ކޮންމެ އަހަރަކުވެސް އެން.ސީ.އޭ ފަރާތުން އިންތިޒާމް ކޮށްގެން ފިލްމީ ދާއިރާގެ ފަރާތްތަކުގެ އަގު ވަޒަންކުރުމަށްޓަކައި ބާއްވަމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" ގައި ފިލްމުތައް ބައިވެރި ކުރުމަށް ހުޅުވާލައިފިއެވެ.

"ދިވެހި ފިލްމު އެވޯޑްސް 9" ގެ ނަމުގައި މި އަހަރު ބާއްވާ މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މި ރަސްމިއްޔާތު ބާއްވާނެ ވަކި ތާރީޚެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

ފާއިތުވި 2017 ވަނަ އަހަރުގެ ފިލްމުތައް މިއަދުން ފެށިގެން ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ފިލްމުތައް ބައިވެރިކުރެވޭނެ އެންމެ ފަހު ތާރީޚަކީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އެވެ.

"ދިވެހި ފިލްމު އެވޯޑްސް 9" ގައި ފިލްމުތައް ބައިވެރިކުރަން އެދޭ ފޯމް މިހާރު އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ފާއިތުވި އަހަރުވެސް ހިތްގަިއމު ރީތި ފިލްމުތަކެއް އާންމުންނާއި ހަމައަށް އައިސްފައިވާއިރު، އޭގެތެރެއިން ބައެއް ފިލްމުތަކަކީ "ވިޝްކާ"، "މީ ލޯތްބަކީ، "މަލިކާ"، ނޯޓީ ފޯޓީ"، "އިލް ނޮއިސް"، "ނޭދެން ވަކިވާކަށް"، "ހައްދު"، "ބޮސް" އެވެ.

މިއީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި މި ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ބާއްވާ އެވޯޑް ހަފްލާއެއްކަން ފާހަގަކޮށްލެވެއެވެ.