ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަކީ ދިވެހި ދައުލަތަށް ހިދުމަތްތަކެއް ކުރެއްވި ބޭކަނބަލެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައެވެ. އެކަމަނާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން އެޓާނީއެވެ.

"ވަގުތު މައިޒާން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވި ގޮތުގައި "އާޒިމާ" އެ ނަމަކީ އަސްލު އުފަންވީ އިރު ކީ ނަން ނޫން ކަމަށެވެ. ފަހުން ނަން ބަދަލު ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މާލެއަށެވެ. އެންމެ ކުޑައިރުއްސުރެ ފަށައިފިގެން ދިރިއުޅުއްވީ މާލެއެވެ. އެކަމަކު އާއިލާ ރަށަކީ ނ. ހޮޅުދޫއެވެ. އާޒިމާ ނިސްބަތްވެވަޑައިގަންނަވަނީ ބޮޑު އާއިލާއަކަށެވެ.

އާޒިމާގެ ތައުލީމީ ހަޔާތަށް ބަލާއިރު އެކަމަނާ ވަނީ އިސްކަންދަރު ސްކޫލްގައި އާއި އަމީނިއްޔާ ސްކޫލުން ތައުލީމް ހާސިލް ކުރައްވައިފައެވެ. އަދި އޭލެވެލް އާއި ޝަރުއީ ދާއިރާއިން ފަސްޓް ޑިގްރީ އާއި މާސްޓާސް ހާސިލް ކުރައްވާފައިވަނީ ރާއްޖޭއިން ބޭރުގައެވެ.

އާޒިމާ މިހާރު ދިރިއުޅުއްވަނީ ހުޅުމާލޭގައެވެ. އެއީ މާލެއާ އަޅާބަލާއިރު ހުޅުމާލޭގެ މާހައުލު ހިތްގައިމު ކަމުންނެވެ.

އާޒިމާ ވިދާޅުވީ އެކަމަނާ އަސްލު ކިޔަވާ ވިދާޅުވާން ބޭނުންވީ ޝަރުއީ ދާއިރާއިން ނޫން ކަމަށެވެ. އާޒިމާ އަސްލު ވާން ބޭނުންވީ ޑޮކްޓަރަކަށް ކަމަށް ވިދާޅުވިއެވެ. އެކަމަކު އޭރުގައި ޑޮކްޓަރުކަން ކިޔަވަން ވަޑައިގަންނަވާނެ ފުރުސަތު ނުލިބުނީއެވެ. އެމްބީބީއެސް ހައްދަވަން ސްކޮލާޝިޕެއް އޭރު ނުލިބުމުން ޝަރުއީ ދާއިރާ އިން ކިޔެވުމަށް ނިންމެވީ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ލޯ ކިޔަވާ ވިދާޅުވީ ޝައުގުވެރިކަން ހުރެގެން ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ. ނަމަވެސް އެ ދާއިރާއިން ކުރިއަށް ދިއުމަށް ރިގްރެޓް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ލޯ އަކީ ވަރަށް ޝައުގުވެރި ދާއިރާއެއް ކަމަށް އާޒިމާ ވިދާޅުވިއެވެ. އެއްވެސް އިރެއްގައި ލޯ އަކީ ފަސްޓު ޕެޝަން ނޫން ކަމަށާއި މިހާރު ވެސް ކުރާ ހިތްވަނީ އާޓްސްއާއި ކްރާފްޓްސްގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އެކަމަނާ ސިޔާސީ ދާއިރާއަށް ނުކުންނެވީ ބައްޕަ ބޭނުންވާތީ ކަމަށެވެ. އެއީ އެކަމަނާ މަސައްކަތް ކުރަން ބޭނުންވި ދާއިރާއެއް ނޫން ކަމަށާއި ލޯ ކިޔަވާ ވިދާޅުވެގެން ރާއްޖެ އައުމުން މަޖިލިސް މެމްބަރަކަށް ވުމަށް ގިނަ ފުރުސަތުތަކެއް ވެސް ލިބުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ފުރުސަތުތަކުގައި ހިފަން ބޭނުންނުވީއެވެ.

ސިޔާސީ ދައިރާއަށް ނުކުންނަވަން އަޒުމު ކަނޑައަޅައިގެން ހުންނަވަނިކޮށް ގާނޫނުއަސާސީ އިސްލާހު ކުރައްވަން ރައީސް މައުމޫން އަލުން 2004 ގައި އިއުލާނު ކުރެއްވެވި ރިފޯމް އެޖެންޑާގައި ފުރަތަމަ މަސައްކަތް ކުރަން ފެއްޓެވިއެވެ. އޭރު އެކަމަނާ އުޅުއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގައެވެ.

"ދެން ރަށްޔިތުންގެ ހާއްސަ މަޖިލީހަށް ރައީސުލްމުޖްހޫރިއްޔާ އައްޔަން ކުރެއްވި މެމްބަރެއްގެ ގޮތައް ގާނޫނުއަސާސީ ލިޔުނު ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބައިވެރިވީ. އެއީ އެންމެ ފުރަތަމަ ސިޔާސީ މަގާމަކީ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހަށް ވެސް އައްޔަން ކުރެއްވީ. ދެން އެހެން ދަމުން ދަމުން އަސްލު ސިޔާސީ ދާއިރާއަށް ވަދެވުނީ. އެއީ ހަމަ ޕަބްލިކް ލައިފްގައި ރަސްމީ ވަޒީގެ ހައިސިއްޔަތުން ކުރި މަސައްކަތްތަކެއް. އަމިއްލައަށް ޝައުގުވެރިކަން ހުރެގެން ހޯދި ދާއިރާއެއް ނޫން އެއީ. ވަޒީފާގެ ތެރެއިން ލިބުނު ދާއިރާއެއް ސިޔާސީ ދާއިރާއަކީ." އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އޭގެ ކުރިން ވެސް މާފަންނު އަންހެނުންގެ ކޮމިޓީ އާއި މާފަންނު އަވަށު އޮފީހުގެ މަސައްކަތުގައި ވެސް އެކަމަނާ އުޅުއްވި ކަމަށެވެ. އަވަށު މަސައްކަތުގައި އެކަމަނާގެ މަންމަ އާއި ބައްޕަ ވެސް އުޅުއްވާކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ ސިޔާސީ ދާއިރާއަށް ވަރަށް ބޮޑަށް އޭރު ހޭލުންތެރިވެވަޑައިގެންނެވި ކަމަށެވެ.

ރަށްޔިތުންގެ ހާއްސަ މަޖިލީހަށް އައްޔަން ކުރުމަށް ފަހު އޭގެ ފަހުން ރައީސް މައުމޫންގެ ރިފޯމް އެޖެންޑާގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އާޒިމާ އައްޔަން ކުރެއްވިއެވެ. ދެން އޭގެ ފަހުން ބަންޑާރަ ނައިބަކަށް އުޅުއްވިއެވެ. އެ މަގާމުގައި އެކަމަނާ ދެ އަހަރު އުޅުއްވިއެވެ. އެކަމަނާ ވަނީ ޖެންޑާ މިނިސްޓަރުކަން ރައީސް މައުމޫނުގެ ސަރުކާރުގައި ކުރައްވައިފައެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވެވިއެވެ.

ސްކޫލް ދައުރުގައި ދިމާވި ހަނދާން ހުންނަ މަޖާކަމެއް ކިޔާދީބަލަ؟

އާޒިމާ ވިދާޅުވީ ސްކޫލް ދައުރުގައި ސަކަރާތް ނުޖަހާ މީހެއް މަދުވާނެ ކަމަށެވެ. އަދި އޭރުގައި ސްކޫލްލައިފް ސިފަކުރެއްވީ ވަރަށް ކެއާ ފްރީ މާހައުލެއް ގޮތުގައެވެ. ސްކޫލަށް ވަޑައިގަންނަވަނީ ވެސް އެކަނި ކަމަށާއި މިހާރުން ބެލެނިވެރިން ސްކޫލަށްލުމާއި ބަލާދިއުން ނޯންނަ ކަމަށް ވިދާޅުވިއެވެ. އަދި ރައްޓެހިންގެ ތެރޭގައި މަޖާކުރުމާއި ސަކަރާތްޖެހުން ވަރަށް ގިނައިން އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭރުގައި ސްކޫލްގެ ޕްރޭޑަކަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވި މަޖާ ހާދިސާއެއް އާޒިމާ ހިއްސާ ކުރެއްވެވިއެވެ. އާޒިމާ ވިދާޅުވީ އެ ފަހަރު ޕެރޭޑަށް ވަޑައިގަތީ މަގުމަތީގައި ފެންބޮޑުވެފައި އޮއްވާ ކަމަށެވެ. އެހެންވެ ހުރިހާ އެންމެންގެ ބޫޓް ތެރެއަށް ފެން އެޅުނު ކަމަށް ވިދާޅުވިއެވެ. ޕްރޭޑް ނިންމާފައި ގެއަށް ވަޑައިގެން ބަލާލިއިރު ރަހުމަތްތެރި ކުއްޖެއްގެ ބޫޓު ތެރޭގައި ބޮކެއް އޮތް ކަމަށް ވިދާޅުވިއެވެ.

އެ ހާދިސާގެ އިތުރުން ދިމާވި އެހެން ކަމެއް ވެސް އާޒިމާ ހިއްސާ ކުރެއްވެވިއެވެ. އާޒިމާ ވިދާޅުވީ އޭރު ފަތިހު ވެސް ކުޅެން ވަޑައިގަންނަވާ ކަމަށެވެ. އަދި ގިނަ ދުވަސްތަކުގައި ކުޅެން ދެވެނީ ދަންވަރު ކަމަށް އޭނާ ވިދާޅުވިއެވެ. އެއްފަހަރު ކުޅެން ގޮސް އުޅުމުގެ ތެރޭގައި ކުއްޖެއްގެ ބޯ ވެސް ތާށިވި ކަމަށެވެ.

"އެއްފަހަރު ދަންވަރު އެގޮތަށް ރައްޓެހިންނާ އެކުގައި ނުކުމެގެން އުޅެނިކޮށް ސިފައިންގެ މީހަކާ ވެސް ދިމާވި. އެ މީހާ އެހި ކޮންކޮމެން ކޮންތާކަށްހޭ ތި ދަނީ އޭރު ގަޑިން ތިނެއް ޖަހާނީ. އޭގެ ފަހުން ބިރު ގަނޭ ސިފައިންގެ މީހެއް ފެނިއްޖެ ނަމަ. އެމީހުން ދެކެ ބިރުން ސިފައިންގެ މީހުން ފޯރި މަރަން ހުންނަ މަގުތަކުން ނުވެސް ދަން." އާޒިމާ ވިދާޅުވިއެވެ.

ބޭރަށް ކިޔަވަންގޮސް އުޅުނުއިރުގައި ދިމާވި ކަމެއް ކިޔާދީބަލަ؟

އާޒިމާ ވިދާޅުވީ އެކަމަނާ މާސްޓާ ހެއްދެވި އިރު އުޅުއްވީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން އޭރު އެކަމަނާގެ އަންހެން ތިން އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން އެކަނިމާ އެކަނި އޮސްޓްރޭލިއާގައި ކިޔަވާ ވިދާޅުވާން ކުރެއްވި މަސައްކަތް ހިއްސާ ކުރެއްވެވިއެވެ.

އާޒިމާ ވިދާޅުވީ ދެ އަހަރުގެ ކޯހެއް އެއް އަހަރުން ހަދަން ޖެހުނީ ތިން އަހަރުގެ ކުޑަ ކުއްޖެއް ގޮވައިގެން އެކަނި ކަމަށެވެ. އެ ކޯސް ހެއްދެވީ އަމިއްލަ ހަރަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ އެއް އަހަރުގެ ތެރޭގައި ދިމާވި ކަންތައްތަކަކީ ހަދާނުން ނުނެތޭނެ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.

"ހެނދުނު ތެދުވެގެން ދަރިފުޅު ޑޭ ކެޔާއަށް ލާފައި ދެން އައިސް ގޭތެރޭގައި އެއްޗެހި ދޮވެ ކައްކާފައި ހުރިހާ ކަމެއް ކޮށްފަ ދެން ޔުނިވާސިޓީއަށް ދަނީ. ގޮސް ހައެއް ޖަހާއިރު އަންނަމުން ދަރިފުޅު ގޮވައިގެން އަންނަނީ. އެހެންވެ އެ އަހަރަކީ ދުވަހަކުވެސް ހަދާނުން ނުނެތޭނެ އަހަރެއް. ކިޔަވަން އެކަނި ދާންޖެހުނީމަ ވެސް ހިތަށްއެރި ދާނީ ބާއޭ ނުދާނީ ބާއޭ އެކަމަކު ނުދިޔަ ނަމަ ހުންނާނީ އަދިވެސް މާސްޓާ ނަހަދާ ކަން ނޭނގެ. އެހެންވީމަ ދެލޯ މަރާލާފައި ދިޔައީ." އާޒިމާ ވިދާޅުވިއެވެ.

މާސްޓާސް ނިންމެވި އިރު އެކަމަނާ އޮތީ ބަލިވެގެން ހޮސްޕިޓަލުގައި ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. އަދި އެ އަހަރަކީ ޓުވިން ޓަވަރު ގޮއްވާލި އަހަރު ކަމަށާއި އެހެންވެ މުސްލިމަކަށްވީމަ ވަރަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށް ވިދާޅުވިއެވެ.

ވަކީލަކަށް އުޅުއްވި އިރުގައި ކޯޓު ރޫމްގައި ދިމާވި ހަނދާން ހުންނަ ކަމެއް ކިޔާދީބަލަ؟

އާޒިމާ ވިދާޅުވީ އެކަމަނާ ވަކީލަކަށް އުޅުއްވިއިރުގައި ކޯޓު ރޫމްތަކުގައި ގައިދީން ވެސް އަހުލާގު ދަމަހައްޓާ ކަމަށެވެ.

ނަމަވެސް ސިޔާސީ ބޮޑެތި މީހުންގެ މައްސަލަތަކުގައި ކޯޓު ރޫމްއިން ބޭރު ވަރަށް ހޫނު ގަދަވާ ކަމަށާއި މަގުމަތި ވަރަށް ބޮޑަށް ހަލަބޮލިވާ ކަން ފާހަގަ ކުރެއްވިއެވެ.

ވަކީލަކަށް މަސައްކަތް ކުރެެއްވިއިރު ދިމާވި ބިރުވެރިކަމެއް ކިޔާދީބަލަ؟

ސަރުކާރުގެ އިސް ތަފާތު އެކި ބޭފުޅުންގެ ވަކީލަކަށް މަސައްކަތް ކުރެއްވި އިރުގައި ބިރުވެރިކަންކަމާ ދިމާވި ކަމަށް އާޒިމާ ވިދާޅުވިއެވެ. އެގޮތުން އެކި އިންޒާރުތައް ލިބުނު ކަމަށް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ބަންޑާރަ ނައިބުކަން ފުރަތަމަ ކުރެއްވި އިރުގައި 2008 ގެ ކެމްޕެއިން ތެރޭގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެންނެވި ޖަލްސާއަކަށް ވަޑައިގަންނަވަން ވެގެން އެތަނަށް ކާރު ހުއްޓާފައި ފައިބާ ވަޑައިގެންނެވި ތަނާ އެތަން ހަލަބޮލިވި ކަމަށެވެ. އަދި ސެކިއުރިޓީން މަޑުނުކުރުމަށް ބުނުމުން ކާރަށް އަރައިގެން ގެއަށް ގޮސް ނުވަދެވެނީސް އެތަނުގައި ވަޅިހެރި ކަމުގެ ހަބަރު ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެއްފަހަރު އެކަމަނާގެ ދަރިއަކު ކާރުގައި އިންނަވަނިކޮށް ކާރު ފަހަތުން ކޯރާޑިއެއް ހިފައިގެން މީހަކު އައި ކަމަށް ވިދާޅުވިއެވެ. އޭރު ދަރިފުޅުގެ އުމުރުން ވަނީ އެންމެ އަށް އަހަރު ކަމަށް ވިދާޅުވިއެވެ.

"އަމިއްލަ ނަފްސަށް އެކަހަލަ އިންޒާރުތައް އައިކަމުގައި ވިޔަސް ދަރިންނާއި މައިންބަފައިންނަށް އެ ކަހަލަ ކަންކަމާ ކުރިމަތިލާން ޖެހުނު. ގެއަށް ވަޅި ހިފައިގެން ވަދެ މައިންބަފައިނަށް އިންޒާރު ވެސް ދީފައި އެބަހުރި. އެކަހަލަ އުނގަދޫ ހާލަތްތަކުގައި އަސްލު މަސައްކަތް ކޮށްފައި ހުންނާނީ." އާޒިމާ ވިދާޅުވިއެވެ.

ލޯޔާ ނުވަތަ ޕޮލިޓިޝަން؟

އާޒިމާ ވިދާޅުވީ އޭގެ ތެރެއިން އެއް އޮޕްޝަނެއް ވެސް ނުނަންގަވާނެ ކަމަށެވެ. އެއީ ވަކީލަކަށް ނުވަތަ ސިޔާސީ ބޭފުޅަކަށް ވުމަކީ ވެސް ފަސްޓް ޕެޝަނަށް ނުވާތީ ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރަކަށްތަ ނޫނީ ޑިޒައިނަރަކަށްތަ ވާނީ؟

އާޒިމާ ވިދާޅުވީ އެކަމަނާ ޗޫޒް ކުރައްވާނީ ޑިޒައިނަރުކަން ކަމަށެވެ. އެއީ އެއްޗެހި ކްރިއޭޓްކޮށް ޑިޒައިން ކުރުމަކީ އެކަމަނާ ވަރަށް ކުރާހިތްވާ ކަމަކަށްވާތީ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ޑިޒައިން ކުރުމާއި ކުލަތައް ބޭނުންކޮށްގެން އެއްޗެހި ހެދުމަކީ ވަރަށް ކުރާ ހިތްވާކަމެއް ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްތަ ނޫނީ ރައީސް ޔާމީންތަ؟

ޕީޕީއެމްއާއި ރައީސް ޔާމީންގެ ތެރެއިން އެކަކު ނަގަން ޖެހޭ ހާލަތެއް ނާންނާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ފިރިހެނުންގެ އެންމެ ކަމުދާ ސިފައަކީ ކޮބާ؟

އާޒިމާ ވިދާޅުވީ އެކަމަނާއަށް ފިރިހެނުންގެ އެންމެ ކަމުދާ ސިފައަކީ ސްމާޓްކޮށް ހެދުން އެޅުމާއި ސްމާޓްކޮށް ތިބުން ކަމަށެވެ.

އެ ސިފަ ހުންނާނީ ވަރަށް މަދު ދިވެހި ފިރިހެނުންގެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓްރީއެއް ހިންގަން ލިބިއްޖެނަމަ ހިންގަން ބޭނުންވަނީ ކޮން މިނިސްޓްރީއެއް؟

އާޒިމާ ވިދާޅުވީ އެކަމަނާއަށް ފުރުސަތެއް ލިބިއްޖެނަމަ ހިންގަވަން ބޭނުންވަނީ ޖެންޑާ މިނިސްޓްރީ ކަމަށެވެ.

ކުރިން ވެސް ޖެންޑާ މިނިސްޓަރު ކަމަށް ވަޑައިގެންނެވީ އަމިއްލައަށް އެދިގެން ކަމަށް އާޒިމާ ވިދާޅުވިއެވެ. އެކަމަކު ދެން ދައުލަތުގައި މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލީހަށް ކުރިމަތި ލުމުގެ ޝައުގުވެރިކަން ހުރޭތަ؟

މަޖިލީހަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ހުންނަ ކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ނ. އަތޮޅު ގޮނޑިއަށް ވާދަކުރެއްވި ކަމަށެވެ. ނަމަވެސް ފިއްތުންތަކާހުރެ އެ ގޮނޑި ދޫކޮށްލަން ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމާ މިހާރު ވަނީ ލޯ ޕްރެކްޓިސް ކުރުން ހުއްޓާލައިފައެވެ. އަދި މިހާރު އޭނާ ދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިވެހި ކެއުމަށް ހާއްސަ ކެފޭއެއް ހިންގަވަމުންނެވެ.

 

އެތަން ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރައްވާފައިވަނީ އާޒިމާ އަމިއްލައަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި އެތަނުގެ ބަދިގޭގައި ކެއްކުމުގެ މަސައްކަތް ވެސް ކުރައްވަނީ އެކަމަނާއެވެ.

އާޒިމާ ވިދާޅުވީ އެތަނުގައި ތައްޔާރު ކުރަނީ ހުސް ދިވެހި ވަންތަ ކެއުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެތަނުގައި ތަރައްގީ ކުރަމުންދާ ދިވެހި ރެސެޕީތަކުގެ މައްޗަށް ފޮތެއް ނެރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަހަންމަދު

    ޑައިޒައިނަރު މިއީ މުޅިން އާވައްތަރެއް!

  2. Anonymous

    އާޒިމާ މިހާރު ދިރިއުޅުއްވަނީ މާލޭގައެވެ. އެއީ މާލެއާ އަޅާބަލާއިރު ހުޅުމާލޭގެ މާހައުލު ހިތްގައިމު ކަމުންނެވެ

  3. މުބީނު މާރނީ

    އޭ.ލެވެލް ގައި އާރޓްސް ހެއްދެވި ވާހަކަ އެ ވިދާޅުވީ. އާރޓްސް ހަދައިގެން ކިހިނެތް ޑޮކްޓަރު ކަމުގެ ސްކޮލަރޝިޕް އަކަށް އުއްމީދު ކުރީ ؟ ދައްކާ ވާހަކަ ދިމަލެއް ނުވޭ ! އާޒިމާ އަކީ މިހާރު އޮއްސިއްޖެ ތަރިއެއް.

    8
    17
    • ހާނިމް

      މިރޯދަމަހުވެސް ދޮގުހަދާއިގެން މީހުންގެ ލޮލުގައި އަނދުން އެޅުވުމުގައި އެކަމާނާ ވިދާޅެއް ނުވޭ އޭލަވަލްގައި އާރޓްސް ސްޓްރީމް ހެއްދެވި ވާހަކައެއް މިއިންޓަވިއުގައި، ބައްލަވާ 04 ވަނަ ޕެރެގްރާފް. ހަސަދަ ވިޔަސް ތިޔައީ ބޮޑުވަރު

      7
      2
      • މުބީން

        ހާނިމް އަށް. އިންޓަރވިޔު އަލުން އަޑުއަހާލާ. ލިޔާއިރު ބައެއް ވައްޓާލާނެ.

      • މުބީނު

        ޢާޒިމާ ގެ ވީޑިއޯ ގައި 1.59 އިން ފެށިގެން 2.01 އަށް އަޑުއަހާލާ. މަތީގައި އެ ވީޑިއޯ އެ އޮތީ. ޢާޒިމާ ބުނީ، "އޭ ލެވަލް އާޓްސް މާއްދާ ތައް ހަދަން ވަރަށް އުނދަގޫވި".

  4. ީިިިމމމމމ

    އާޒިމާ މައި ފޭވަރިޓް

    13
    2
  5. ތަ ކުރު ބޭ

    ކަމަނާ އަށް ކާމިޔާބީ އެދެން

    19
    5
  6. މުބްސް

    ޢާޒިމާ އާއި އެއް ޢުމުރު ގެ ކިތައް ކުދިން ޑޮކްޓަރު ކަމުގެ ކޯސް ހަދާ، ސްޕެޝަލައިސް ވެފައި އެތިބީ. އެ ޒަމާނުގައި އައި.ޖީ.އެމް.އެޗް ހެދީ. އައ.ޖީ.އެމް.އެޗް އަށް ބޭނުންވާ ޑޮކްޓަރުން ތަމްރީން ކުރުމަށް ވެސް ވަރަށް ގިނަ ޑޮކްޓަރު ކަމުގެ ސްކޮލަރޝިޕް ތައް ދިން. ޢާޒިމާ އަށް ޑޮކްޓަރު ކަމުގެ ކޯހެއް ނުލިބުނޭ ޢާޒިމާ ބުނީމާ ކާކު ޤަބޫލް ކުރާނީ؟ ޑޮކްޓަރު ކަމުގެ ކޯހަކީ އޭލެވެލް ގައި ސައިންސް ގެ މާއްދާ ތައް ހަދައިގެން ލިބޭ އެއްޗެއް. ޢާޒިމާ އޭލެވެލް ގައި ހެދި ކަމަށް ޢާޒިމާ އަމިއްލަ އަށް އެބުނީ އާޓްސް ގެ މާއްދާ ތައް ކަމުގައި. އާޓްސް ގެ މާއްދާ ތައް ހަދައިގެން ޑޮކްޓަރު ކަން ކިޔަވަން ނުނަގާނެކަން ޢާޒިމާ އަށް ނޭންގި ނުހުންނާނެ. މިހާރު ފަޅާނާރާ ފެންވަރަށް ދޮގު ހަދަންވެސް ޢާޒިމާ އަށް ނޭންގޭ! ދޮގު ހަދާއިރު އިންޓަލިޖެންޓް މީހުން އަޑުއަހަން ތިބޭނެކަން ޢާޒިމާ މެން ކަހަލަ މީހުން ދަންނަންވާނެ. ޒަމާނާ ބަދަލު ގަޔާ، އާޕް ނެހީ ބަދަލު ގައީ ( ޒަމާން ބަދަލު ވެއްޖެއެވެ. ނަމަވެސް ތިބާ ބަދަލެއް ނުވެއެވެ).

    2
    3
  7. ތެދު

    ދައުލަތުގެ ފައިސާތައް ތިވަރަށްކެވުނީމަ ކީކޭތޯ ހިތަށްއަރަނީ އަހާލިނަމަ

    1
    3
  8. އާޒިމް

    އާޒިމާގެ ކެފޭގަ ވަންނަ އެންމެ މީހެއްގެ އަތުން މުޅިދުވަހުގެ އޯވަހެޑް ކަވަރުކޮށްލާ. ހެހެހެ! އިޓްސް އަ ރިޕްއޯފް.

    1
    2
  9. މަށްދިވެހިމީހާ

    ޤައުމުގެ އިސް މަޤާމުތައް ފުރުއްވާ، ފުރުއްވަވަމުން ގެންދަވާ ބައެއް ބޭފުޅުން، ދިވެހިބަހަށް ލޯބި ނެތްކަމީ ވަރަށް ވެސް ހިތާމަހުރި ކަމެއް. ބަހަށް ނެތް ލޯބި ޤައުމަކަށް ނުހުންނާނެ. ޤައުމުގެ އެއްވެސް އެއްޗަކަށް ނުހުންނާނެ. ޤައުމެއްގެ ބަހުރުވަޔަކީ، ޤައުމިއްޔަތެއްގެ އެންމެ އިސް އެއް ރުކުން.
    "މޮޑުނު ދިވެހިބަހުން' ވާހަކަދެއްކުމަކީ، ދިވެހިބަހުގެ އެދުރުން ދަސްކޮއްދެއްވި ކަމެއް ނޫން. ބޭރުން ފެންބޮއިގެން އައިސް ތިއްބެވި ބައެއް ބޭފުޅުންގެ ބަހާއި ޢަމަލުން ފެންނަ ފަދައިން، ދެރަ ނިކަމެތި ފަޤީރު ބަހަކަށް މި ދިވެހިބަސް ހަދަން އުޅުމީ ޤައުމިއްޔަތެއް ހުރި، އާދެ ޤައުމީ ލޯބި ހުރި އެއްވެސް ދިވެއްސަކު ކޮއްގެންވާނެ ކަމެއް ނޫން.
    ދެބަހުން އެއްބަސް އިނގިރޭސިން ވާހަކަދެއްކީމާ އެއިން ދޭހަވަނީ، ތިމާގެ ހިތުގައި ދިވެހިބަހަށް، އާދެ ދިވެހި ޤައުމީ ރަމްޒަށް އޮތް ލޯތްބެއްގެ ކުޑަ ކަން. ދެން ވާނީ ކޮން ޤައުމީ ލޯތްބެއްބާވައޭ އަހުރެން ހިތަށް އަރާ.

  10. ޖަމީލުބެ

    ފިރިހެނުންގެ އެންމެ ކަމުދާ ސިފައަކީ ކޮބާ؟

    އާޒިމާ ވިދާޅުވީ އެކަމަނާއަށް ފިރިހެނުންގެ އެންމެ ކަމުދާ ސިފައަކީ ސްމާޓްކޮށް ހެދުން އެޅުމާއި ސްމާޓްކޮށް ތިބުން ކަމަށެވެ.

    އެ ސިފަ ހުންނާނީ ވަރަށް މަދު ދިވެހި ފިރިހެނުންގެ ކަމަށް ވެސް ވިދާޅުވިއެވެ.

    އާޒިމާ އަބަދު ބޯހާވާލައިގެން ހުރުން އޯކޭ ނުވާ ކިތައް ފިރިހެނުން ތިބިކަން އިނގޭތަ؟