އައިޝަތު ރަފާ ނާޒިމް އަކީ ދިވެހީންނަށް މިހާރު އާ ނަމެއް ނޫނެވެ. ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ރަފާ ދަނީ ރާއްޖެ ފަހުރުވެރިވާފަދަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އަންނަ މަހު ދެކުނު އެފްރިކާގައި ބާއްވާ ޓޭބަލް ޓެނިސްގެ ދުނިޔޭގެ މުބާރަތަށް ވެސް އޭނާ ވަނީ ކޮލިފައިވެއެވެ. އެހެންކަމުން އޭނާގެ ހުނަރާމެދު ޝައްކެއްނެތެވެ.

  • މީގެ ކުރިން ރަފާ ވަނީ 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކޮށް ޓޭބަލް ޓެނިސް މުބާރާތުން ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ކުރިން އޭނާ ވަނީ 13 އަހަރު ވަންދެން ރާއްޖޭގެ ޓީޓީ ޗެމްޕިއަންޝިޕްގެ މަގާމު ދެމެހެއްޓި މުއީނާ މުހައްމަދު ބަލިކޮށް ގައުމީ ޓީޓީ ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދައިފަ އެވެ.

ޓީޓީގައި ރަންވަނަތަކެއް ހޯދުމުންދާ ރަފާގެ ހިތް އެ ކުޅިވަރަށް ޖެހުނީ އޭނާގެ ބައްޕަގެ ސަބަބުން ކަމަށް އޭނާ ބުނެއެވެ. ބައްޕަ ޓީޓީ ކުޅެންދާ އިރު ރަފާވެސް ގެންދިޔުމުން ޓީޓީއަށް ރަފާގެ ހިތް ޖެހުނު އިރު މިހާރު އޭނާއަކީ ރާއްޖޭގެ ލެޖެންޑެކެވެ.

ކިހިނެތް ތައުލީމީ ހަޔާތް ދިޔައީ؟

ރަފާގެ ތައުލީމީ ހަޔާތް ފެށީ އިސްކަންދަރު ސްކޫލުންނެވެ. ޓީޓީއެކޭ އެއްގޮތަށް ކިޔެވުމުގައި ވެސް ރަފާ ފެނުނީ އެހާމެ މޮޅު ދަރިވަރެއްގެ ގޮތުގަ އެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ 2018 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުމުންނެވެ. އަދި އޯ ލެވެލްގެ އިނގިރޭސި މާއްދާއިން ދުނިޔޭގެ އެއްވަނައިގައި ވެސް އޭނާ ހިމެނުނެވެ.

އިސްކަންދަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ރަފާ ހޮވުމުން އިނާމް ދެނީ--

އޭގެ ފަހުން މަތީ ސާނަވީ ތައުލީމު ނިންމީ ސީއެޗްއެސްސީއިން އެވެ.

ރަފާ ބުނާގޮތުން ކިޔަވަމުން ޕްރޮފެޝަނަލްކޮށް ޓީޓީ ކުޅުމަކީ ބެލެންސް ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް މައިންބަފައިންގެ އިރުޝާދުގެ ދަށުން ކަންކަން ރާވައިގެން ބެލެންސް ކުރާނެ ގޮތް ދަސްވިކަމަށް އޭނާ ބުންޏެވެ.

ހަމަ އެހެންމެ ޓީޓީގެ ކަންކަމުގައި އުޅެ ދަސްވި ކަންކަންވެސް ސްކޫލުގައި "އެޕްލައި" ކުރެވުނު ކަމަށް ރަފާ ކިޔައިދިނެވެ،

"ދެން ވަރަށް ގިނައިން ސްކޫލު މިސްވެފަ އިންނާނީ. ހާއްސަކޮށް ހައި ސްކޫލު ފެއްޓިއިރު އިންޑިއަން އައިލެންޑް އޯޝަން ގޭމްވެސް އޮވަފަ ވަރަށް މަދުން ސްކޫލަށް ދެވުނީ" ރަފާ ބުންޏެވެ.

ސްކޫލުގައި އުޅުނު ދުވަސްތަކުގެ ތެރެއިން އެންމަ ހަނދާން ހުންނަ ކަމެއް ކިޔާލަ ދެވިދާނެތަ؟

ސްކޫލު ދުވަސްތަކުގެ ތެރެއިން އެންމެ ހަނދާން ނައްތާނުލެވޭނެ ދުވަސްތަކެއްގެ ގޮތުގައި ރަފާ ފާހަގަ ކުރީ 2019 ވަނަ އަހަރު "އިންޖަރީ" އެއް ވެގެން އުޅުނު ދުވަސްވަރެވެ.

ރަފާ ބުނާގޮތުން އެ ދުވަސްވަރަކީ މުބާރާތް ވެސް އޮތް ދުވަސްވަރު ކަމަށް ވެފައި އިންޖަރީވެފައި ހުރުމުން އެ ދުވަސްކޮޅު ވީ ވަރަށް އުނދަގޫ ދުވަސްވަރަކަށެވެ.

"އެހެން ނަމަވެސް ރަފާގެ ރައްޓެހިން އެކަމުން އަރައިގަންނަން ވަރަށް މަސައްކަތް ކޮށްދިން. އޭރު އުޅެނީ ކާސްޓެއް އަޅައިގެން. ދެން އެންމެ އޭގެ ސޮއިކޮށް ކުރަހާ ވަރަށް މަޖާކޮށް އުޅުނީ" ރަފާ ބުންޏެވެ.

ބައްޕައަކީ ސިޔާސީ މީހަކަށް ވާތީ އެއްވެސް ވަރަކަށް ފުރައްސާރައާ ކުރިމަތިވިތޯ؟

ރަފާގެ ބައްޕަ ހެލްތު މިނިސްޓަރު ކަމުގައި ހުންނެވީ ނިމިގެން ދިޔަ ވެރިކަމުގަ އެވެ. އޭރު ރަފާ ވަރަށް ކުޑަ އެވެ. އެހެންވެ ޕޮލިޓިކްސް ކަންކަމުގައި އެހާ ބޮޑަށް ރަފާ "އިންވޯލް" ކޮށްގެން ނޫޅޭ ކަމަށް ރަފާ ބުންޏެވެ.

އެހެން ކަމުން އެއްވެސް ކުއްޖެއް އަދި ޓީޗަރެއްގެ ފަރާތުން އެއްވެސް ފުރައްސާރައެއް ކުރިމަތި ނުވާކަން ފާހަގަ ކުރި އެވެ.

އެހެން ނަމަވެސް ރަފާގެ މަންމައާއި ބައްޕައަކީ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށްވާތީ އެހެން ކުދިންނަށް ނުލިބޭ "ޕްރިވިލެޖް" ލިބޭ ކަމަށް އޭނާ ބުންޏެވެ.

"މިސާލަކަށް އިނދޭ ފައިނޭންޝިއަލް ޕްރިވިލެޖް. ބައެއް ކުދިންނަށް ނީނދޭ ޓްރެއިނިންނަށް ވެސް ދެވެން ވެސް މުސާރައިން. ބައްޕަމެން އަމިއްލައަށް ހަރަދުކޮށްގެން ޓްރެއިނިންއަށް ފޮނުވައިގެން މި ހިސާބަށް އާދެވުނީވެސް. ދެން އެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ބޭނުންވެސް ކުރެވިއްޖެ" ރަފާ ބުންޏެވެ.

މަންމައާއި ބައްޕަވެސް އެހާ ތައުލީމީ ބޭފުޅުންވީމަ އެ އުސްމިނަށް ދާން އެއްވެސް ޕްރެޝަރެއް އިނދޭތޯ؟

ރަފާގެ ބައްޕައާއި މަންމައަކީވެސް ގިނަ ބަޔަކު ދަންނަ ބޭފުޅުން ނެވެ. ނިމިގެން ދިޔަ ވެރިކަމުގައި ރަފާގެ ބައްޕަ، އަބްދުﷲ ނާޒިމްއަކީ ހެލްތު މިނިސްޓަރެވެ. މަންމަ ޑރ. ދީބާ މޫސާއަކީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ އެވެ.

ރަފާ އޭނާގެ އާއިލާއާއެކު--

އާންމުކޮށް މައިންމަފައިންނަކީ އެހާ ތައުލީމީ ބޭފުޅުންނަށް ވުމުން ދަރިންވެސް އެ އުސްމިނަށް ވާސިލުވުމަށް ޕްރެޝަރުތައް އާދެއެވެ. ނޫންނަމަ ދަރިން އަމިއްލައަށް ވެސް ވިސްނިފައި އޮންނަނީ އެ މީހުންނަށް އެއްވަރަށް ދެވެން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ރަފާ ބުނީ އެފަދަ އެއްވެސް ޕްރެޝަރެއް މައިންބަފައިންގެ ފަރާތުން ނާންނަ ކަމަށެވެ.

"އެހެން ނަމަވެސް އިހުސާސްވޭ އަހަރެން ވަކި އުސްމިނަކަށް ވާސިލްވާން ޖެހޭނެކަމާއި އެ އުސްމިނުގައި ހިފަހައްޓަން ޖެހޭނެ ކަން. އެކަމަކު އެކަހަލަ ޕްރެޝަރުތަކެއް އައިސްކަން ނޭނގެ އެންމެ ބެސްޓް ލެވެލްއަށް މި ދެވެނީ" ރަފާ ބުންޏެވެ.

މިހާރު ތިހުރީ ސްކޫލު ނިމިފައި، ކޮން ދާއިރާއަކުންތޯ ކުރިއަށްދާ ބޭނުންވަނީ؟

ރަފާ ސީއެޗްއެސްއީ ނިންމީ 2019 ވަނަ އަހަރު އެވެ. އެއަށް ފަހު އޭނާ މިހާރު ހިތުލައިގެން ހުރީ ޑޮކްޓަރުކަން ކިޔަވާށެވެ.

އެކަމަށް ތައްޔާރުވުމުގެ ގޮތުން އޭނާ މިހާރު އޭޑީކޭގައި ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ރަފާ ބުނީ ޓީޓީއަށް ކިތަންމެ ޝައުގުވެރިކަމެއް ހުރި ނަމަވެސް ރާއްޖޭގައި ކެރިއަރެއްގެ ގޮތުގައި ޓީޓީ ނަގައިގެން ރަނގަޅު އާމްދަނީއެއް އަދި ލިބެން ނެތް ކަމަށެވެ،

ރަފާއަކީ "އިންޓްރޮވާޓެއް" ނޫނީ "އެކްސްޓްރޮވާޓެއް" ތަ؟

ރަފާ ބުނީ އޭނާއަކީ އާންމު ދިރިއުޅުމުގައި ހަމަ ވަރަށް "އިންޓްރޮވާޓެއް" ކަމަށެވެ.

"އަހަންނަކީ އަމިއްލައަށް މީހުންނާ ތައާރަފްވެ އެހެން ވާހަކަ ދައްކާ މީހެއް ނޫން." ރަފާ ބުންޏެވެ.

ރަފާ ބުނީ އޭނާގެ ރަހުމަތްތެރިންގެ ގޮތުގައި ވެސް ތިބެނީ މަދު ބައެއް ކަމަށެވެ. އަދި އެއީ ކުޑައިރުއްސުރެވެސް ރަހުމަތްތެރިކަން އޮންނަ މީހުން ކަމަށެވެ. އަދި އެ މީހުންނަށް ވަރަށް އިތުބާރު އޮންނަ ކަމަށެވެ.

"ކުރިން ސްކޫލުގައި އެއްކޮށްތާ ދިމާވާނީ. އެހެން ނަމަވެސް މިހާރު ދެން ވަޒީފާތަކަށް ދިޔައިމަ ކުރިން ދިމާވާ ވަރަކަށް ދިމައެއް ނުވާނެ. އެހެން ނަމަވެސް މިހާރުވެސް ވާހަކަ ދައްކާ ހަދަން. ބޭރަށް ގޮސް ހަދަން. ދެން ހަމަ ކުރިން އޮތް އިތުބާރު އެ މީހުންނަށް އޮވޭ" ރަފާ ބުންޏެވެ.

ރަފާ--

ބައްޕަގެ ވަޒީފާ ނޫނީ މަންމަގެ ވަޒީފާ ހިޔާރުކުރަން ޖެހިއްޖެ ނަމަ ކޮން ވަޒީފާއެއް ހިޔާރު ކުރާނީ؟

ރަފާ ބުނާ ގޮތުން އޭނާގެ މަންމައާއި ބައްޕަގެ ވަޒީފާގެ ތެރެއިން ވަޒީފާއެއް ހިޔާރުކުރަން ޖެހިއްޖެނަމަ ހިޔާރުކުރުން ގާތީ މަންމަގެ ވަޒީފާއެވެ.

ރަފާގެ މަންމަ ޑރ. ދީބާ މޫސާއަކީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާއަށްވާ އިރު ބައްޕަ، އަބްދުﷲ ނާޒިމްއަކީ ކުރީގެ ހެލްތު މިނިސްޓަރެވެ. އެހެން ނަމަވެސް ސިއްހީ ދާއިރާގެ އެކި މައްސަލަތަކުގައި އުޅުމަށްވުރެ ބޮޑަށް ޝައުގުވެރިވަނީ ތައުލީމީ ދާއިރާއަށް ކަމަށް އޭނާ ބުނެއެވެ.

ރަށްފުށުގެ ދިރުއުޅުންތަ ނޫނީ މާލޭގެ ދިރިއުޅުންތަ ކަމުދަނީ؟

ރަފާގެ ބައްޕަ ޅ. ހިންނަވަރަށް ނިސްބަތްވާ އިރު މަންމަ ނިސްބަތްވަނީ މާލެ އަށެވެ. އަދި އޭނާ އުޅެ ބޮޑުވީ ވެސް މާލޭގަ އެވެ.

އަދި ހިންނަވަރަށް ޗުއްޓީގައި ދިޔަ ނަމަވެސް އެ ރަށުގައި ދިރިއެއް ނޫޅެއެވެ.

"ދެން މާލޭގައި އުޅޭއިރު އަބަދުވެސް އާއިލާއާއެކު މި އުޅެނީ. ރައްޓެހިންވެސް މި ކޮޅުގައި. އެހެންވީމާ މާލޭގައި އުޅެން ބޭނުންވަނީ " ރަފާ ބުންޏެވެ.

މެޑިސިން އާއި ކުޅިވަރު ނޫން ދާއިރާއަކުން ނަމަ ކޮން ދާއިރާއަކުން ފެންނާނީ؟

ރަފާ ބުނާ ގޮތުން ޑޮކްޓަރުކަމާއި ޓީޓީ ނޫން ދާއިރާއަކުން ނަމަ ފެނުން ގާތީ ވެސް ކުޅިވަރާ ކޮންމެވެސް ވަރަކަށް ގުޅުން އޮންނަ ދާއިރާއަކުންނެވެ.

އެގޮތުން ފިޒިއޮތޮޮރަޕީ ނުވަތަ ސްޕޯޓްސް ސައިންސްގެ ދާއިރާއިން ފެނުން ކައިރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަމަލު ފޮޑި

    ހެޔޮ ގޮތްތައް މިންވަރުކޮށް ދެއްވާށިއެވެ!

    19
  2. ޝަރީފްބެ

    ރަފާގެ ކާމިޔާބީތަކަށްޓައި ވަރަށް ބޮޑަށް އުފާކުރަން، ރަފާއަކީ ވަރަށް އަޚްލާޤު ރަނގަޅު ބަސްއަހާ ކުއްޖެއްކަމަށް ފާހަގަކުރެވޭ. ބާއްޖަވެރި އަލިމަގެއް އަދި ކުރިމަގެއް މިންވަރު ކުރައްވާށި! މައިން ބަފައިން ދެއްވާ އެހީތެރިކަމަށްޓަކައި މައިން ބަފައިންނަށްވެސް މަރްޙަބާ!

    21
  3. ާމެދު

    ރަފާއަކީ ވަރަށް އަޚްލާޤު ރަނގަޅު ބަސްއަހާ ކުއްޖެ😊

    14