އިންޑިޔާގެ ފިލްމު އިންޑަސްޓްރީއަށް އިއްޔެ އަކީ ކަޅު ދުވަހެކެވެ. ބޮލީވުޑްގެ ސުޕަރސްޓާ ސްރީދޭވީގެ މަރާއި ގުޅިގެން މުޅި އިންޑަސްޓްރީއަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ. ސްރީދޭވީގެ ހަށިގަނޑު އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށާއި އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުަމަށް ދުބާއީ ފުލުހުންގެ ޖެނެރަލް ޑިޕާޓްމަންޓް އޮފް މެޑިސިންއަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަނާޒާގެ ކަންތައް މިއަދުގެ ވަގުތެއްގައި ނޫނީ މާދަމާގެ ވަގުތެއްގައި ކުރުަމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސްރީދޭވީ މަރުވެފައިވަނީ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށް ފިރިމީހާ ބޯނީ ކަޕޫރުއާއިއެކު ދުބާއީގައި ހުއްޓައެވެ. އޭނާ މަރުވިއިރު ތައްޔާރު ވަމުން ދިޔައީ ފިރިމީހާއަށް ސަޕްރައިޒް ޑިނާއެއް ދިނުމަށެވެ. އެ ކެއުމަށް ދާން ތައްޔާރުވާން ސްރީދޭވީ ހުއްޓާ އޭނާގެ މެއަށް ތަދެއް އެރީ ޖުމެއިރާ އެމިރޭޓް ޓަވާ ހޮޓެލްގެ ކޮޓަރިއެއްގެ ފާހާނާގައި ހުއްޓައެވެ.

އިއްޔެ އިންޑިއާގެ އެތައް ބަޔަކު ތައްޔާރުވަމުން ދިޔައީ ސްރީދޭވީއަށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރުމަށެވެ. ނަމަވެސް އިއްޔެ ސްރީދޭވީގެ ހަށިގަނޑު އިންޑިއާއަށް ގެންދެވިފައި ނުވަނީ އޮޓޮޕްސީ ހެދުމަށް ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމުންނެވެ.

ސްރީދޭވީގެ މަރާއެކު ގިނަ ފަންނާނުން އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.