ބޮލީވުޑްގެ އެކްޓަރު ސަިއފް އަލީ ޚާން އަކީ އަބަދުވެސް ރީތިކޮށް ހެނދުން އެޅުމަށް ނުހަނު އިސްކަންދޭ އަދި ފެޝަނާއި ސްޓައިލްއަށް ލޯބިކުރާ ފަރާތެއްކަން ސައިފްގެ ފޭނުންނަށް އޮޅުމެއްނެތި އެނގޭނެކަން ގައިމެވެ. މިފަދަ ފަރާތްތަކަށް މިފަހަރު އޮތް އުފާވެރި ޚަބަރަކީ ސައިފް އޭނާގެ އަމިއްލަ "ކްލޯތިން ލައިނެއް" އުފައްދާ ވާހަކައެވެ. އަދި މިއީ ފިރިހެނުންނަށް ހާއްސަކޮށް އުފައްދާ އުފެއްދުން ތަކެއް ކަމަށްވެސް ސައިފް ވަނީ ބުނެފައެވެ.

ސައިފްގެ މި ކްލޯތިން ލޭބަލް އަށް ކިޔުމަށް ހަމަޖެހިފައިވަނީ "ދަ ހައުސް އޮފް ޕެޓޮޑިސް" އެވެ. އަދި ޓެގްލައިނެއްގެ ގޮތުގައި "ރޯޔަލްޓީ ޝުޑުންޓް ބީ ލަކްޒަރީ" ކަނޑައަޅާފައިވާއިރު، ބްރޭންޑް އެންބަސަޑަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ސައިފްގެ އަންހެނުން ކަރީނާ ކަޕޫރެވެ.

ސައިފް އެންމެ ފަހުން ބެލުންތެރިންނާއި ހަމައަށް ފެނިގެން ގޮސްފައިވަނީ "ސާކްޑް ގޭމްސް" ސީރީޒުންނެވެ. މި ސީރީޒްގައި ސައިފް ދައްކައިދިން މޮޅު އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފްއާއި ސަޕޯރޓް ދަނީ ލިބެމުންނެވެ.

ސައިފްގެ އަންހެނުން ކަރީނާ ކަޕޫރް އެންމެ ފަހުން ބެލުންތެރިންނާއި ހަމައަށް ފެނިގެންގޮސްފައި ވަނީ ބޮލީވުޑް ފިލްމު "ވީރް ޑީ ވެޑިން" އިންނެވެ. މޮޅު އެކްޓިން އެއް ދައްކައިދީފައިވާ މި ފިލްމު ވަނީ ބޮކްސް އޮފީހުގެ ލިސްޓުގެ އެންމެ ކުރިންވެސް ޖާގަ ހޯދާފައެވެ. އަދި ކަރީނާގެ އިތުރު އެހެން ފިލްމެއްވެސް މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ. ދަރްމާ ޕްރޮޑަކްޝަންގެ ފަރާތުން ޕްރޮޑިއުސްކުރާ މި ފިލްމުގައި ކަރީނާއާއި އެކު އެކްޓަރު އަކްޝޭ ކުމާރާއި ކިއާރާ އަދްވާނީ ފަދަ ފަރާތްތަށްވެސް ހަރަކާތްތެރިވާނެއެވެ.

ސައިފްއާއި ކަރީނާ ދާދިފަހުން ވަނީ އެދެމީހުންގެ ދަރިފުޅު ތައިމޫރް އަލީ ޚާން އާއި އެކުގައި ލަންޑަނުގައި ޗުއްޓީ ހޭދަކޮށްލާފައެވެ. ނަމަވެސް ޗުއްޓީ ނިންމާލުމަށްފަހު ނިމުނު ހަފްތާ ތެރޭ އެދެމަފިރިންވެސް ވަނީ އެނބުރި ގައުމަށް އައިސްފައެވެ.