ދުބާއީގައި ނަހަލާލަށް ވިހެއުމަށް ފަހު ދަރިފުޅު މަރާލި އަންހެން މީހާ ހަތް އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ނަހަލާށް ވިހެއުމަށް ފަހު ދަރިފުޅު މަރާލީ ދުބާއީގައި މަސައްކަތް ކުރުމުން ދިޔަ ބިދޭސީ އަންހެނެކެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ އަންހެނެއްކަމެއް އެ ގައުމުގެ ނޫސްތަކުން ހާމައެއް ނުކުރެ އެވެ.

އަންހެން މީހާ ބުނީ އޭނާ އުޅުނީ މީހަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި އެ ގުޅުމުގެ ތެރެއިން ބަނޑުބޮޑުވީ ކަމަށެވެ.

އޭނާ ވިހެއީ އޭނާ ދިރިއުޅުނު ކޮޓަރީގަ އެވެ. ދަރިފުޅު ވިހޭތާ ތިން މިނެޓް ފަހުން ބާލީހަކުން ދަރިފުޅު ނޭވާ ހާސްކޮށް މަރާލީ އެވެ. އަދި އެއަށްފަހު ތިން ދުވަސްވަންދެން ދަރިފުޅު ބޭއްވީ އޭނާ އުޅުނު ކޮޓަރީގަ އެވެ.

ނަމަވެސް އެކަން ފަޅާއެރީ ދަރިފުޅު ކޮތަޅަކަށް ލައި އެއްލާލަން އުޅެނިކޮށް މީހަކު ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުން ނެވެ.

އެކަން ރިޕޯޓްކުރި ފިރިހެން މީހާ ބުނީ އަންހެނަކު ވަރަށް ބާރަށް ހަޅޭލަވާ އަޑު އިވުނު ކަމަށާއި އަދި އެ ހަަޅޭކުން ވެސް އެއީ އަންހެނަކު ވިހާއިރު އަޅާ ވޭންކަން އިހުސާސްވި ކަމަށެވެ.

އޭގެ ތިން ދުވަސް ފަހުން އެ އަންހެން މީހާ ކޮތަޅެއް އެއްލާލަން އުޅެނިކޮށް ފެނުނު ކަމަށެވެ. އަންހެން މީހާއާ ވާހަކަ ދައްކައި ކޮތަޅު އެއްލާލަން އެހީވެދޭން އެއްބަސްވި ކަަމަށާއި އަދި އެ ކޮތަޅުގައި އިންސާނަކު އޮތުމުން ފުލުހުންނަށް ރިޕޯޓް ކުރީ ކަމަށެވެ.

އަންހެން މީހާ ހައްޔަރުކުރުމުން އެ ކުށަށް ވަނީ އިއުތިރާފްވެފަ އެވެ. އޭނާގެ ޖަލުގެ ހުކުމް ފުރިހަމަ ކޮށް ނިމުމުން ޑީޕޯޓްކޮށްލާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިމާ ބަނޑުއަޅާ ވިހޭ ދަރިފުޅު، މަރާލުމުން ކަށަވަރުވަނީ ތިމާއަކީ ޖަނަވާރެއްކަން.