ޔޫރަޕުގެ އެންމެ ބޮޑު ބަޖެޓް އެއާލައިން ރަޔަން އެއާ ގެ މަތިންދާބޯޓެއްގައި ކެބިން ޕްރެޝަރު ދަށްވެ އެތަށް ބަޔަކަށް އަނިޔާ ވެއްޖެއެވެ. އަޔާލެންޑުގެ ޑުބްލިން އިން ކްރޮއޭޝިޔާގެ ޒާޑަރަށް ދަތުރު ކުރަމުން ދިޔަ ރަޔަން އެއާގެ ފްލައިޓް FR7312 ގައި ކެބިން ޕްރެޝަރު ދަށްވުމުގެ ސަބަބުން އެ ބޯޓު ވަނީ ޖަރުމަނުގެ ފްރެންކްފާޓުގައި އިމާޖެންސީ ލޭންޑިންގް އެއް ކޮށްފައެވެ.

ބޯޓުގައި ކެބިން ޕްރެޝަރު ދަށްވުމަށް މެދުވެރިވި ސަބަބު އަދި ސާފު ވެފައި ނުވާއިރު މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން އަންނަނީ ބޯޓުގެ ފްލައިޓް ޑޭޓާ ރިކޯޑަރު އަދި ކޮކްޕިޓް ވޮއިސް ރިކޯޑަރު ތަކުން ބޯޓުގެ ދަތުރުމަތީގައި ހިނގައިދިޔަ މުހިންމު ކަންތައްތަކުގެ މައުލޫމާތު ހޯދަމުންނެވެ.

ބޯޓުގައި ކެބިން ޕްރެޝަރު ދަށްވުމުގެ ސަބަބުން ރަޔަން އެއާގެ އެ ފްލައިޓުގައި ދަތުރު ކުރަމުންދިޔަ އެތަށް ޕަސިންޖަރުންނަށް ވަނީ އެކިއެކި އަނިޔާތަކަށް ފަރުވާދީފައެވެ. އެގޮތުން ކަންފަތުން ލޭ އައުމުގެ ސަބަބުން އެ ބޯޓުގައި ދަތުރުކުރި 33 ޕަސިންޖަރުންނަށް ވަނީ ފްރެންކްފާޓުގެ ހޮސްޕިޓަލެއްގައި ފަރުވާ ދީފައެވެ.

ނަމަވެސް ހާދިސާއާ މެދު ރަޔަން އެއާއިން އަމަލުކުރަމުންދާ ގޮތާމެދު ބޯޓުގައި ދަތުރު ކުރި ޕެސެންޖަރުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޖަރުމަނުގައި މަޑުކުރަން ޖެހުނު ޕަސިންޖަރުންނަށް ތިބޭނެ ތަނެއް ހޯދައިދިނުމަށް ރަޔަން އެއާ އިން އެހީވެފައި ނުވާކަމަށް ވެސް ބައެއް ޕަސިންޖަރުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި ބައެއް ދަތުރުވެރިން މިލިޓަރީ ސްޓައިލް އެނދުތަކުގައި ނިދަން ޖެހުނުކަމަށް ބުނާ ވާހަކަތަކެއްވެސް ވަނީ ރަޔަން އެއާ އާ ދެކޮޅަށް ފެންމަތިވެފައެވެ.

ކެބިން ޕްރެޝަރު ދަށްވުމުގެ ސަބަބުން އޮކްސިޖަން މާސްކުތައް ތިރިކޮށްފައި، ފޮޓޯ: މީސް މީޑިޔާ

މިއީ މިފަދަ ހާދިސާއެއް މިމަހުގެ ތެރޭގައި ހިނގި ދެވަނަ ފަހަރުވެސްމެއެވެ.

ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި އެއާ ޗައިނާ ގެ ބޯޓެއްގައި ވެސް ވަނީ ބޯޓުގެ ކެބިން ޕްރެޝަރު ދަށްވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. އެގޮތުން އެ ބޯޓުގައި ޕްރެޝަރު ދަށްވީ ބޯޓުގެ ކޯ ޕައިލެޓު ވޭޕް ކުރިކަން ވަންހަނާ ކުރަން ބޯޓުގެ އެއާ ކޮންޑިޝަނިން ސިސްޓަމްތަށް ކަނޑާލުމުގެ ސަބަބުންނެވެ. މިހާދިސާ ދިމާވުމަށް މަގުފަހި ކުރުވި ބޯޓުގެ ކޯ ޕައިލެޓުގެ ލައިސަންސް އުވާލައި މިހާރުވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށް ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުންވަނީ ބަޔާނެއްގައި ހާމަކޮށްފައެވެ.