ޖަރުމަންވިލާތުގެ މީހަކު ކޮވިޑް-19 ވެކްސިން ޖެހިކަން ދައްކަން ވެގެން އޭނާ އަށާއި އަދި އަނބިމީހާ އާއި ތިން ދަރިންނަށް ފޭކް ވެކްސިން ސެޓްފިކެޓެއް ހެދުމަށް ފަހު އެކަން ފަޅައި އަރާފާނެތީ އާއިލާގެ ހުރިހާ މެންބަރުން މަރާލައިފިއެވެ.

ފިރިހެން މީހާ ވަނީ ތިން ދަރިންނާއި އަނބިމީހާ މަރާލުމަށް ފަހު އޭނާ ވެސް އަމިއްލައަށް މަރުވެފައެވެ.

ފުލުހުން ބުނީ ބާލިންގެ ދެކުނުގައި އޮންނަ އަވަށެއްގައި އެއާއިލާ ދިރިއުޅެމުން ދިޔަ ގޭގެ ތެރެއިން 40 އަހަރުގެ ދެމަފިރިންނާއި ހަތަރު އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ކުއްޖަކާއި އަދި ދިހަ އަހަރުގެ ކުއްޖަކު މަރުވެފައި ވަނިކޮށް ފެނިފައިވާ ކަމަށެވެ. އެންމެން ވެސް މަރުވެފައި ވަނީ ބޮލަށް ބަޑި ޖެހުމުގެ ސަބަބުންނެވެ.

ފުލުހުންނަށް ވަނީ އެގޭގެ ތެރެއިން ނޯޓެއް ފެނިފައެވެ. އެނޯޓް ލިޔެފައި ވަނީ ކުދިންގެ ބައްޕަ ޑޭވިޑް އެވެ.

ޑޭވިޑްގެ ލިޔުމުގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ ދަރިންނާއި އަނބިހާއަށް ފޭކް ކޮވިޑް ސެޓްފިކެޓެއް ތައްޔާރު ކޮށްފައެވެ. އާއިލާ އިން ގެންގުޅުނީ ފޭކް ސެޓްފިކެޓެއްކަން އެނބުނީ ޑޭވިޑްގެ އަނބިމީހާ ވަޒީފާ އަދާކުރަމުން ގެންދިޔަ ކުންފުންޏަށެވެ.

ޑޭވިޑްގެ ނޯޓްގައި ބުނެފައިވާ ގޮތުގައި ތިން ދަރިންނާއި އަނބިމީހާ މަރާލަން ނިންމީ އެމީހުން ފޭކް ވެކްސިން ސެޓްފިކެޓެއް ގެންގުޅޭކަން އެނގިއްޖެނަމަ ފުލުހުން އެމީހުންގެ އަތުން ދަރިން އަތުލައި ދަރިން ބެލެހެއްޓުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސް ޑޭވިޑްގެ ދެމަފިރިން ހައްޔަރު ކޮށްފާނެތީއެވެ.

ޖަރުމަންވިލާތުން ވަނީ ކޮވިޑް-19 ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހަދައިފިނަމަ ޖޫރިމަނާ ކުރުމާއިއެކު އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ ގޮތައް ދާދި ފަހުން ގާނޫނެއް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު