ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ރަންބީރު ކަޕޫރުގެ އެންމެ ހާއްސަ ސިފަ އޭނާގެ ލޯބިވެރިޔާ، ބަތަލާ އާލިއާ ބަޓް ހާމަކޮށްފިއެވެ.

ރަންބީރުއާއި އާލިއާގެ ފިލުމު ''ބްރަހްމަސްތުރާ'' ޕްރޮމޯޓް ކުރުމަށް ތެލެގޫ ބިގް ބޮސްގެ ފިނާލޭގައި ބައިވެރިވެފައިވެއެވެ. މިޝޯގެ ތެރޭގައި ވާހަކަ ދައްކަމުން އާލިއާވަނީ ރަންބީރުގެ ''ސްޕަރ ޕަވަރ'' އަކީ ކޮބައިކަން ހާމަކޮށްފައެވެ.

މި ޝޯގައި އާލިއާ ބުނެފައިވަނީ ތޫފާނުގެ ވަގުތުގައި ވެސް ރަންބީރަކީ ވަރަށް މަޑުމައިތިރި މީހެއް ކަމަށެވެ. އަދި އެއީ ރަންބީރުގެ ސްޕަރ ޕަވަރ ކަމަށެވެ.

އިތުރަށް މި ވާހަކަ ތަފުސީލު ކޮށްދެމުން އާލިއާ ބުނެފައިވަނީ ތަނަކަށް ދާން ގަޑި ޖެހިގެން ނުވަތަ އަވަސް އަރުވާލާފަ އުޅޭއިރު ވެސް ރަންބީރު ހުންނާނީ ވަރަށް ހަމަޖެހިލައިގެން ކަމަށެވެ. އަދި އަވަސް އަރުވާލާފަ އުޅޭ މީހަކު ވެސް ހަމަޖެހިލުމަށް ބުނާ ކަމަށް ބުންޏެވެ.

އާލިއާގެ މި ވާހަކަ ތަކަށް ޖަވާބުދެމުން ރަންބީރު ބުނެފައިވަނީ އާލިއާއަކީ ''ފަޔަރ ކްރެކާރ'' އެއް ކަމަށެވެ. ރަންބީރު މިހެން ބުނުމުން އާލިއާގެ މޫނުމަތީން ލަދުރަކިކަން ފެނެއެވެ.

އާލިއާއާއި ރަންބީރު އެކުގައި ފެނިގެންދާ މި ފިލުމަކީ ބެލުންތެރިން ވަރަށް ގިނަ ދުވަސް ވަންދެން އިންތިޒާރު ކުރަމުން އަންނަ ފިލުމެކެވެ.

ރަންބީރާއި އާލިއާގެ އިތުރުން އަމީތާބު ބައްޗަންއާއި މޯނި ރޯއި ފެނިގެންދާ މި ފިލުމު އެޅުވުމަށް ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އާލިއާއާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މި ދެ ފަންނާނުން ވެސް އެއްބަސްވެފައެވެ.