މި މަހުގެ 24 ވަނަ ދުވަހު އޯޓީޓީ ޕްލެޓް ފޯމުގައި ރިލީޒް ކުރި އާނަންދު އެލް ރާއީ ޑައިރެކްޓް ކޮށްފައިިވާ ފިލުމު ''އަތުރަންގީ ރޭ'' ރިލީޒް ކުރިތާ މާގިނައިރު ތަކެއް ނުވަނީސް ލީކުވެއްޖެއެވެ.

މި ފިލުމު ރިލީޒު ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ''ޓެމިލްރޮކާސް''، ''ޓެލިގްރާމް'' އަދި ''މޫވީ ރޫލްޒް'' ފަދަ ސައިޓުތަކުން ޑައުންލޯޑު ކުރެވޭ ގޮތަށް ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލުމުން ފެނިގެންދާނީ އަކްޝޭ ކުމާރުގެ އިތުރުން ސާރާ ޢަލީ ޚާނާއި ދަނުޝްއެވެ. މި ފިލުމަކީ ލޯބީގެ ތަފާތު ވާހަކައެއް ކިޔައިދޭ ފިލުމެކެވެ.

ފިލުމުގެ ޕްރޮމޯޝަނެއްގައި ވާހަކަ ދައްކަމުން ޑައިރެކްޓަރ އާނަންދު ވަނީ އަކްޝޭ ކުމާރަށް ތަޢުރީފު ކޮށްފައެވެ.

''އަކްޝޭއަކީ ވަރަށް ސާދާ އަދި ތެދުވެރި އެކްޓަރެއް. އަކްޝޭއަކީ ފިލުމު ދެކެ ލޯބިވާ މީހެއް'' ޑައިރެކްޓަރ ބުނެފައިވެއެވެ. މީގެއިތުރުން ޑައިރެކްޓަރ ވަނީ މި ފިލުމާއި ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ.

''މި ވާހަކަ އަހަރެންނަށް ވަރަށް ކަމުދޭ. މި ފިލުމުގެ ހިއްސާއަކަށް ވާން ބޭނުންވި. އަތުރަންގީ ރޭ އާއި ރަކްޝާ ބަންދަންގެ ޝޫޓިން ނިންމާލީ ލޮކްޑައުން ތެރޭގެ ހީވެސް ނުކުރާހާ އަވަހަށް'' ޑައިރެކްޓަރ ބުނެފައިވެއެވެ.

މި ފިލުމަކީ އަކްޝޭއާއި ސާރާ އެކުގައި ކުޅޭ ފުރަތަމަ ފިލުމެވެ. ތަމަޅަ ފިލުމުތައް ކުޅެމުން އައި ދަނުޝްގެ ބޮލީވުޑުގެ މި ފިލުމުން އޭނާ ވަނީ ކުރީގެ ފިލުމުތަކުގެ ބަތަލާއިންނާއި ސާރާއާއި އަޅާ ކިޔައިފައެވެ.

ފިލުމުގެ ޕްރޮމޯޝަނެއްގައި ވާހަކަ ދައްކަމުން ދަނުޝް ބުނެފައިވަނީ ސާރާއަށް ވުރެ އެކުގައި މަސައްކަތް ކުރުމަށް ފަސޭހައީ ކުރީ ފިލުމުގެ ބަތަލާ ސޯނަމް ކަޕޫރު ކަމަށެވެ.