އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތްކުރާ 58 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން މިއަދު ދީފިއެވެ.

ރާއްޖޭގެ އެއާޕޯޓުތަކުގައި މަސައްކަތް ކުރާ އޭވިއޭޝަން ކޮމާންޑްގެ މުވައްޒަފުންގެ ތެރެއިން މަގާމުގެ ކުރިއެރުން ލިބުނު މުވައްޒަފުންނަށް ހަނދާނީ ލިއުން ހަވާލުކޮށްފައި ވަނީ ކަސްޓަމްސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ކަސްޓަމްސްގައި މިއަދު އޮތް ރަސްމިއްޔާތުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މި ރަސްމިއްޔާތުގައި ވަނީ އޭވިއޭޝަން ކޮމާންޑުގައި މަސައްކަތް ކުރާ 58 މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ހަވާލުކޮށްފައެވެ. އެއީ ކޯޕަރަލެއްގެ މަގާމަށް 21 މުވައްޒަފުން، ސާޖެންޓް މަގާމަށް 21 މުވައްޒަފުން އަދި ސްޓާފް ސާޖެންޓްގެ މަގާމަށް 13 މުވައްޒަފުންނެވެ.

މީގެއިތުރުން ސުޕްރިޓެންޑެއްގެ މަގާމު ދެ މުވައްޒަފަކަށް ދީފައިވާ އިރު، ޗީފް ސުޕްރިޓެންޑެއްގެ މަގާމު ވެސް މުވައްޒަފަކަށް ދީފައިވެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން ހަވާލު ކުރަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މި ރަސްމިއްޔާތުގައި އޭވިއޭޝަން ސެކިއުރިޓި ކޮމާންޑްގެ ޑިރެކްޓަރު އަލީ އަސްގަރް ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ނުލިބި ދިގުލައިގެންް ދިޔަ ކަމަށެވެ. އަދި އެކަމަށް ނިމުމެއް ގެނައީ މި ސަރުކާރުން ކަމަށް ވެސް އަސްގަރު ވިދާޅުވިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން ހަވާލު ކުރަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު ވެސް އެ އިދާރާގައި މަސައްކަތް ކުރަމުން ގެންދާ 76 މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދީފައި ކަމަށް އަސްގަރް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކުރިއެރުން ހޯދުމަށް މުވައްޒަފުންނާއި، އެ އިދާރާގެ މެނޭޖްމެންޓުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން ހަވާލު ކުރަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"މިއަދު ކުރިއެރުން ލިބޭ މުވައްޒަފުންނަށް މަރުހަބާ ދަންނަވަމުން ދަންނަވާލަން ބޭނުންވަނީ މިއަދު ތިޔަ ހަވާލުކުރެވެނީ އިތުރު ޒިންމާތަކެކޭ. އަޅުގަނޑުގެ ނަސޭހަތަކީ ހަވާލުކުރެވުނު ޒިންމާތައްް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން މަތީ ދެމިތިބުން" އަސްގަރް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑައެލޯގް

    ތިޔަކުދިންނަށް ކުރިއެރުންވެސް މިއަދު ތިޔަލިބެނީ ޔާމީނާހެދިއެވެ. ސަބަބަކީ ތިޔަ އެއާޕޯޓު އިންޑިޔާ އަށް ވިއްކާލާފައިވަނިކޮށް ދިވެހިންނަށް ހޯދައިދިނީ ޔާމީނާއި ވަހީދެވެ. އެނޫންނަމަ ތިޔަކުރިއެރުންދޭނީ އިންޑިޔާއިންނެވެ. މިއީ ވަރަށް ވާހަކައެވެ.

    15
    1
  2. Anonymous

    މަ ވޯޓާ ޔާމިން އައް.

  3. މުދިންބޭގެކުޑޭއާއިލާ

    އަބަދުވެސް ކުރީ ސަރުކާރު
    ކުރީ ސަރުކާރު
    ކުރީ ސަރުކާރު

    ކުރީ ސަރުކާރު

    ސަރުކާރަކާ ހަވާލުވަނީ ކުރީ ސަރުކާރު ކުރި ކަން ކަމަށް ވުރެ ރަގަޅަށް ކުރާކަށެއް ނޫންތަ
    ނުނީ އަބަދު ފިތުނައިގައި އުޅެ 5 އަހަރު ދުއްވާލަންތަ
    ތާއީދު ލިބޭނެ ދޮގު ނެހެދިޔަސް

  4. ދަރަނި ދަންތުރަ

    ދައުރުނިމެންކައިރިވެ ތިމާމެން ދެންސަލާމަތް ނުވާނެކަން ޔަޤީން ވީމަ ބޮލުގެ އެއްޗެއް ހަދާލީ ދޯ ، ދުއްރަ މާރިޔާ ކިޔާތީ ގާނޫނީ ދާއިރާއިން ކިޔަވާ އަލްއުސްތާޛާ އަކަށްވީ ، ކިނަބަޔަކަށް އެނގޭ މާރިޔާ ހައްދު ޖެހިކަން

  5. ޓ

    ސިވިލްގެ އެހެން މުވައްޒަފުންނަށް ވެސް ކުރި އެރުމެއް ނުލިބޭ...ކީއްވެ ވަކި މުއައްސަސާ އަކަށް ކުރި އެރުން ދެވެނީ...ސިވިލްސަރވިސް ކޮމިޝަން އިސްތިއުފާ

  6. ެސުމައްޔާ

    ސަރުކާރު މިއޮތީ ފެއިލްވެފަ.ތި މަގާމުގެ ކުރިއެރުން ދިނީވެސް ސިޔާސީގޮތުން ހައްގުވެރިންނަކަށް ނުން.ކާޑެއްދޫގައި މަސައްކަތްކުރާ އޭވިޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފަށް މަގާމުގެ ކުރިއެރުން ދިނީ ކިހިނެއްބަލާފަތޯ؟6 ނާންނަ އަރާފަ.ތައުލީމީ ސެޓްފިކެޓެއްނެތް.ކޯހެއްހަދާފަ ނެތް.ކޯސް ހަދާފަތިބި ދުވަސްވީ ގާބިލު މީހުން ތިއްބާ އޭނަޔަށް ލިބުނީ ކިހިނެއް.މަވެސް އުޅޭތާ 15 އަހަރު ވެއްޖެ.ކުރިއެރުމެއްނުލިބޭ.