ފުޓްބޯޅަ މެޗަށް ފަހު ބަންގްލަދޭޝްގެ ކޯރަކަށް ފެންވަރަން ދިޔަ ކުދިންތަކެއް ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުންނާއި ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައި ވާގޮތުގައި، އެ ގައުމުގެ ބާޒާރް ޑިސްޓްރިކްޓްގައި މި ހާދިސާ މިއަދު ހިނގީ، އާޖެންޓީނާގެ ސަޕޯޓަރުންނާއި، ބްރެޒިލްގެ ސަޕޯޓަރުންގެ ދެމެދުގައި ކުރިއަށްދިޔަ އެކުވެރިކަމުގެ ފުޓްބޯޅަ މެޗަށް ފަހު ކޯރަކަށް ފެންވަރާލަން ގޮސް އުޅެނިކޮށެވެ.

މަތަމަހުރީ ކޯރަށް އެ ކުދިން ކޮޅު ގެނބުނީ، އޮއި ވަރަށް ބާރުކަމުންކަމަށް ވެއެވެ.

އެ ކުދިން ގެނބުމާއެކު އެ ކުދިން ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއެވެ. އަދި ފުލުހުން ކުރި އެ މަސައްކަތުން އެ ކުދިންގެ ހަށިގަނޑުތައް ފެނިފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުދިންގެ ހަށިގަނޑުތައް ފެނިފައި ވަނީ ގެނބުނުތާ ހަ ގަޑިއެެއްހާ އިރު ފަހުންނެވެ.

މިއަދު އެ ކުދިން ޖަނާޒާ ކަންތައް ކުރިއަށްގެންދިޔައިރު، 10000 އަށް ވުރެ ގިނަ މީހުން އެ ކުދިންގެ ޖަނާޒާގައި ވަނީ ބައިވެރިވެފައެެވެ.

ފުލުހުން ބުނީ، ސްކޫލްގައި ކިޔަވަމުންދާ 22 ކުދިން އިއްޔެގެ ހަވީރުގެ ވަގުތެއްގައި ދެ ގުރޫޕަކަށް ބަހާލައިގެން ފުޓް ބޯޅަ މެޗެއް ކުޅުނު ކަމަށެވެ. އަދި އެ ކުޅުން ނިންމާލުމަށްފަހު އެ ހަ ކުދިން ދިޔައީ ކޯރަށް ފެންވަރާލުމަށް ކަމަށާއި، އޭގެ ތެރެއިން ފަސް ކުދިން ގެނބުނުއިރު، އަނެއް ކުއްޖާ ސަލާމަތް ކުރެވިފައިވާކަމަށެވެ.

ފުލުހުން ބުނިގޮތުގައި، އެ މީހުން އެ ކޯރަށް އެރިގެން ބޭނުންވީ ވަރަށް އަޑިއަށް ފަތާށެވެ. މި ހާދިސާ އިއްޔެ 5:00 ގައި ހިނގިއިރު، ވޯލްޑްކަޕް ދުވަސްކޮޅު ބަންގްލަދޭޝްއަކީ ވަރަށް ގިނަ ބްރެޒިލް އާއި އާޖެންޓީނާ ސަޕޯޓަރުން ތިބޭ ތަނެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު