އީލޮން މަސްކުގެ އަނގަޔާ ހެދި އޭނާއަށް އަނެއްކާވެސް ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީލޮންއަށް ބިލިއަން ޑޮލަރުގެ ގެއްލުންވެ އޭނާގެ މިލްކިއްޔާތު ދަށްވީ އޭނާގެ ކުންފުނި ޓެސްލާގެ މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓް މުވައްޒަފުން މަގާމުން ވަކިކުރަން ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުން ކަމަށެވެ.

އެކަމާ ގުޅިގެން ޓެސްލާގެ ހިއްސާގެ އަގު 9.2 ޕަސެންޓް ދަށަށް ގޮސްފައިޗާ ކަމަށާއި އެއާއެކު އީލޮންގެ މިލްކިއްޔާތައް އަސަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ހަމަ މި އަހަރު ޓުވިޓާ ގަންނަން އުޅުމުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ވެސް ޓެސްލާ ހިއްސާ 33 ޕަސެންޓް ދަށަށް ދިޔަ އެވެ.

މިއަހަރު ފެށުނު ފަހުން އީލޮންގެ މިލްކިއްޔާތުން 55 ބިލިއަން ޑޮލަރު ވަނީ ދަށަށް ގޮސްފަ އެވެ. އެހެން ނަމަވެސް 216.8 ބިލިއަން ޑޮލަރާއެކު އަދި ވެސް ދުނިޔޭގެ އެންމެ މުއްސަނދި ބޭފުޅަކީ އީލޮން އެވެ.

އެމެރިކާގެ ޗީފް މާކެޓް ސްޓްރެޓެޖިސްޓެއް ކަމަށްވާ މެޓް މާލޭ ވިދާޅުވީ އިންވެސްޓަރުން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އީލޮން އަނގަ ބަންދުކުރަން ކަމަށެވެ.

އީލޮންއަކީ އާންމުކޮށް ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަރަށް ލާނެތްކޮށް ހިތައް އައިހާ އެއްޗެއް ވިދާޅުވާ ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ.