ކޮވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެފައިވާ އިންޑިޔާގެ ސިނަމާތައް ހުޅުވަން ހުއްދަ ދޭން ބޮލީވުޑުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރް އެދިއްޖެއެވެ.

ކޮވިޑްގެ ބިރުވެރިކަން އިންޑިޔާގައި އިންތިހާއަށް ގޮސް ރޭގަނޑު ގަޑީގައި ވަނީ ކާފިއު ވެސް އިޢުލާން ކޮށްފައެވެ. އެއާއި އެކު ފިލުމު އިންޑަސްޓްރީއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވެއެވެ. މިހާރު އިންޑިއާގައިވެސް ދަނީ ކޮވިޑްގެ އާ ވައްތަރުކަމަށްވާ އޮމިކްރޮންގެ ވޭދަނަތައް ފެންނަމުންނެވެ.

މި ވޭދަނަތަކާއި ގުުޅިގެން ރޭގަނޑު ކާފިއު ހިންގުމާއި އެކު ތިއޭޓަރުތައް ވެސް ބަންދު ކުރަން މަޖުބޫރުވެ، ސިނަމާ ތަކުގައި އެޅުވުމަށް ތާވަލު ކުރެވިފައިވާ ބައެއް ފިލުމުތައް ވެސް ވަނީ ފަސްކޮށްފައެވެ. އެގޮތުން ޝާހިދު ކަޕޫރުގެ ''ޖާރޒީ'' ފިލްމް އެޅުވުން ފަސްކޮށްފައި ވެއެވެ.

އޮމިކްރޮންގެ މި ބިރުވެރި ވަގުތުގައި ވެސް ސިނަމާތައް ހުޅުވާލުމަށް ކަރަން ވަނީ ސަރުކާރުގައި އެދިފައެވެ.

ކަރަން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ސިނަމާތައް ހުޅުވުމަށް ދިއްލީ ސަރުކާރަށް އެދިފައެވެ. އަދި ސިނަމާތަކަކީ ސާފުތާހިރު މާހައުލެއް ކަމަށާއި ކޮވިޑުއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ސަމާލުކަން ދޭ ތަނެއް ކަމަށް އެ ޓްވީޓްގައި ބުނެފައި ވެއެވެ.

މިފަދަ ނުރައްކާތެރި ވަގުތެއްގައި ކަރަން ކުރި މި ޓުވީޓު އިންޑިޔާގެ ރައްޔިތުން ބަލައެއް ނުގަނެއެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ކަރަން ވިސްނަނީ ހަމައެކަނި އޭނާގެ ފިލުމުތަކަށް ކަމަށެވެ. ގައުމުގެ ސަލާމަތަށް އެއްވެސް ފަރުވާއެއް ކަރަންގެ ނެތް ކަމަށްވެސް ބުނެފައި ވެއެވެ.

އެއްވެސް ސިނަމާއެއް ނުހުޅުވުމަށާއި ދިއްލީގެ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބައެއް ފަރާތްތަކުން ވަނީ ކޮމެންޓް ކޮށްފައެވެ. މި ކޮމެންޓްތަކުގައި ދިއްލީގެ ޗީފް މިނިސްޓަރ ޓެގް ކޮށްފައިވެއެވެ.