އެއް އަހަރު ތެރޭގައި ދަރިއަކު ނުހޯދައިފިނަމަ ކޯޓަށް ދާނެ ކަމުގެ އިންޒާރު އިންޑިއާގެ ދެމަފިރިއަކު އެ މީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް އަންގައިފިއެވެ. އެ މީހުން ކޯޓަށް ދަނީ، ވޭތުވެދިޔަ އަހަރުތަކުގައި އެ ދަރިފުޅުގެ އެކި ބޭނުންތަކަށް ހޯދި ހަރަދުތައްވެސް ހޯދުމަށެވެ. އޭގެ ތެރޭގައި ދަރިފުޅު ކިޔަވަން ދިޔަ ހަރަދާއި، ކައިވެންޏާއި އެނޫންވެސް ކަން ކަމަށް ދިޔަ ހަރަދު ހިމެނެއެވެ

ސަންޖީވް އާއި ސާދުނާ ޕްރަސާދު ބުނާ ގޮތުގައި އެމީހުން، އެ ދަރިފުޅަށްޓަކައި އެތައް ގުރުބާނީއެއްވެ، އެތައް ފައިދާއެއް ހަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕައިލެޓްކަން ކިޔަވާ ދިނުމަށާއި، ތަނަވަސް ކައިވެނި ޕާޓީއަކަށް ފައިސާ ދައްކައިދިނެވެ. އެހެން ނަމަވެސް ދަރިފުޅު އެ މީހުން ބުނާގޮތަށް ކަންތައް ނުކުރާތީ ފޫހިވެއްޖެ ކަމަށް ބުނެފައި ވެއެވެ.

އެހެންވެ އެކަންކަމަށް ހޭދަކުރި ހަރަދު ބޭނުންވާ ކަމަށް ދެމަފިރިން ބުނެފައެވެ.

"އަހަރެންގެ ދަރިފުޅާ ކައިވެނިކޮށްގެން އުޅޭތާ ހަ އަހަރު ވީ ނަމަވެސް އަދިވެސް އެ މީހުން ކުއްޖަކު ހޯދަން ރާވަންވެސް ނޫޅޭ. އަހަރެމެންގެ އެކުގައި ހޭދަ ކުރާނެ މާމަ، ކާފަ ދަރިއަކު ހުރިނަމަ އަހަރެމެންގެ ވޭންތަކަށް ކުޑަވެސް ލުޔެއް ލިބޭނެ،" ހަރިދުވާރުގެ ކޯޓަކަށް މިދިޔަ ހަފުތާގައި ހުށަހެޅި ޕެޓިޝަނުގައި އެ ދެމަފިރިން ބުނެފައި ވެއެވެ.

މިދެމަފިރިން ޑިމާންޑް ކުރަމުން ދަނީ ފަސް ތަރީގެ ހޮޓަލެއްގައި ކައިވެނި ހަފްލާ ކުރިއަށް ގެންދަން ދިޔަ ފަސް މިލިއަން ރުފިޔާގެ ހަރަދާއި، 80،000 ޑޮލަރުގެ ލަގްޒަރީ ކާރަކާއި އެ ދެމަފިރިންގެ ހަނީމޫނަށް ހޭދަކުރި ފައިސާ ދެއްކުމަށެވެ.

"އަޅުގަނޑުމެންގެ ގެ އިމާރާތް ކުރަން ލޯނެއް ވެސް ނަގަން ޖެހުނު، މިހާރު އަޅުގަނޑުމެން މިދަނީ މާލީ ގޮތުން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލަމުން. އަދި އެކަނި ދިރިއުޅެމުން ދާތީ ވަރަށް ބޮޑަށް ހިތްނުތަނަވަސްވޭ". އެ ދެމަފިރިންގެ މައްސަލައިގައި ވެއެވެ.

އެ ދެމަފިރިންގެ ގާނޫނީ ވަކީލު އަރްވިންދް ކުމާރު ބުނީ މި ޕެޓިޝަންގެ މައްސަލަ މި މަހުގެ 17 ވަނަ ދުވަހު އިންޑިއާގެ އުތުރުގެ އަވަށެއްގެ ކޯޓުގައި ފަށާނެ ކަމަށެވެ.

އިންޑިއާގައި ވަރަށް ވަރުގަދަ ބޮޑު އާއިލީ ސިސްޓަމެއް އޮންނަ ގައުމެކެވެ. އޭގެ ތެރޭގައި ގިނަ ޖީލުތަކެއްގެ މާމަ އާއި ކާފަ، މާމަދަރިންނާއި ކާފަ ދަރިންގެ އިތުރުން، ބޮޑުބޭބެއިންނާއި ބޮޑުދައިތައިން އެއް ގޭބިސީއެއްގައި ގިނަ ފަހަރަށް ދިރިއުޅޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު