގެ ސިގްނޭޗަރ ސްޓެޕްއަކީ މިހާރު ވެސް ވަރަށް މަގުބޫލު އެއްޗިއްސެވެ.