އިންޑިޔާގެ ސްޓޭޓެއްކަމުގައިވާ ކެރެލާގައި ވައްކަންކުރި މީހަކު މަރާލުމަށްފަހު އެ މީހާގެ ހަށިގަނޑު ހިމަނައިގެން ސެލްފީ ނެގި ގުރޫޕެއް ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހަމަލާއާއި ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައި ވާއިރު ވައްކަންކުރި މީހާއަކީ އެ ސަރަހައްދުގެ ރަށްފުށު ހިސާބުގަނޑެއްގައި ދިރިއުޅެމުންދިޔަ ނިކަމެތި މީހެއްކަމަށް ވަނީ މައުލޫމާތުލިބިފައެވެ. ފުލުހުން ބުނާގޮތުގައި އެ މީހާގެ މަރާއި ގުޅިގެން ތުހުމަތުކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެ މީހާ ބަނުމަށްފަހު ބޮޑު ގުރޫޕަކުން އެ މީހާއަށް އަނިޔާކުރަމުންދަނިކޮށް ފުލުހުންނަށް ރިޕޯޓްކުރެވުމާއިއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވައިފައެވެ. އެހެންނަމަވެސް އެމީހާއަށް ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުމުގެ ކުރިން އޭނާ މަރުވިކަމަށް ފުލުހުންގެ އިސް އޮފިޝަލެއްކަމުގައިވާ ޕްރަތީޝް ކުމާރް ވަނީ ހާމަކޮށްފައެވެ.

މި ހަމަލާގެ ބައެއް ފޮޓޯ މީސް މީޑިޔާގައި އާންމުވެފައިވާއިރު ހަމަލާގެ ވީޑިއޯއެއް ޓީވީ މެދުވެރިކޮށް ބްރޯޑްކާސްޓްކޮށްފައި ވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ބައެއް ފޮޓޯތަކުގައި އެމީހާއަށް އަނިޔާކުރެވެމުން ދަނިކޮށް މީހުން ސެލްފީ ނަގާފައިވާތަންވެސް ވަނީ ފެނިގެންގޮސްފައެވެ. އެ ހަމަލާއާއި ގުޅިގެން ކެރެލާގެ ޗީފް މިނިސްޓަރ ވަނީ ހަމަލާދިން މީހުންނަށް ހަރުކަށި އަދަބު ދެވިގެންދާނޭކަމަށާއި އަދި މިއީ ކެރެލާއިން ހޯދަމުން އައި ކުރިއެރުންތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

އިންޑިޔާ އަކީ މިފަދަ ހަމަލާތައް ވަރަށް އާންމުކޮށް ދެވެމުންދާކަމަށް ފާހަގަކުރެވިފައިވާ ގައުމެކެވެ. މިގޮތުން ދީނީ ކަންކަމުގެ އިތުރުން އެހެނިހެންވެސް ކުށްތަކުގައި އާންމު ބައެއް ފަރާތްތަކުން ކުށްކުރާ މީހުންނަށް އަމިއްލައަށް އަދަބުދޭ ހަބަރު އަދި ވީޑިއޯ ފަދަ މައުލޫމާތު ދަނީ ކޮންމެ ހަފްތާއެއްގައިހެން އާންމުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލިބެ

    ޢިނޑިއާ ސަރުކާރުން އެގަމުގައި ހިނގާ މިފަދަ ލާ އިންސާނީ ޢަމަލުތައް ހުޓުވުން
    މާ ރަނގަޅެވެ.

  2. ގަނީ

    އިންޑިޔާއަކީ ދުނިޔޭގައި ހިންގާ ނުބައި ހުރިހާ ޖަރީމަތަކެއް އެއްމެ މަތީ ސަފުގައި ހިންގަމުން އަންނަ ގައުމެއް.