ކުކުޅެއް ވަގަށް ނެގި މައްސަލައެއްގައި ހިނގި ޒުވާބެއްގެ ތެރެއިން މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފިއެވެ.

މިހާދިސާ ހިނގީ އިންޑިއާގެ ކެރެލާ ސްޓޭޓްގައެވެ. އޭނާ މަރާލާފައި ވަނީ ކުކުޅެއް ވަގަށް ނެގިކަމަށް ބުނެއެވެ. އެ މައްސަލާގައި ދެ މީހަކުވެގެން އޭނާއަށް ވަރަށް އަނިޔާކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާއަށް ލިބުުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މިދިޔަ ޖޫން މަހުގެ ފަހުކޮޅު މި ހާދިސާ ހިނގާފައި ވަނީ، އެ ފިރިހެން މީހާ ތަނަކުން ކުކުޅެއް ގަނެގެން ގެއަށްދަނިކޮށް، އެ ތަން ދެ މީހަކަށް ފެނިގެން އެއީ ވަގަށް ނަގައިގެން ގެންދާ ކުކުޅެއްތޯ އަހާ ސުވާލުކޮށް ހިނގި ޒުވާބެއްގެ ތެރެއިންނެވެ. އެ ޒުވާބުގައި އެ ދެ މީހުން ވަނީ އެ ހިސާބުގަނޑުން ކުކުޅެއް ގެއްލިގެން އުޅޭކަމަށާއި، އެއީ އޭނާގެ އަތުގައި އޮތް ކުކުޅު ކަމަށް ބުނެފައެވެ.

އަދި އެ މީހުން ވަނީ އޭނާ އާއި މަރާމާރީ ހިންގާ އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އެ މައްސަލަ ފުލުހުންވެސް ބެލިއެވެ. ނަމަވެސް އެ މީހާއަށް ބޮޑު އަނިޔާއެއްވެފައި ނުވާތީ އެ މައްސަލަ ވަނީ ނިންމާލާފައެވެ.

އަދި އޭނާ ހޮސްޕިޓަލްގައި އެ ދުވަހު އެޑްމިޓްކޮށްފައި އަނެއް ދުވަހު ދޫކޮށްލިިއެވެ. އޭގެ ފަހުން އޭނާގެ ބޮލުގައި ރިއްސަން ފެށީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. މަސައްކަތު ދާން އުޅެނިކޮށް އޭނާ ބޮލުގައި ރިއްސާތީ ދިޔައީ ހޮސްޕިޓަލަށެވެ. ޑޮކްޓަރަށް ދެއްކުމުން އެ މީހުން ލަފާ ދިނީ ސީޓީ ސްކޭން ހެދުމަށެވެ.

އޭގެ އަނެއް ދުވަހު އޭނާ ވަނީ މަރުވެފައެވެ. އެ މައްސަލާގައި މިހާރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު