ދާދި ފަހުން ނެރުނު ބޮލީވުޑްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި އާލިއާ ބަޓްގެ ލުކް އާ މެދު ފޭނުންނަށް އެތައް ވާހަކައެއް ދަނީ ދައްކަމުންނެވެ. ގިނަބަޔަކަށް ވަރަށް ރީތި ފަންނާނެެއްގެ ގޮތުގައިވެސް ފާހަގަކޮށްލެެވޭ އާލިއާ ބަޓްގެ ރީތި ސިފަތަކަށް ގިނަ ބައެއްގެ ތައުރީފު ލިބެއެވެ.

ދާދި ފަހުން ވޯގް އަށް ދިން އިންޓަވިއުއެއްގައި އާލިއާ ވަނީ އޭނާގެ މޭކަޕް ރޫޓިންއާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ އޭނާގެ ލޮލުގައި މާ ބޮޑު އެސްފިޔައެއް ނެތް ކަމަށާއި ނަމަވެސް އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރުގެ ރީތި ދިގު އެސްފިޔައަށް ތައުރީފު ކުރާ ކަމަށެވެ.

އަދި ދެމަފިރިންގެ އަންހެން ދަރިފުޅު ރަހާ އުފަންވުމާ އެކު އާލިއާ ރަންބީރު ކައިރީގައި އެމީހުންގެ ދަރިފުޅުގެ އެސްފިޔައަށް ބެލުމަށް އެދުނު ކަމަށްވެސް އާލިއާ ބުންޏެވެ.

"އަހަރެންގެ އަންހެން ދަރިފުޅު އުފަންވިއިރު އަހަރެން ހިތަށް އެރީ އޭނާގެ ދެލޯ ބަލަން. ރަންބީރް ކައިރިން އެެހިން ދަރިފުޅުގެ ދިގު އެސްފިޔަ ހުރިތޯ ބަލަން. ނަސީބަކުން ހުރި."

އެ އިންޓަވިއުއެއްގައި އާލިއާ ވަނީ އޭނާގެ ކޮންމެ ދުވަހެއްގެ ހަންގަނޑަށް އަޅާލުމާއި މޭކަޕް ރޫޓިން ދައްކާލައިފައެވެ.

ވޯގް އާ ވާހަކަ ދައްކަމުން އާލިއާ ވަނީ ރަންބީރާ އެކު އޮތް ގުޅުމާ ބެހޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ރަންބީރު އޭނާގެ ނެޗުރަލް ލުކް އަށް ތައުރީފުކުރާ ކަމަށް އޭނާ ބުނާއިރު، ޑާކް ޝޭޑެއް ތުންފަތުގައި ޖައްސަން ނުރުހޭ ކަމަށްވެސް ބުންޏެެވެ.