އެއްގޮތަކަށް ވެސް ސިނގިރޭޓް ނުބޯ ނަމަވެސް އާންމުކޮށް ކޮންމެ ދުވަހަކު ވޭޕްކުރާ ނުވަތަ އީ-ސިނގިރެޓް ބޭނުންކުރާ ނަމަ އުމުރުން 20-65 އަހަރާ ދެމެދު މީހުން ޖިންސީ ގޮތުން ބަލިކަށިވާ ކަމަށް އެމެރިކާގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ނިއުޔޯކްގެ ގްރޮސްމަން ސްކޫލް އޮފް މެޑިސިން އިން ކުރި ދިރާސާގައި ބުނެފައި ވަނީ މިދިރިސާގައި ބައިވެރިވި މީހުންނަކީ ބޮޑު ބައްޔެއް ނުހުންނަ، އަދި ވޭޕް ކުރުން ފިޔަވައި ޖިންސީ ބަލިކަށިކަމަށް މަގުފަހިވާ އެހެން އާދައެއް ވެސް ނުހުންނަ މީހުން ކަމަށެވެ.

އެމެރިކާގެ ޖާނަލް އޮފް ޕްރެވެންޓެޓިވް ޕެޑިސިންގައި މިހާރު އާއްމު ކޮށްފައިވާ ދިރާސާ ބުނާ ގޮތުން އީސިނގިރޭޓާއި ވޭޕްގެ ސަބަބުން ފިރިހެނުން ޖިންސީ ގޮތުން ބަލިކަށިވާ މައިގަނޑު ސަބަބަކީ އެތަކެތީގައި އާދަޔާއި ހިލާފު މަތީ މިންވަރަކަށް ނިކޮޓިން ހިމެނިފައި ވުން ކަމަށެވެ.

"ލޭ ހޮޅީގައި ސަރުބީ ޖަހާފައިވާ މީހުންނާއި، ހަކުރު ބަލި ހުންނަ މީހުންނާއި ބަރުދަން އިތުރުވެފައިވާ މީހުންނާއި އަދި ސިނގިރޭޓް ބޯ މީހުންނަށް ވުރެ ވެސް ކޮންމެ ދުވަހަކު ވޭޕްކޮށް އީސިނގިރޭޓް ބޭނުން ކުރާ މީހުންގެ ޖިންސީ ބަލިކަށިކަން އިތުރު." ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

ވޭޕާއި އީސިނގިރޭޓްގައި ހުންނަ ނިކޮޓިން އާއި އެހެނިހެން ކެމިކަލް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ނާރުތަކުގެ މަސައްކަތަށް ބުރޫއަރައި ޖިންސީ އެދުންވެރިކަމުގެ ހޯމޯން އަށް އަސަރު ކުރާ ކަމަށް ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައިންސްވެރިން ބުނެއެވެ. މީގެ ސަބަބުން ޖިންސީ ގުނަވަނުގައި ބާރު ޖެހުން ހުއްޓުވައެވެ.

ތަފާތު ވައްތަރުތަކުގެ ވޭޕާއި އީސިނގިރޭޓް މިހާރު ވަރަށް ބޮޑަށް އާއްމު ވަމުން އަންނައިރު އެކަމުގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ކުރިއަށް އޮތްތަނުގައި އާއްމު ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން އަންނަނީ ދެމުންނެވެ. އަދި ސިނގިރޭޓް ބޭނުން ކުރާ މީހުންގެ އަދަދު މަދުކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއް ނުނެރެވި ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ތަޖުރިބާކާރުން ދެއެވެ.